ޤައުމުގަ ހިނގާ ކޮންމެ ކަމެއްގެ ޖަވާބުދާރީވާން މި ދާންޖެހެނީ ނިއުދިއްލީއަށް: ޝިޔާމް
ޤައުމުގައި ހިނގާ ކޮންމެ ކަމެއްގެ ޖަވާބުދާރީވާން ސަރުކާރުން މި ދާންޖެހެނީ ނިއުދިއްލީއަށްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ހުށަހެޅުއްވި ޤައުމީ ސަލާމަތާބެހޭ ބިލަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ މި ބިލު ހުށަހެޅުއްވުމަކީ މިއަދު މި އޮތް ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
ޙަޤީޤަތުގައި މި މަސައްކަތަކީ ސަރުކާރުން މިއަދު ކުރަންޖެހޭ މަސައްކަތެއް ކަމަށާއި, ޤައުމީ ސަލާމަތަކީ ކޮބައިކަން ރައްޔިތުންނަށް ސަރުކާރުން ކިޔައިދޭންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޤައުމީ ސަލާމަތަށް އެންމެ ބޮޑު ނުރައްކަލެއްކަމަށް މިއަދުގެ ސަރުކާރާއި, ސަލާމަތީ ބާރުތަކަށް ފެންނަނީ މަޢުލޫމާތެއް ހޯދަން ސިޓީއެއް ހުށަހެޅުމުން އެކަން ކަމަށެވެ. ނުވިތާކަށް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހިއްސާކުރަން އައި ސަރުކާރުން މަޢުލޫމާތު ނުދޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ރާއްޖެ މި ދެކޭ އުނދަގޫ ކަޅު ދުވަސްތަކުގެ މައިގަނޑު ސަބަބަކީ ވެސް މި ޤައުމުގެ އިގުތިސާދު ހީނަރުވެފައި އޮތް މިންވަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.
''މި ޤައުމުގެ މާލިއްޔާ މި ސަރުކާރުން ހަމަ ދަވައިލީ. އޭގެ ނަތީޖާއަކަށްވެގެން މި ދިޔައީ ބައެއް ޤައުމުތަކުގެ ފައިބުޑަށް ދާންޖެހުން. މި ކަންތައްވެފަ މި އޮތީ ޙަޤީޤަތުގަ ޤައުމީ ސަލާމަތަށް ވެފައި އޮތް އެންމެ ބޮޑު ނުރައްކަލަށް. އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިކަން ކުރާ ޕާޓީގެ ރައީސާއި ޔޫއެންގެ ރައީސާއި ވެރިކަން ކުރާ ޕާޓީއާއި ސަރުކާރާ އެއްކޮށް ގޮސް ފައިބުޑަށް ތިރިވާތަން މި ފެންނަނީ. މި ޤައުމުގަ ހިނގާ ކޮންމެ ކަމެއްގެ ޖަވާބުދާރީވާން މި ދާންޖެހެނީ ނިއުދިއްލީއަށް. މީ މިއަދު ޤައުމުގެ ހާލަތު.''
މި ފެންނަނީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖެއަކީ މިނިވަން ޤައުމެއް ނޫންކަމުގެ އިހްސާސްކުރެވޭ ކަހަލަ ކަންކަން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ބޮޑުވަރެއް އެބުނާހެން