ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ރައްޔިތުންނާ މެދު ވިސްނަވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ އިދިކޮޅު ކެނޑިޑޭޓަށް ތާއީދު ހޯއްދުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ޤާސިމް އިބްރާހީމް މަސައްކަތް ކުރައްވަނީ އަމިއްލަ ޖީބު ބޮޑު ކުރަން ކަމަށާއި އަނބިކަނބަލުންގެ ވަޒީފާ ހިމާޔަތް ކުރަން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ހަމައިގައި އިނގޭތޯ، އަޅުގަނޑުމެންގެ ބުއްދި އެބަހުއްޓޭ. އަޅުގަނޑުމެން މި ޤައުމާ ދޭތެރޭ ވިސްނަމޭ. އަމިއްލަ ޖީބު ބޮޑުކުރަން ވެގެން ތި އުޅެނީ، އަނބިމީހާގެ ވަޒީފާ ހިމާޔަތް ކުރަންވެގެން ތި އުޅެނީ" އަދުރޭ ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމްގެ އަނބިކަބަލުންނަކީ ޓްރާންސްޕޯޓް މިނިސްޓަރެވެ. އަނބިކަބަލުން ނަހުލާއަށް މިނިސްޓަރުކަން ދެއްވީ ޤާސިމްގެ ނުފޫޒުން ކަމަށާއި އެކަމަނާ އެ މަޤާމަށް ކުފޫ ހަމަނުވާ ކަމަށް މީގެ ކުރިން ސަރުކާރުގެ މައި ކޯލިޝަން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވިދާޅުވެފައިވެއެވެ.
އަދުރޭގެ ބަހުގެ ހަމަލާތައް ޤާސިމަށް އަމާޒުވެފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ވާދަކޮށް، ކެންޕެއިންގައި އެ ރަށުގައި ޖަލްސާ ބާއްވައިފައިވަނިކޮށެވެ.
ކޮމަންޑޫގައި ޤާސިމް ދެއްކެވި ވާހަކަފުޅުގައި ޤާސިމް ވިދާޅުވީ، ރައީސް ޔާމީން މިއަދު މިނިވަންކަމާ އެކު އުޅުއްވަނީ ރައީސް ޞާލިހްގެ އިޙްސާންތެރި ކަމުން ކަމަށެވެ. މިކަމަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، އެގޮތަށް ވެރިން ބޭނުންވެގެން މީހުން ޖަލުން ނެރެނީ ޝަމްސުއްދީންގެ ވެރިކަމުގައި ކަމަށެވެ. މިއަދުގެ ނިޒާމު ވެސް އަދި ރައްޔިތުން ވެސް ތިބީ ހޭލާ ކަމަށާއި މިއަދު ކަން ހިނގާ ގޮތް ރައްޔިތުންނަށް ވެސް އެނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޤާސިމުގެ އަންހެނުން ނަހުލާއަކީ ޓޫރިޒަމް މިނިސްޓަރެއް ނޫން. އެއީ ޓްރާންސްޕޯޓް މިނިސްޓަރު. ޓޫރިޒަމް މިނިސްޓަރަކީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ޑރ. މައުސޫމް ކިޔާ މީހެއް.