ރިޕޯޓް

މުޅި ރާއްޖެ ކޮމަންޑޫ ދާއިރާގެ ނިންމުމުގެ އިންތިޒާރުގައި ، އެ ދާއިރާއިން ފެންނަނީ ކޮން މަންޒަރެއް؟

  • ބައިއިލެކްޝަނާ އެކު ދާއިރާއަށް ކުރިއެރުން
  • ސަރުކާރު ހިންގަނީ ކޮމަންޑޫ ދާއިރާގައި
  • ޚިޔާލު ހޯދުމުގެ ވޯޓްތަކާއި ދިރާސާތައް
މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޑޯޓުޑޯގައި ޕީޕީއެމްގެ ކެނޑިޑޭޓް ނުވަތަ އެ ޕާޓީގެ ކެމްޕެއިން ޓީމްގެ ބޭފުޅުން ގެއަކަށް ވަދެ ނިކުމެ ގިނައިރެއް ނުވެއެވެ. އެމްޑީޕީގެ ކެމްޕެއިން ޓީމު އެ ގެއަކަށް ޒިޔާރަތް ކުރެއެވެ. އެ ޒިޔާރަތަށް ފަހު ދެން އޮންނަނީ އެމްއެންޕީގެ ޒިޔާރަތެވެ.

Ads by MWSC

އެހެން މަންޒަރެކެވެ. ރަންރީދޫގެ އެޖެންޑާ19 ޖެހި ލޯންޗު ފަޅުން ނިކުންނައިރު، އެމްއެންޕީގެ ލޯންޗު އޮންނަނީ ފަޅު ތެރޭގައެވެ. ގިނަ އިރެއް ނުވެ ޕީޕީއެމްގެ ލޯންޗު ވެސް އޮންނަނީ އެ ރަށުގައެވެ. ރަށު ތެރެއިން އިވެނީ ތިލަފަތަށް ވޯޓްލާން ބުނާ ލަވައާއި ހެޔޮ ބަދަލަކަށް ފަތުހީއަށް ވޯޓްދޭން ބުނާ ލަވައެވެ.

މިއީ މި ވޭތުވެދިޔަ މަހެއްހައި ދުވަހު ކޮމަންޑޫ ދާއިރާގެ ތިން ރަށް، ކޮމަންޑޫ، މަރޮށި، ފޯކައިދޫން ފެނުނު އާންމު މަންޒަރެވެ. ތިން ރަށް ވެސް އޮތީ ސިޔާސީ ޢީދެއްގެ ތެރޭގައެވެ.

ވަރުގަދަ، ފޯރިގަދަ ކެމްޕެއިނަކަށް ފަހު ގިނަ ބަޔަކު ތިބީ ގޮތް ނިންމައިގެންނެވެ. ދެން އޮތީ އިންތިޚާބުގެ އެންމެ ފަހުގެ މަރުޙަލާތަކެވެ. ވޯޓްލުމާއި ވޯޓް ގުނުމެވެ. މުޅި ރާއްޖެ އިންތިޒާރުކޮށް އޮތް ބޮޑު ނަތީޖާއެވެ.

ބައިއިލެކްޝަނާ އެކު ދާއިރާއަށް ކުރިއެރުން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިއުލާން ކުރި ހިސާބުން ކޮމަންޑޫ ދާއިރާއާ ލައްވައިލީ ބޮޑު އީދެކެވެ. ތަރައްޤީގެ ޕްލޭންތައް މަތިމައްޗަށް ރޭވުނެވެ. އެތައް އަހަރެއް ދުވަހެއް ވަންދެން ހުއްޓިފައި ހުރި މަޝްރޫއުތައް ފަޓާސް ބަރިއެއްހެން ފެށިއެވެ. އިންތިޚާބާ އެކު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިޙްސާސްތަކުގެ އަޑު ސަރުކާރަށް އިވުނެވެ. ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފެށުނެވެ. ފުޓްބޯޅަ ދަނޑުތަކާއި ޓާފް ދަނޑުތައް ތަރައްޤީ ކުރެވުނެވެ. ބަނދަރު ފުންކޮށް، މަސް ކަނދުފަތިތައް އެޅުނެވެ. ބައި ގަރުނު ދުވަހު ޓޫރިޒަމްއަށް ކުރި އިންތިޒާރު ވެސް ޙަޤީޤަތަކަށްވީއެވެ. ވެރިކަމުގެ ތިން އަހަރުން، އަދި ކިއެއް މި ދިޔަހައި ތަނެއްގައި، ނައި ތަރައްޤީ ކޮމަންޑުއަށް އައީ ދޮޅު މަހުންނެވެ.

