ރިޕޯޓް ސިޔާސީ

އިންތިހާބު ގާތްވީމާ އިމްރާނު ދައްކަން އޮތީ ކޮން ވާހަކައެއް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތަކާއި ދިވެހި ރައްޔިތުން ބައްދަލުކުރަން ދެން އޮތީ ގާތްގަނޑަކަށް އަށް މަސް ދުވަހެވެ. މި އަށް މަސްދުވަހަކީ ވަރަށް ފޯރިގަދަ ސިޔާސީ ގޮތުން އެހާމެ ހަލަބޮލި ދުވަސްތަކަކަށް ވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މި ހުރިހާ ދުވަހު އަޑު މަޑުކޮށް ތިއްބެވި ބޭފުޅުންވެސް މިމުއްދަތުގައި ޕޯޑިއަމްތަކަށް ނިކުމެވަޑައިގަންނަވާނެ އެވެ. ސިޔާސީ ގޮތުން ބޭނުން ނުކުރައްވާ އެތައް އުކުޅެއް ބޭނުންވެސް ކުރައްވާނެ އެވެ.

Ads by STELCO

ކުރިއަށް މި އޮތް އަށް މަސްދުވަހުގެ ތެރޭގައި ބަދަލުވެ ހާމަވާނެ އެތައް ކަމެއް އެބަ އޮތެވެ. އިދިކޮޅު ރިޔާސީ ކެނޑިޑޭޓަކު ފެންނާނެ ސީދާ މުއްދަތެއް ނޭނގުނަސް ކުރިއަށް މިއޮތް ދެތިން މަސް ދުވަހު މިކަންވެސް އެނގި ހިނގައިދާނެ އެވެ. އެހެންނަމަވެސް އެންމެ ބޮޑު ޝައުގުވެރިކަމެއް މިވަގުތު އޮތީ ސަރުކާރު ހިންގާ މައި ޕާޓީއަށް ވާނެ ގޮތަކާއި ސަރުކާރާއި ބައިއަތު ހިފާފައި އޮތް ސިޔާސީ ޕާޓީތަކަށް ވާނެ ގޮތަކާއި މެދު އެވެ. މަންޒަރު މަޑުމަޑުން ކުލަވަމުން ދިޔަނަމަވެސް ސިޔާސީ މާހައުލު އޮތް ގޮތަށް ބަލާއިރު އަދި ވަކި އެއްޗެއް ދަންނަވަން ތަންކޮޅެއް އަވަހެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ޓިކެޓު ލިބިއްޖެނަމަ ކޯލިޝަނެއް އެކުލަވައިލާނެ އެވެ. ރައީސް ޞާލިހާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޯލިޝަނަކާއި ނުލައި ރާއްޖޭގެ ވެރިކަމަކަށް އެއްވެސް ބޭފުޅަކު އިންތިހާބު ނުވާނެ އެވެ. އެއީ ވަކި ކެނޑިޑޭޓެއްގެ އެވަރުގެ ތާއީދެއް ނެތީމަ އެވެ. ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަނުން ދެކެނީ، ޔާމީނު ގިނިކަންޏާއި ވާދަކުރެއްވިޔަސް ފަސޭހަކަމާއިއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ޖަލަށް ހުކުމް ކުރުމާއިއެކު މިކަންވެސް އޮތީ ނުވާނެ ކަމެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދުވެސް ދެކެވަޑައިގަންނަވަނީ ގިނިކަންޏާއި ވާދަކުރައްވައި އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ އެވަރުގެ އަގުލަބިއްޔަތެއް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތްކަމަށް ބެލެވުނު ނަމަވެސް މިވަގުތު އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދަށް އޮތީ ކިހާވަރެއްގެ ތާއީދެއްކަން އިނގޭނީ މިމަހު 28 ގައި ބާއްވާ ޕްރައިމަރީންނެވެ.

ޖުމްހޫރީ ޕާޓީގެ ސްޓޭންޑު މުޅިން ސާފެއް ނުވެ އެވެ. އެޕާޓީން މީގެ ކުރިން ބުނެފައިވަނީ ކެނޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން މުޅި ޕާޓީ ސައިލެންޓުވި އެވެ. އަދި ރައީސް ޞާލިހާއިއެކު ސިއްރު މަޖިލިސްތަކުގައި މަޝްވަރާތައްވެސް ކުރިއަށް ގެންދިޔަ އެވެ. އެހެންކަމުން ކޯލިޝަނަކަށް ގޮސްދާނެކަމަށް އޮތީ ބެލެވިފަ އެވެ.

ދެން އޮތް ކުދި ޕާޓީތަކަށް ބަލާއިރު އެމްއެންޕީން އެޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި އޮތަސް އޭނާއަށް މާބޮޑު ތާއީދެއް އޮވެދާނެކަމަކަށް ނުބެލެވެ އެވެ. ކެނޑިޑޭޓެއް ނެރުމަށް އަދާލަތު ޕާޓީގެ ވިސްނުމެއް ނެތެވެ. އެހެންކަމުން އެޕާޓީން ތާއީދު ކުރާނީ ރައީސް ޞާލިހަށް ޓިކެޓު ލިބިއްޖެނަމަ އެމަނިކުފާނަށެވެ. ނޫންނަމަ ކޮންމެވެސް އެހެން ބޭފުޅަކަށެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދި ފަހުން ކުރެއްވި ޓުވީޓެއް ވަރަށް ބޮޑަށް ސަމާލުކަން ހޯދައިފި އެވެ. ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވީމައި ދައްކާނެ ލައްކަ ވާހަކަ ހުންނާނެ ކަމަށެވެ. ދައްކަވަން އުޅުއްވާ "ލައްކަ ވާހަކަ" އަކީ ކޮބައިތޯ އެތައް ބަޔަކު ސުވާލު އުފެއްދި އެވެ. އެއާއިއެކު އިމްރާން ވިދާޅުވީ ޖަޖް ކުރައްވައި ގޮތް ނިންމަވާނީ އާންމު ރައްޔިތުން ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

