ކޮޅުފުއްޓަށް ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ މި ސަރުކާރުގެ ސަބަބުން: އިމްރާން
މ. ކޮޅުފުއްޓަށް ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ މި ސަރުކާރުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން މިހާރު މ އަތޮޅަށާއި ވ އަތޮޅަށް ރައީސް ޞާލިޙް ކުރައްވާ ދަތުރުފުޅުގައި މ. ކޮޅުފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ 2004 ވަނަ އަހަރަށްފަހު މިހާތަނަށް ކަން ހިނގި ގޮތް ރަށުގެ ގިނަ ރައްޔިތުންނަށް އެނގޭނެ ކަމަށާއި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އޭރުގެ ސަރުކާރުން ފެށި މަސައްކަތުން ކިރިޔާ މަސައްކަތެއް ފަށައިގަނެވުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ.
ސުނާމީގެ ސަބަބުން ކޮޅުފުށީގެ ތިންބައިކުޅަ އެއްބައި ރަށާއި ވަކިވެ ހަލާކުވެގެންދާތީ އެކަން ޙައްލުކުރުމަށް ކުރީގެ ސަރުކާރުތަކުގައި ރަށުގެ ރައްޔިތުން އާދޭސްކުރި ނަމަވެސް އެކަން އެ ސަރުކާރުތަކަށް ނުފެނުނު ކަމަށާއި، ސުނާމީގައި ލިބުނު ގެއްލުމުން އަރައިގަނެވުނު ކަމުގެ އިހުސާސް މިއަދު އެ ރަށުގެ ރައްޔިތުންނަށް ކުރެވޭނެ ކަމަށާއި އެ އިހުސާސު ހަގީގަތަކަށް ހައްދަވާ ދެއްވީ ރައީސް ސޯލިހު ކަމަށް އިމްރާން ވިދާޅުވިއެވެ.
"ފެންނާނެ އެކަކު ނެތް. އަޑެއް އަހާލާނެ ރައީސަކު ވަޒީރަކު ނެތް، .... މަސައްކަތުގެ ނަތީޖާއެއް ރައްޔިތުންނަށް އިހުސާސްކުރެވޭ ވަރަށް މި ގެންދެވުނީ މި ދައުރުގައި. ގާތްގަނޑަކަށް 20 އަހަރުން،" އުފަން ރަށުގައި ހުންނަވާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، ރައީސް ޞާލިޙުގެ ސަރުކާރަށް ހަތަރު އަހަރު ނުވަނީސް ކޮޅުފުށި ހިމާޔަތް ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.