ސަރުކާރުން މި ގޮނޑި ނެގުމަށް 300 މިލިޔަނެއްހައި ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދެންނެވީ ހަމައެކަނި ކުއްލިއަކަށް އިންތިޚާބާ އެކު ފެށި ޕްރޮޖެކްޓްތަކުން އެކަންޏެވެ. އެއީ ދެ ކޮމަންޑޫ ގުޅައިލާން 249 މިލިއަން ރުފިޔާ އާއި މަރޮށީގެ ބަނދަރު ބޮޑުކުރުމަށް 43 މިލިޔަން ރުފިޔާއާއި ކޮމަންޑޫގައި އައިސް ޕްލާންޓެއް ބެހެއްޓުމަށް 5 މިލިޔަން ރުފިޔާއެވެ.

އިދިކޮޅުން ވިދާޅުވަމުން ގެންދަނީ ތަރައްޤީގެ މަޝްރޫއުތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ ކަންތައް ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙާއި އެމްޑީޕީން ވިދާޅުވަނީ، އެއީ މެނިފެސްޓޯގައި ހުރި ކަންކަން ކަމަށެވެ. އަދި ނުފޫޒު ފޯރުވާ ކަމަށް ބަޔަކު ތުހުމަތުކުރި ނަމަވެސް، ތަރައްޤީގެ މަޝްރޫއުތައް މަޑު ޖައްސައިނުލާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ސަރުކާރުން ބޭނުން ކުރާކަމުގެ ތުހުމަތު، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވެސް ކުރެއެވެ. މިގޮތުން ޓްނާސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާނުކޮށް، އިފްތިތާހުކުރުމަށް ޖަލްސާބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެެވެ. އަދި މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާ އެކު ކެނޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވާ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރިއެވެ. ނަމަވެސް މިކަމަށް ސަރުކާރުގެ މާ ބޮޑު ސަމާލުކަމެއް ނައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އިއްޔެ ވެސް ވަނީ، ސަރުކާރުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ރައީސް ނަޝީދާއި ރައީސް ޞާލިޙް ކެންޕެއިން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އިންތިޚާބާ ގުޅޭ ގޮތުން މައްސަލަ އިދިކޮޅުން އޭސީސީއަށް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް ޤާނޫނީ ހުސްކަމެއްގައި އޮތުމުން މައްސަލަ އޭސީސީއަށް ބެލޭ ގޮތެއް ނުވިއެވެ.

އިލެކްޝަނުން ވެސް އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލައެއް ނުބަލައެވެ. ނަމަވެސް އެކަން ނުކުރަން އިލްތިމާސް ކުރިއެވެ.

ކެންޕެއިން ނިންމާލުމަށް ޕީޕީއެމްއިން ބޭއްވި ހަރަކާތުގެ ތެރެއިން

އިދިކޮޅުގެ ކެނޑިޑޭޓަށް ތާއީދު ހޯއްދަވައިދެއްވުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވެސް ވަނީ އެ ދާއިރާއަށް ވަޑައިގެންފައެވެ. އަދި ދާއިރާގެ ރައްޔިތުންނަށް އުއްމީދުތަކެއް ދެއްވިއެވެ. އެގޮތުން ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެއަރޕޯޓަކާއި ރިސޯޓްތައް ހަދައިދޭނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވިއެވެ.

ސަރުކާރު ހިންގަނީ ކޮމަންޑޫ ދާއިރާގައި

ޕީޕީއެމްއިން ސިފަ ކުރައްވާ ގޮތުގައި، މިހާރު ސަރުކާރު ހިންގަމުން ގެންދަނީ ކޮމަންޑޫގައެވެ. މިޔަކީ، މުޅިން ގޯސް ވާހަކައެއް ނޫނެވެ. ސަރުކާރުގެ ހުރިހާ ވަޒީރުން ކަހަލަ ގޮތަކަށް ކޮމަންޑުއަށް ވަޑައިގެންފިއެވެ. ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ދިރިއުޅުއްވަނީ ވެސް ކޮމަންޑޫގައެވެ. ރައީސް ޞާލިޙާއި ރައީސް ނަޝީދު ދެ ފަހަރު ކޮމަންޑުއަށް ވަޑައިގެންފިއެވެ. ވަކިންނާއި ދެ މީހުން އެކީގައެވެ.

ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ މާ ބޮޑު ޝައުގުވެރިކަމެއް މީގެ ކުރީން ހުއްޓިފައި ނެތް ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮއްޓަކީ ސިޔާސީ ވެރިންގެ ތަންމައްޗަށް ވިއެވެ. އުނދަގޫ ތަޖުރިބާތައް ފަސޭހަކަށް ވިއެވެ.

ސަރުކާރު ހިންގަނީ ކޮމަންޑޫގައޭ ބުނާ މީހުން އިތުރު ސަބަބެއް ވެސް ދައްކައެވެ. އެއީ ސަރުކާރުގެ ބޮޑެތި ވައުދުތައް ކެންޕެއިން ޖަލްސާތަކުގައި ވިދާޅުވުމެވެ. މިގޮތުން ސިއްހީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ވެސް ރައީސް ވިދާޅުވީ ކޮމަންޑޫގެ ޖަލްސާއެއްގައެވެ. އާބާދީ މަދު ރަށްރަށުގައި ވެސް އޭޓީއެމް ބަހައްޓާ ވާހަކަ ވިދާޅުވީ ފޯކައިދޫގައެވެ.

ކެންޕެއިން ނިންމާލަން އެމްޑީޕީން ބޭއްވި ހަރަކާތުގެ ތެރެއިން.. ފޮޓޯ/އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ސްޕަ-މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ޤާސިމް ވިދާޅުވާ ގޮތުން، ޖުމްހޫރީ ޕާޓީގެ ތިން ވޯޓާ އެކު، މިހާރުވެސް ޤާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އެމްޑީޕީއަށް އެބައޮތެވެ. އެހެންކަމަށްވާ ނަމަ މި އިންތިޚާބު އެމްޑީޕީއަށް އެހައި މުހިންމުވަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ. މިއީ މިއަދު ރައްޔިތުން ކުރާ ބޮޑު ސުވާލެވެ. އެމްޑީޕީން ބުނަނީ އިންތިޚާބު ކާމިޔާބު ކުރަން މި ވަރަށް މަސައްކަތް ކުރަނީ މަޖިލީހަށް އިދިކޮޅު ފިކުރުގެ ވިސްނުމުގެ މީހެއް ނުވައްދަން ވެގެންނެވެ.

ޕީޕީއެމްއިން މިކަމުގައި ދެކޭ ގޮތް ތަފާތެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ގޮނޑި އެމްޑީޕީއަށް މުހިންމުވެގެން އުޅެނީ، ގޮނޑި ނުލިބިއްޖެ ނަމަ އެމްޑީޕީ ބޭރު ދުނިޔޭގެ ކުރިމަތީގައި "އޮރިޔާން" ވާނެތީ ކަމަށެވެ. އަދުރޭ ދެކިވަޑައިގަންވާ ގޮތުގައި، މިއީ ސަރުކާރަށް ތާއީދު ނެތްކަން ހާމަވާނެ އިންތިޚާބެކެވެ.

ކޯލިޝަންގެ ދެ ޕާޓީއާ އެކު، މުޅި ސަރުކާރު މިއަދު ފެންނަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ފައި މައްޗަށް ވެއްޓި އާދޭސް ކުރާ މަންޒަރެވެ. ރައީސް ޞާލިޙް ވިދާޅުވީ، ބޭނުންވާ ކަމެއް އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ދެންނެވުމުން ވާނެ ކަމަށެވެ. ޤާސިމް ވިދާޅުވީ، ރާޝިދު އިންތިޚާބު ކުރުމަކީ ދުނިޔަވީ ވާޖިބެއް ކަމަށެވެ. ޝެއިޚް އިމްރާން ވިދާޅުވީ، ހުރިހާ ލީޑަރުން ނިކުމެ، ޤައުމު ގުޑުވައިލެވޭނެ ކަމަށާއި ރާޝިދު މިހާރު ހުރީ ހޮވިފައި ކަމަށެވެ.

