ޚަބަރު ސިޔާސީ

މިއީ ބަލިކުރަން އުދަނގޫ އަނިޔާވެރި ސަރުކާރެއް: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މިއީ ބަލިކުރަން އުނދަގޫ، އަނިޔާޥެރި ސަރުކާރެއްކަމަށް  ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެޑައިގެން ހުންނެވި އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދިވެހިންގެ ރާއްޖެ' ޝިއާރުގެ ދަށުން މުޅި ރާއްޖޭގައި ރައީސް ޔާމީންގެ ކެމްޕޭން ވަނީ ފަށާފައިވާއިރު، ރޭގައި އާޓިފިޝަލް ބީޗުގައި ކެމްޕޭން އެއްވުމެއް ބާއްވާފައިވެއެވެ. ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން  އަދުރޭ ވިދާޅުވީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކާ މިހާރަށް ވުރެ އިތުރު ގިއަރަކަށް މަސައްކަތް ޖައްސާލަން ޖެހޭ ކަމަށާއި 'މިކަހަލަ އަނިޔާވެރި ސަރުކާރެއް' ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

މި ސަރުކާރު ބަލިކުރަންޖެހޭ ކަމަށާއި، އެކަން ކުރުމަށް ހިތްވަރާއި ސާބިތުކަން ދައްކަންޖެހޭ ކަމަށާއި އަދި ސަރުކާރު ދެކެ ބިރުނުގަންނަކަން ވެސް ދައްކަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަކީ ސަރުކާރުގެ މަގްސަދު ހާޞިލުކޮށްދޭ ބަޔަކަށް ނުވުމަށާއި އަދި ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރަން؛ ވަކި މީހަކާ މެދު ތަފާތުނުކޮށް، ގައުމު ހިނގާ މިސްރާބާ އެއްގޮތަށް އަމަލުކުރުމަށްވެސް އަދުރޭ ގޮވާލެއްވިއެވެ.

އެއީ އެނގި ތިބެ، ގަސްތުގައި ރާވައިގެން ކުރާ ކަންތައްތަކުގެ ސަބަބުން، ގައުމު ދަނީ ހިޔާލު ވެސް ކޮށްނުލެވޭ ފަދަ ނުރައްކާތެރި ދިމާއަކަށް ކަމަށާއި، އެކަމާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، މާދަމާ ދިވެހިންގެ މައްޗަށް ވެރިކަން ކުރާނީ އިންޑިއާ އިން ކަމަށެވެ.

އެހެންކަމުން، ޖަގަހަތަކުން ނުކުމެ، މަގުމަތީ ހަރަކާތަކަށް ކެމްޕޭން ރެއިން ފެށިގެން ބަދަލުކޮށްފިކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މާލޭގެ މަގުމައްޗަށް ނުކުންނަންވީ. މުއައްސަސާތަކަށް ދާންވީ. މުއައްސަސާތަކަށް ވަންނަންވީ. މި ސަރުކާރު ހުއްޓުމަކަށް ގެންނަންވީ،" އަދުރޭ ވިދާޅުވިއެވެ.

ޖަލުގައި ހުންނަވައިގެން ޔާމީން ގެންދަވަނީ ހިތްވަރާއި ސާބިތުކަން ދައްކަވަމުންކަން ފާހަގަކުރައްވަމުން އަދުރޭ އެދިވަޑައިގެންނެވީ، ސަރުކާރުގެ "އަނިޔާ" އާއި ދުއްތުރާއަށް ކެތްތެރިވެ، ގައުމުގެ ހައްގުގައި ޔާމީން ވެ ވަޑައިގަންނަވާ ގުރުބާނީގެ އަގު ސަޕޯޓަރުން ވަޒަން ކުރުމަށެވެ.

ރައީސް ޔާމީން މިނިވަންވާނެ އެތައް ގޮތެއް ހުރިކަމަށާއި، މާދަމާ ބޭސްފަރުވާއަށް ވަޑައިގަންނަވަން ވިޔަސް މި ސަރުކާރުން ޖާގަ ދޭނެ ކަމަށާއި އެއީ މި ސަރުކާރުން އެންމެ ބޭނުންވާނީ ޔާމީން ގައުމު ދޫކޮށް ވަޑައިގަންނަވަން ކަމަށާއި ނަމަވެސް، ސަރުކާރުގެ ކުރިމަތީގައި "ކުޑަކަކޫ ނުޖައްސަވައި" ރައީސް ޔާމީން ސާބިތުކަން ދައްކަވަނީ އެ މަނިކުފާނުގެ އަމިއްލަ ޖާނާއި ނަފްސަށް ވުރެ ބޮޑަށް ގައުމަށްޓަކައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑު މި ދަންނަވަނީ، ހުރި ތަނަކުން މެކުހަށް ޖަހާށޭ. އެ މީހަކު ހުރި ރަށަކުން، ހުރި ތަނަކުން ކެމްޕޭން މެކުހަށް ޖަހާށޭ. ދޮރުން ދޮރަށް ގޮސް، ނޫނީ ހޮޅުއަށިތަކުގައި ރައީސް ޔާމީންގެ ހިތްވަރާއި މި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކާށޭ،" އަދުރޭ ވިދާޅުވި އެވެ.

އެހެންނަމަވެސް، މެންބަރުން މާޔޫސް ނުވެ އެމީހަކު ހުރި ތަނަކުން ހުރި އަތޮޅަކުން ރައީސް ޔާމީން ގެ ކެމްޕެއިން މެކްހަށް ޖެހުމަށް އަދުރޭ ގޮވާލެއްވިއެވެ.

އަދި ޕީޕީއެމުން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމުގެ ޔަގީންކަން ދެއްވަމުން އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ވާދަކުރާނީ ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި އެކަމާ މެދު ސަޕޯޓަރުން މާޔޫސްނުވުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!