ވަރުގަދަ ސެކިއުރިޓީއާއެކުވެސް ކުޑަކުއްޖެއްގެ ގައިގައި ބައްދާލަން ސަލްމާން ހުއްޓިއްޖެ

އިންޑިއާގެ ނުރައްކާތެރި ގޭންގަކުން ގަތުލުކުރާނެކަމުގެ އިންޒާރު ދީފައިވަނިކޮށް، ވަރުގަދަ ސެކިއުރިޓީގެ ތެރެއިން ބޮލީވުޑް ތަރި ސަލްމާން ހާން ކުޑަކުއްޖެއްގެ ގައިގައި ބައްދައިލަން ހުއްޓިއްޖެ އެވެ.
އަބޫ ދާބީގައި ކުރިއަށްދާ އައިފާ އެވޯޑުގައި ބައިވެރިވުމަށް ސަލްމާން އެއާޕޯޓަށް ގޮސް ހުއްޓައި ކުޑަ ކުއްޖަކު ސަލްމާން ފެނުމުން ދުވެފައި އައެވެ. ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކުއްޖާ އަންނަން ފެށުމުން ސެކިއުރިޓީން އެކުއްޖާ ހުއްޓުވަން މަސައްކަތް ކުރެ އެވެ. އެހެންނަމަވެސް ސަލްމާން އެކުއްޖާގެ ގައިގައި ބައްދައިލަ އެވެ.
ސަލްމާންއަކީ ކުޑަކުދިންނަށް ހާއްސަކަމެއްދޭ ތަރިއެކެވެ. ސަލްމާންގެ މި ވީޑިއޯއާއިއެކު ސޯޝަލް މީޑިއާގައި ތައުރީފު އޮހެނީ އެވެ.
އިންޑިއާގެ ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ގަތުލުކުރާނެކަމަށް އިންޒާރު ދިނީ ފާޅުކަން ބޮޑު ގޮތެއްގަ އެވެ. އޭގެ ފަހުން ސަލްމާންގެ ސެކިއުރިޓީ ވަނީ ދެގުނައަށް ވަރުގަދަކޮށްފަ އެވެ. އޭނާ އާންމުކޮށް ކުރަމުންދިޔަ ސައިކަލު ދުއްވުމާއި ދުވުންފަދަ ކަންކަން އާންމު މަގުތަކުގައި ކުރުން ހުއްޓުވި އެވެ.
އުމުރުން 57 އަހަރުގެ ސަލްމާން އަދިވެސް މީހަކާއި ކައިވެންޏެއް ނުކުރެ އެވެ. އޭނާގެ އާއިލާގައި އިތުރު ހަތަރު މެމްބަރަކު އެބަ ތިއްބެވެ. ސަލްމާންގެ ދެން އެންމެ އަވަހަށް ރިލީޒްވާނީ ޔަޝް ރާޖް ފިލްމްސްގެ "ޓައިގާ 3" އެވެ.