މި އިންތިޚާބު ބޯމަތިވިވީ ދައުރު ދެބައި ފަހުންނެވެ. ސަރުކާރަށް މިހާރު ތާއީދު އޮތް ނެތް މިންވަރު މި އިންތިޚާބުން އެނގޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ ބޮޑުތަނުން ބަލިވި އިރު، މި އިންތިޚާބުން އެމްޑިޕީ ބަލި ވެއްޖެ ނަމަ، އެއީ އެ ޕާޓީއަށް އޮތް ގެއްލުމެކެވެ. މިއީ ކޮމަންޑޫ ދާއިރާގެ އިންތިޚާބެއް ނަމަވެސް، މިއީ މުޅި ދިވެހިންގެ އަޑު އިއްވައިދޭނެ އިންތިޚާބެއް ކަމަށް ހުރިހާ ޕާޓީއަކުން ވެސް ޤަބޫލު ކުރެއެވެ.

އެމްއެންޕީއަށް ލަދުވެތި ފެށުމަކަށް ވެދާނެ

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ދުވަސްވީ ވާދަވެރި ދެ ޕާޓީއާ ދެން ވާދަ ކުރަނީ ސިޔާސީ ގޮތުން ވަރަށް ޒުވާން ޕާޓީއެއް ކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. ސިޔާސީ މައިދާނުގައި ފައިހަމަކޮށްލަން މިއީ އެމްއެންޕީއަށް މުހިންމު އިންތިޚާބެކެވެ. މި އިންތިޚާބުގައި އެމްއެންޕީއަށް ކާމިޔާބު ވެއްޖެ ނަމަ. އެ ޕާޓީގެ އިސް ބޭފުޅުން އެ ބުނާ ސިޔާސީ އިންޤިލާބު އެ ބޭފުޅުންނަށް ގެނެވޭނެކަމާ މެދު ޝައްކު ކުރާ ދިވެހިން މަދުވެގެންދާނެވެ.

ކެންޕެއިން ނިންމާލުމަށް އެމްއެންޕީން ބޭއްވި ހަރަކާތުގެ ތެރެއިން

މާދަމާ އޮންނަ ބައި-އިލެކްޝަންގައި ވާދަ ކުރާނެކަމަށް އެންމެ ފުރަތަމަ އިއުލާން ކުރީ އެމްއެންޕީއެވެ. ކެނޑިޑޭޓެއް އެންމެ ފުރަތަމަ ދެއްކީ ވެސް އެމްއެންޕީއެވެ. އެ ރަށަށް އެންމެ ފުރަތަމަ ގޮސް ކެންޕެއިން ފެށީ ވެސް އެމްއެންޕީއެވެ. އަދި އެ ބޭފުޅުންގެ ބަސް ދޮގު ކަމުގައި ނުވާ ނަމަ އެންމެ ގިނައިން ރައްޔިތުންނާ ބައްދަލު ކުރީ ވެސް އެ ޕާޓީގެ ބޭފުޅުންނެވެ.

މިއީ އެމްއެންޕީގެ އަލަތު އިންތިޚާބަށް ވާއިރު، އެ ޕާޓީންދަނީ ކެންޕެއިން ގިނަ ހަރަކާތްތަކެއް މާލެއާއި ދާއިރާގެ ރަށްތަކުގައި ހިންގަމުންނެވެ. ނަމަވެސް އެމްއެންޕީގެ އަމިއްލަ "އައިޑެންޓިޓީ"އެއް މިހައިތަނަށް ޤާއިމް ވެފައެއް ނުވެއެވެ. އިދިކޮޅުން ބުނަމުން އަންނަނީ އެމްއެންޕީއަކީ ރައީސް ޞާލިޙްގެ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މި އިންތިޚާބުގައި އެމްއެންޕީން ކުރަމުންދާ ކަމަކީ އެމްޑީޕީގެ ވޯޓް މަދުކޮށް، ޕީޕީއެމް ކެނޑިޑޭޓް ހޮވައިދިނުމުގެ މަސައްކަތް ކަމަށެވެ.

"ދެން" އާ ވާހަަކަފުޅު ދައްކަވަމުން އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލްހަންނާން ވިދާޅުވީ، އެމްއެންޕީން މި އިންތިޚާބަށް ނިކުތީ އެމްޑީޕީ އަދި ޕީޕީއެމްގެ ވިސްނުން ރަނގަޅު ނޫން ވެގެން ކަމަށެވެ. އަދި އެ ޕާޓީން މަސައްކަތް ކުރާނީ" ދާއިރާގެ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް ކަމަށާއި އެއްވެސް ޕާޓީއަކަށް މަންފާ ހޯދައިދޭން މަސަކަތް ނުކުރާނެ ކަމަށް ހަންނާން ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ އެއްވެސް ޕާޓީއަކަށް ސަޕޯޓްކޮށްގެން މަސައްކަތް ކުރާ ޕާޓީއެއް ނޫން. އަޅުގަނޑުމެން ސަޕޯޓް ކުރާނީ އަޅުގަނޑުމެންގެ ޕާޓީއަށް.

