ޚަބަރު ސިޔާސީ

ހަރަކާތަށް ހުރަސް ނޭޅިނަމަ 12،000 މީހުން މިއަދު ނުކުންނާނެ: އަދުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތަށް ފުލުހުން ހުރަސް ނޭޅި ނަމަ، 12،000 މީހުން އެ ހަރަކާތުގައި ބައިވެރިވުމަށް ނުކުންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިރޭ ސުލްޙަވެރި އެއްވުމެއް ބާއްވަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ އެއްވުމުގައި ނުރައްކާތެރި ބަޔަކު ވެސް ބައިވެރި ކުރަން އުޅޭކަމަށް ކުރިން ވިދާޅުވެ، އެއްވުމަށް ހުރަސް އަޅައިފައި ކަމަށެވެ.

"އަޅުގަނޑުމެން ބުނަމުން އައީ އެއީ ކޮން ނުރައްކާތެރި ބައެއްކަން ހާމަކޮށްދެއްވާށޭ އޭރުން އެބަޔަކު އަޅުގަނޑުމެން ވެސް އެއް ފަރާތް ކުރާނަމޭ. އެހެން ނަމަވެސް އެއީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރައްވާ. ބަޔާން ނެރެ، އެއްވުމަށް ހުރަސް އެޅުމުގެ ސަބަބުން މި އެއްވުމުގައި ބައިވެރިވާން ބޭނުންވި އެތައް ބަޔަކަށް ވެސް ބައިވެރިނުވެވިފައި ތިބީ. ހަރަކާތަށް ސަރުކާރުން ހުރަސް ނޭޅިނަމަ 10،000 ނުވަތަ 12،000 މީހުން މިއަދު މި ހަރަކާތުގައި ބައިވެރިވާން ނުކުންނާނެ" އަދުރޭ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އަދުރޭ އިތުރަށް ވިދާޅުވީ އެއްވުމުގައި ބައިވެރިވާން އަތޮޅުތެރެއިން އައި ގިނަ ބަޔަކު ވެސް ވީތަނެއް ވެސް ނޭނގޭ ކަމަށާއި ފުލުހުން އެމީހުން ގެންދިޔައީ ގިރިފުށްޓަށް ކަމެއް، މާފުށްޓަށް ކަމެއް އަދި ދޫނިދޫއަށް ކަމެއް ވެސް ނޭނގޭ ކަމަށެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ. ދޯނި ފަހަރުން އައި މީހުންގެ އާއިލާތައް ވެސް ތިބޭނެ. އެމީހުންނަށް ވެސް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރަކީ ޤާނޫނަކަށް ޤަވާއިދަކަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއް ނޫން ކަމަށާއި އެހެންކަމުން ކޮންމެފަދަ އަނިޔާއެއް ކޮށްފާނެކަން މިއަދުގެ ހަރަކާތަށް ބަލައިލުމުން ވެސް އެނގިގެން ދާނެ ކަމަށެވެ.

Ads by Allied Insurance
  1. ބޭބެ

    އެއްކަލަ 3ކޮޅުމަލަން ޖަހައިގެން ޖަލްސާ އަކަށް ދޭބަލަ ފަށްކާވާނެހެހެހެ