ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މޫނު ބުރުގާއަޅާ ކަނބަލުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ބޭނުން ތަނެއްގައި ވަޒީފާއަދާކުރުމުގެ ޙައްޤު ލިބޭނެކަމަށެވެ.
ރާއްޖޭގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިން ޓިޗަރުންތަކެއްގެ ޙައްޤުތައް ނަގާލައި، މޫނު ބުރުގާ އަޅާފައި ތިބޭ ޓީޗަރުންނަށް ސްކޫލުތަކުގައި ކިޔަވައި ނުދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އެންގި އެންގުން ނިމުމަކަށްގެނެސް ދާދި ފަހުން އެ އުޞޫލު ވަނީ ބަދަލުކޮށްފައެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވާދޭ ޓީޗަރުންގެ ޙައްޤުތައް ނިގުޅައިގަނެގެން އެތައް ފަހަރަކު އިހުތިޖާޖުކުރިނަމަވެސް، ސަރުކާރުން ވަނީ ބީރުކަންފަތެއް ދީފައެވެ. އެހެންކަމުން މިހާރު މި ބަދަލު ގެނައުމަކީ އިންތިޚާބަށް ގެނައި ބަދަލެއްކަމަށް ބުނެ ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ތަޢުލީމީ ދާއިރާއަށާއި އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއަށް މިކަން އިތުރުކުރައްވާފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އަބަދުވެސް އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
ޤާސިމް ވިދާޅުވީ މޫނު ބުރުގާގެ ބަހުސަކީ އިސްލާމްދީނުގައިވެސް އިޙުތިލާފް އުފެދިފައިވާ މައްސަލައެއްކަމުގައި ވީނަމަވެސް، ދީނުގެ ބައެއް އުޞޫލުތަކަށް ބަލާނަމަ، އެއީ ވަރަށް އެދެވިގެންވާ ރީތި ސިފައެކެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސްތަނެއްގައި މޫނު ބުރުގާ އަޅުއްވައިގެން މަސައްކަތްކުރުމަކަށް ހުރަހެއްނެތޭ. ކިޔަވައިދެއްވުމަށް ނަމަވެސް. އޮފީސްތަކުގެ ވަޒީފާ ނަމަވެސް ހެވޭ. އެބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް އެ އިންތިޒާމް ހަމަޖެހިގެންދާނެ. އެއީ އިސްލާމީ ނަމޫނާއެއް"
ޤާސިމް ވަނީ އިސްލާމްދީން ހިމާޔަތްކުރާނޭކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. ޤާސިމް ވިދާޅުވީ ދައުރުގެ އެންމެ ފަހު ދުވަސްތަކުގައި، އިންތިޚާބަށް ދެ ހަފްތާއަށްވެފައި އޮއްވާ "ތެޅި ފޮޅިގަނެގެން" މި އުޞޫލަށް ބަދަލުގެނައީ އިސްލާމްދީނުގެ ޙައްޤުގައި ނޫންކަމަށާއި އެއީ ވެރިކަން ހޯދުމަށް ޖެހި މަޅިއެއްކަމުގައި ސިފަކުރައްވާފައެވެ.
ޤާސިމްގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ހިމަނާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއް ނެތި އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވުމާއި، އަންހެނުންގެ ރައްކާތެރިކަމަށް ފުލުހުންގެ ޚިދުމަތުގައި ޔުނިޓެއް ޤާއިމްކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.