ހަންނާން ވިދާޅުވިއެވެ.

ހަންނާން ހުންނެވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޮނޑި އެ ޕާޓީއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަމާއެކުއެވެ.

ޚިޔާލު ހޯދުމުގެ ވޯޓްތަކާއި ދިރާސާތައް

މާދަމާ އޮންނަ އިންތިޚާބުގައި މި ދާއިރާގެ ފޮއްޓަށް ވޯޓުލުމުގެ ޙައްޤު 3،000އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވެއެވެ. އެއީ ކޮމަންޑޫ 1،409 މީހުންނާއި ފޯކައިދޫން 1،204 މީހުންނާއި މަރޮށިން 703 މީހުންނަށެވެ.

އިންތިޚާބުގެ ކުރިން ނޫސްތަކުން ނެގި ގިނަ ޕޯލްތަކުން ކުރީގައި އުޅެނީ އިދިކޮޅު ޕީޕީއެމްއެވެ.

އޮންލައިން ނޫސް"ވަގުތު"އިން ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ޒިޔާރަތްކޮށް ނެގި ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، 40.2 އިންސައްތައާ އެކު ކުރީގައި އުޅެނީ ޕީޕީއެމްގެ ކެނޑިޑޭޓެވެ. 37 އިންސައްތައާ އެކު ދެވަނައިގައި އެމްޑީޕީ އޮތްއިރު، އެމްއެންޕީގެ ކެނޑިޑޭޓަށް ލިބުނީ ހަތެއް އިންސައްތައެވެ. މިއީ ޖުމްލަ 342 މީހަކު ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔަ ޕޯލެކެވެ.

ޓްވިޓަރގައި "ދެން" އިން ކުރިޔަށް ގެންދިޔަ ފުރަތަމަ ޕޯލްއިން ޖުމްލަ 878 ފަރާތަކުން ވަނީ ވޯޓް ލައިފައެވެ.

މި ޕޯލް ދައްކާ ގޮތުން، 52 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި މި އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމްގެ ކެނޑިޑޭޓެވެ. ދެވަނައިގައި އޮތީ ސަރުކާރު އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދެވެ. އެއީ 33 އިންސައްތައާ އެކުއެވެ. އެންމެ ފުލުގައި 15 އިންސައްތައާ އެކު އޮތީ އެމްއެންޕީން އިންތިޚާބުގައި ވާދަ ކުރައްވާ އަބްދުލްހަންނާނެވެ.

"ދެން"އިން ކުރިޔަށް ގެންދިޔަ ދެވަނަ ޕޯލްއިން ވެސް ކުރީގައި އޮތީ ޕީޕީއެމްއެވެ. 236 މީހުން ވޯޓްލީ މި ޕޯލްގެ ދެވަނަ ހޯދީ އެމްއެންޕީއިންނެވެ. އެއީ ވޯޓްލީ މީހުންގެ 32 އިންސައްތައެވެ. ޕޯލްގެ ފުލުގައި އޮތީ 18 އިންސައްތައާ އެކު އެމްޑީޕީއެވެ.

ފޯކައިދޫގެ ނޫހަކުން ވެސް ވަނީ ޕޯލެއް ކުރިއަށް ގެންގޮސްފައެވެ. ފޯކައިދޫއަށް ނިސްބަތްވާ އެމްޑީޕީގެ ކެނޑިޑޭޓް ބަލިކޮށް އެ ޕޯލް ވެސް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ކެނޑިޑޭޓެވެ.

މާދަމާގެ އިންތިހާބުން ކާމިޔާބު ހޯދުމަށް އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީވެސް އޮތީ ބޮޑު އުންމީދެއް ގައެވެ. ތިން ޕާޓީން ވެސް ބުނަނީ އިންތިޚާބުގެ ގޮނޑި ނަގާނެ ކަމަށެވެ. ދެން އޮތީ މުޅި ރާއްޖެ ކުރަމުންދާ އިންތިޒާރެވެ.

Ads by Ooredoo
  1. ޖާނޭ

    މާތްﷲގެ ވާގިފުޅުން މިފަހަރު މިގޮޑި ލިބުމަށް އެދެނީ މޫސާ ފަތުހީއށެވެ.