2019ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ޕީޕީއެމްއަށް ނާކާމިޔާބުވީ އޭރު ޖުމްހޫރީ ޕާޓީއާ އެކުވި އެއްބަސްވުމެއްގެ ދަށުން ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އަންނަ މަހު ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. 65 ގޮނޑިއާ އެކު، އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ހޯދައިފައެވެ.
މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަށް އެހައި ބޮޑު މެޖޯރިޓީއެއް ލިބުނީ އެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ދޫކޮށް، އެ ދާއިރާއަށް ޕީޕީއެމްއިން ވާދަ ނުކުރުމުން ކަމަށެވެ.
"ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ދޫކޮށްލި ނަމަވެސް ރައްޔިތުން ނިންމީ ޕީޕީއެމްއިން އަދި ބުނި ނަމަވެސް ތިމަންނަމެންގެ ވޯޓު ޖުމްހޫރީ ޕާޓީގެ މެންބަރުންނަކަށް ނުދޭނަމޭ. އެ ނުދިން ނުދިނުމުގެ ނަތީޖާއަކަށްވީ އެމްޑީޕީއަށް އެހައި ބޮޑު މެޖޯރިޓީއެއް ލިބިގެން ދިއުން" ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ގޮނޑިތައް ދޫކޮށްލީ މަޖުބޫރީ ހާލަތުގައި ހުރެގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ހާލަތެއް ކަމެއް ތަފްސީލެއް ނުކޮށްދެއްވައެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ލީޑަރު ކަމުގައި އެމަނިކުފާނު ހުންނެވިހައި ހިނދަކު، އެހެން ޕާޓީއާ އެކު ކޯލިޝަން ހެދިޔަސް، މަޖިލީހުގެ ގޮނޑިތައް އެހެން ޕާޓީއަކަށް ދޫނުކުރާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ތެރޭގައި ނިންމައިފިން ޕީޕީއެމްގެ ލީޑަރުކަމުގައި ހުރެގެން އަޅުގަނޑުގެ ބަސް ހިނގާ ކަމަށްވަންޏާ އަޅުގަނޑުމެން ކޯލިޝަން ހަދަން ޖެހިގެން ކޯލިޝަން ހެދި ނަމަވެސް ރައްޔިތުންގެ މަޖިލިސް އެއްވެސް ދާއިރާއެއް ދެން އަޅުގަނޑުމެނެއް ދުލެއް ނުކުރާނަން. އެއީ ސަތޭކައިން ސަތޭކަ ޕީޕީއެމްގެ މެމްބަރުން ތިބެން ޖެހޭ ދާއިރާތަކެއް ކަމަށް އަޅުގަނޑުމެން ނިންމާނީ" ރައީސް ޔާމީން ވިދާޅުވިއެވެ.
2019ވަނަ އަހަރު މަޖިލިސް އިންތިޚާބު އައި އިރު، ޖުމްހޫރީ ޕާޓީ އޮތީ އެމްޑީޕީއާ އެކު ސަރުކާރު ކޯލިޝަނެއްގައެވެ. އެހެން ނަމަވެސް އެމްޑީޕީން ވަނީ ހުރިހާ ދާއިރާއަކަށް ވާދަކޮށްފައެވެ.
ރަންނަމާރިޔާ ރަންނަމާރިޔާ ޓުޓުއްޓު ޓުޓުއްޓު ޓުޓުއްޓު ޓޫ