ތަބަކަށްލާފައި ދޭ އުސޫލުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުވަން ދޫކޮށްލާކަށް ފެނިވަޑައިނުގަންނަވާ ކަމަށާއި, އެއީ ޕާޓީގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މާފަން އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ކްލަބް ހައުސްގެ ރޫމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ތަބަކަށްލާފައި ދޭ އުސޫލުން ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ދިނުމަށް ދޫކޮށްލާކަށެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ކޮންމެސް ބޭފުޅަކު ވާދަކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި, ވާދަކުރައްވައިގެން ރަނގަޅު ނަތީޖާއެއް ލިބިވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ފްރީލަންޗެއް ގޮތުގަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޓިކެޓު ލިބުމަކީ އަޅުގަނޑަށް ހީވަނީ މި ޕާޓީގެ މަސްލަހަތަށް ރަނގަޅު ގޮތަކަށް ނުވާނެ. އަދި މި ރިޔާސީ އިންތިޚާބު އޭރުން ކާމިޔާބު ވެސް ނުވާނެ.
އިންތި ވިދާޅުވީ މާ ކުރިން ވެސް ރައީސް ބަލި ގަބޫލު ކުރައްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަރަށް އިހާނެތިކޮށް އެމްޑީޕީއާމެދު ބަސްފުޅެއް ވިދާޅުވެފަ އެ ވަނީ. ކޯލިޝަނަކާ ނުލައެއް އަޅުގަނޑުމެންނަކަށް ރިޔާސީ އިންތިޚާބެއް ކާމިޔާބެއް ނުވާނޭ. ރިޔާސީ އިންތިޚާބުގެ މާ ކުރިން މި އިއުލާނު ކުރައްވަނީ ތިމަންނަމެން ޑިޕީޓްވެއްޖެކަން. ފުރަތަމަ ވެސް ބަލި އެ ގަބޫލު ކުރެއްވީ.
އެމްޑީޕީ ބޭނުންވީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި އެ ނިޒާމު އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަކަށް ދިއުމަށް ކަމަށް އިންތިގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް އެ ފުރުސަތު ވެސް ބަންދުކޮށްލެއްވީ އަމިއްލަ އެދުންފުޅަށް ކޯލިޝަނެއްގެ ތެރެއިން ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދެވަނަ ބުރަކަށް ނުގޮސް އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ގޮތްތައް ވެސް އެބަހުރި ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެ ފުރުސަތު ލިބިވަޑައިގެންފިނަމަ ރައީސް ނަޝީދަށް ''ދެމިގަނެވިދާނެ'' ކަމަށް ބައްލަވާފައި ކޯލިޝަނެއްގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރައްވަން އުޅުއްވި ނަމަވެސް, ރައީސް ޞާލިޙަށް ކާމިޔާބެއް ނުކުރެއްވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ކުރިން ވެސް ހާމަކުރައްވާފައިވާނެކަން ފާހަގަކުރައްވައި, ދާދިފަހުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އަދިވެސް ރާއްޖެއަށް ރަނގަޅުވާނީ ކޯލިޝަނެއްގެ ގޮތުގައި އެކުވެގެން އުފެދޭ ސަރުކާރެއް ކަމަށާއި, ކޯލިޝަނަކާ ހިސާބަށް ދެވޭނީ ޕާޓީ ތެރެއިން އެ މަނިކުފާނަށް ކެންޑިޑެންސީ ކަށަވަރުވުމުން ކަމަށް ކަމަށެވެ. އަދި ގިނަ ފަރާތްތަކެއްގެ ޚިޔާލު އެކުވެގެން ނުކުންނަ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވައެވެ.
އެހެންވެ ''އަޅުގަނޑާ އެކީ މަސައްކަތް ކުރެވޭނީ ކޮން ޕާޓީތަކަކާ އެކުގައިތޯ'' ބައްލަވާފައި އެއާއެކީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެމްޑީޕީގެ އިސް ލީޑަރު, ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ 04 ވަނަ ކޮންގްރެސްއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެފައިވާ ގޮތުގައި ކޯލިޝަނަކާ ނުލައި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އަދި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވެގެން މިއަދު ދެކެމުން މިދާ ބަދަލުތަކަށް އަދި ޤައުމު ''ފިޓެއް'' ނޫނެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކާ ކޯލިޝަން ހެދުމުން ސަރުކާރު ހިންގުން ވަނީ ''ގަޑުބަޑު'' ވެފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އަންނައިރު ސަރުކާރު ކޯލިޝަނުގައި މިހާރު ހިމެނޭ ޕާޓީތައް އެކުގައި އޮންނާނެކަމަށް ދެކުމަކީ ''އަވާމެންދުރެއް'' ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވަނީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަން ވެސް ހާމަކުރައްވައިފައެވެ. އަދި ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ކުރެއްވެވޭނެ ކަމަކަށް އެ މަނިކުފާނު ވެސް ގަބޫލެއް ނުކުރައްވައެވެ.
ކަލޭމެން މާލެ މީހުން އުޅެނީ ރައީސު ސޯލިހުގެ ރީތި ނަލަ ހިއްގައިމް ވެރިކަން ފެނި ހަސަދަވެރިވެގެންތޯ ؟ އަހަރުމެން މިތިބީ ސޯލިހު ދެވަނަ ދައުރަށް ހޮވަން އިގޭތޯ !