ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ދަރަނި މެނޭޖްކޮށްގެން، ތަރައްގީގެ މަޝްރޫއުތައް ހިންގޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ވެސް އަދި ކޮވިޑްގެ ތެރޭގައި ވެސް ވޯލްޑް ބޭންކާއި ދުނިޔޭގެ މާލީ އިދާރާތަކާ އެކު ރާއްޖެއިން މަސައްކަތްކުރަމުން ދިޔަ ކަމަށެވެ. އަދި ދަރަނި މެނޭޖްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވޯލްޑް ބޭންކާ ވާހަކަ ދެކެވި ޕްލޭންތަކެއް ކުރެވިގެންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
“ފިނޭންސް މިނިސްޓަރ ވަރަށް ވަރުގަދަ ޕްލޭންތަކަކާ އެއްކޮށް ވޯލްޑް ބޭންކާ އެއްކޮށް އިށީނދެ އަޅުގަނޑުމެން ދަރަނި މެނޭޖްކުރަން ކުރާނެ ކަންތައްތަކެއްގެ މަގު ޗާޓެއްގެ ތެރެއިން ހަގީޤަތުގައި މަސައްކަތްކުރަމުން މިދަނީ” ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ގައުމުގެ ތަރައްޤީއަށާއި އަސާސީ އެކިއެކި ކަންކަން ކުރަމުން ބޭނުންވާ ފައިސާ އަދިވެސް ލިބެމުންދާ ކަމަށާއި އެއީ ރާއްޖޭގެ އިގްތިޞާދު ވަރުގަދަކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
އަދި މި ހާލަތުގައި ވެސް ދަރަނި ލިބެމުންދާ ކަމަށާއި ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރެވޭނީ ދަރަނި ނަގައިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
“ވަރަށް އުޖާލާކޮށް ފެންނަނީ. އިރާދަކުރެއްވިއްޔާ މިހާރު ހުރި ޕްލޭންތަކުގެ ތެރެއިން ކާމިޔާބު ލިބޭނެ” ފައްޔާޒު ވިދާޅުވިއެވެ.