ﷲ ތަޢާލާއަށް ކުއްތަށް ނުވެ އެއިލާހާއި ދުރުގައި ތިބާ އުޅޭކަށް އެއިލާހު ރުހިވޮޑިއެއް ނުގަންނަވައެވެ.
ތިބާ އެންމެ ލޯބިވަނީ ކޮންކަހަލަ ސިފަތަކެއް ހުންނަ މީހެއް ދެކެތޯ އަހައިފިނަމަ ހަމަ ކޮންމެ މީހެއްގެ ޖަވާބަކަށްވެސް ވާނީ މިއެވެ. ''އަހަންނާ އަޅާލާ ، އަހަރެންގެ އިހްސާސްތައް ދަންނަ ، އަހަރެން ބޭނުންވާ ކަންކަން ކޮށްދޭފަދަ މީހެކެވެ. އަދި އަހަރެން ބަލިވެއްޖެނަމަ އަހަންނަށް އޯގާތެރި ، އަހަރެން ނުފެނިއްޖެނަމަ ނުވަތަ ޚަބަރެއް ނުވެއްޖެނަމަ އަހަރެން ކޮބައިތޯ ބަލާ ، އަހަންނާމެދު ވިސްނާ މީހެކެވެ."
ތެދެކެވެ. އެފަދަ މީހަކީ ހާދަ ހެޔޮ މީހެކެވެ. އެމީހަކަށް ކިތަންމެ ތަޢުރީފެއް ވެސް ކުރެވިދާނެއެވެ. އޭނާ އަހަރެން ބުނި ކޮންމެ އެއްޗެއް އަހަންނަށް ދޭނެއެވެ. އަހަންނަށް ދަތި ކޮންމެ ކަމެއް އޭނާ އަހަންނަށް ކޮށްދޭނެއެވެ. އަހަރެންގެ ޙާލު އޭނާ ބަލާނެއެވެ. އަދި އަހަރެންގެ ފަރާތުން އޭނާ އެއްވެސް ކަމަކު ނޭދޭނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިންސާނުންނަކީ އެއްވެސް އެއްޗެއް މިލްކު ވެގެންވާ ބައެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ހުސްވުމެއް ނެތް ޚަޒާނާއެއް ވެސް އޮތް ބައެއް ނޫނެވެ. އިންސާނުންގެ ކިބައިން ގިނައިން ކަންކަމުގައި އެދުމަކީ އެމީހުން ހިތްހަމަ ނުޖެހޭ ކަމެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިބާއަށް ހުރިހާ ނިޢުމަތެއް ދެއްވާ ، ތިބާއަށް ޢިލްމާއި ޙިލްމް ދެއްވީ ﷲ ތަޢާލާއެވެ. ތިބާ ގަދަވެ ސަލާމަތުން ފުރިހަމަ ޞިއްޙަތުގައި އުފާވެރި ޙަޔާތެއް ތިޔަ ހޭދަ ކުރަނީ އެއިލާހުގެ ފަޟުލުވަންތަވެރިކަމުންނެވެ. ތިބާއަށް ރިޒުގު ދެއްވާ ތިބާއަށް ތި ބުރުސޫރަ ދެއްވީ ﷲ ތަޢާލާއެވެ. ތިބާއަށް ޝިފާ ދެއްވަނީ އެއިލާހެވެ.
ޙަޔާތުގައި ތިބާ ބޭނުމީ ކޮންކަމެއްތޯ ސުވާލު ކުރައްވާ ، އެކަމެއް ފުއްދަވައި ދެއްވާނެކަމުގެ ވަޢުދުވެ ވޮޑިގެންވަނީ އެކަމުގެ ބާރު ލިބި ވޮޑިގެންވާ ހަމައެކަނި ފަރާތްކަމަށްވާ ﷲ ތަބާރަކަ ވަތަޢާލާއެވެ. އަދި ކިއެއްތަ، ތަކުރާރުކޮށް ކޮންމެ ރެޔަކާއި ދުވާލު އެއިލާހަށް އުރެދި ފާފަތަކަށް އަރައިގަންނަމުންދާއިރު ވެސް ފުއްސަވައިދެއްވާނެ ކަމުގެ ވަޢުދުފުޅާއެކު އެއިލާހު އެދި ވޮޑިގެންވަނީ އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަ ވުމަށެވެ. ހަމަ އެއްގޮތަކަށް ވެސް ﷲ ތަޢާލާއަށް ކުއްތަށް ނުވެ ، ﷲއަށް ނުދަންނަވާ ﷲއާއި ދުރުގައި ތިބާ އުޅޭކަށް އެއިލާހު ރުހިވޮޑިއެއް ނުގަންނަވައެވެ.