އިންތިހާބުތައް ގާތްވީމައި އެވިދާޅުވާ "ލައްކަ ވާހަކަ" ދެއްކެވުމަކީ އިމްރާނުގެ ތޮބީއަތެވެ. މާޒީއަށް ނަޒަރު ހިންގައިލަމާ ހެއްޔެވެ؟ 2013 ވަނަ އަހަރުގެ އިންތިހާބު ގާތްވިއިރު އިމްރާން ހުންނެވީ ރައީސް ޔާމީނާއި ބައިއަތު ހިއްޕަވައިގެންނެވެ. އޭރު އިދިކޮޅުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. އިމްރާނަކީ ވަކި ބޭފުޅަކަށް ކެމްޕެއިން ކުރެއްވުމަށްވުރެއް ބޮޑަށް، ދެކޮޅުގައި ހުންނަވާ ބޭފުޅާއަށް އެންޓި ކެމްޕެއިން ކުރައްވާ ބޭފުޅެކެވެ. އެހެންވެ އޭރު ރައީސް ނަޝީދަށް އަމާޒުކޮށް ތަފާތު ވާހަކަތައް ދެއްކެވި އެވެ.

ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އަލް މަރުހޫމް ޑރ. އަފްރާޝީމް އަލީ ޝަހީދުކޮށްލުމާއިއެކު އެ މަރުގެ ތުހުމަތު އިމްރާން އޭރު އަޅުއްވަމުން ގެންދެވީ ރައީސް ނަޝީދުގެ އިސްތަށިފުޅުގަ އެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކެވި އެވެ. ހެކި ހުރިކަމަށް ވިދާޅުވި އެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ރައީސް ނަޝީދުގެ "ލާދީނީ" ކަމުގެ ވާހަކަ ދައްކަވަމުން ގެންދެވި އެވެ. އެމްޑީޕީއަކީ ވެރިކަން ދޭން ހެޔޮވާވަރުގެ ޕާޓީއެއް ނޫންކަމަށްވެސް ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ އިންތިހާބު ބޯމަތިކުރަމުން ދިޔައިރު އިމްރާން ހުންނެވީ ޖަލު ބަންދުގަ އެވެ. އެހެންނަމަވެސް އޭގެ ކުރިން ރައީސް ޔާމީނަށް އެންޓި ކެމްޕެއިން ކުރެއްވި އެވެ. އޭރު ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ ތުހުމަތު އަޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ އިސްތަށިފުޅުގަ އެވެ. ހެކި ހުރިކަމަށްވެސް ވިދާޅުވި އެވެ. ގެންގުޅުއްވި ކަރުދާސްތައް ފަހުން ގެއްލުނެއްކަމަކު މުޒާހަރާތަކުގައި އެ ކަރުދާސްތައް އާންމުންނަށް ދައްކަންވެސް ދެއްކި އެވެ.

ކޮންމެއަކަސް އިމްރާން ދައްކަވާނެ ވަރަށް ގިނަ ވާހަކަ ހުންނާނެކަން މިއީ ޝައްކެއް ނެތް މިންވަރަށް ދަންނަވަން އިނގޭ ވާހަކައެކެވެ. އެހެންނަމަވެސް މިފަހަރު ދައްކަވާނީ ކޮން ވާހަކައެއްކަން މިއީ އަދި ވަރަށް ބޮޑު ސިއްރެކެވެ. ސިޔާސީ ގޮތުން އިމްރާން ހުންނެވީ ބޮޑު މަގާމެއްގަ އެވެ. ރައީސް ޞާލިހާއި މިހާތަނަށް އެއްވެސް މައްސަލައެއް ޖެހިފައިވާކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އިމްރާންގެ "ލައްކަ ވާހަކަ" ދައްކަވަން އޮންނާނީ ރައީސް ޞާލިހުގެ ހަތުރުންނާއި ގުޅުވައިކަމަށް ބެލެވެ އެވެ.

މިވަގުތު ސިޔާސީ ގޮތުން ކުޅިބައި އެތުރިފައިވާ ގޮތަށް ބަލާއިރު ރައީސް ޞާލިހުގެ އެންމެ ބޮޑު ހަތުރަކީ ރައީސް ނަޝީދެވެ. އެހެންވީމާ އިމްރާން މިދެއްވި މެސެޖަކީ ރައީސް ނަޝީދަށް ދެއްވި އިންޒާރެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރައީސް ޔާމީނަށް އަމާޒުކޮށްވެސް "ލައްކަ ވާހަކަ" ދެއްކެވުން އެކަށީގެން ވެއެވެ.

  1. ކަނބިލި ކުޑައާދަނު

    ދީން ވިއްކާލި އިިއްމޫ