ރާއްޖޭގެ ރަށްތަކުގެ އަދަދު ރައީސަށާއި ވަޒީރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ބޮންޑޭ ފާޑުވިދާޅުވެއްޖެ
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ދައުލަތުގެ ބައެއް ވަޒީރުންނަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައީސްކަމުގައި ތިއްބަވާ ބޭފުޅުންނާއި ވަޒީރުކަމުގެ މަގާމު ފުރުއްވާ ބޭފުޅުންނަށް ދިވެހިރާއްޖެ އިނގެންޖެހޭ ކަމަށެވެ. މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ އެމެރިކާއޭ ބުނީމާ 100 ސްޓޭޓު އޮންނަކަން ނުވަތަ ޔޫކޭގައިނަމަ 48 ކައުންޓީ އޮންނަކަން އެގައުމުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިނގެންޖެހޭނެ ކަމަށެވެ.
"މިހެން އޮންނައިރުގަ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާވެސް ވަޒީރުންވެސް އެބަ ވިދާޅުވޭ ދިވެހިރާއްޖޭގެ 250 ރަށް. 350 ކައުންސިލް. މިހެން ބުނީމަ އެބަ ސާފުވޭ އެބޭފުޅަކަށް މުޅި ރާއްޖެ އެނގިވަޑައިނުގަންނަވާކަން." ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީރުން ބޭރު ޤައުމުތަކަށް އެހީތަކަށް އެދިވަޑައިގަންނަވަން ވަޑައިގެން ވިދާޅުވަނީ "250 އައިލެންޑް" އޮންނަ ވާހަކައާއި އެ 250 ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުންދާ ވާހަކަ ކަމަށެވެ. މިހެން ދިމާވުމުން ރަށްރަށުގައި މީހުން ދިރިއުޅެ އުޅެ ހުއްޓައި އެއީ ފަޅު ތަންތަނުގެ ގޮތުގައިވެސް އިއުލާން ކުރާކަމަށް ބޮންޑޭ ވިދާޅުވި އެވެ.
"ރާއްޖޭގަ މީހުން ދިރިއުޅެނީ 187 ރަށުގަ. 187 ކައުންސިލް މި އޮންނަނީ" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭގެ ފާޑުކިޔުން މިފަދައިން އަމާޒުވެފައި މިވަނީ ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ 350 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސް ޞާލިހު ވިދާޅުވެފައި ވަނިކޮށެވެ. އަދި އޭގެ ފަހުން އިންޑިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 250 ރަށް އޮންނަ ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ރައީސް ޞާލިހަށާއި މިނިސްޓަރު ޝާހިދަށް ފާޑުކިޔުން އަމާޒުވިއެވެ.
ބޮންޑޭ އަދުރޭގެ ކަލްކިއުލޭޓަރ ކުއްޔަށްހިފައިގެން އުޅެނީތޯ؟