ރައީސް ޞާލިޙަކީ އެއްވެސް ގޮތެއް ނެތުމުން އެންމެން އިއްތިފާގުވެ ނެރުނު ބޭފުޅެއް: ޤާސިމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ ރައީސް ޔާމީނުގެ ސަރުކާރުން އޭރުގައި ތިބި ސިޔާސީ ލީޑަރުން ނުހައްގުން ޖަލަށްލައި އެ ސަރުކާރުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ވެރިކަމަށް ކުރިމަތި ނުލެއްވި، އެހެން ގޮތެއް ނެތުމުން އެންމެން އިއްތިފާގުވެގެން ނެރުއްވި ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭޏަށް ބ. ތުޅާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލުމަށް ނެރުނީ އެންމެ ޤާބިލް މީހާ ކަމަށް ވެގެން ނޫން ކަމަށާއި މިއަދު ދިވެހިން ތިބީ އަޅުވެތިކަމުގެ ތުންފަތް މައްޗަށްވުރެ ބޮޑަށް އޭގެ ތެރެއަށް ވެއްޓިފައި ކަމަށެވެ. އަދި ދިވެހިން މި ހާލަށް ގެންދިޔައީ މިއަދުގެ ސަރުކާރުންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް ރައީސް ޞާލިޙު ކުރެއްވި ވިޔާނުދާ ހަޑިމުޑުދާރު އަމަލުތަކުގެ ސަބަބުން މިއަދު ދިވެހިން އަޅުވެތިކަމުގެ ތެރެއަށް ވެށްޓެމުންދާ ކަމަށާއި މި ސަރުކާރުން ކުރާ ކަންތައް ދިވެހި ރައްޔިތުންނަށާއި ރައްޔިތުން މަޖިލީހަކަށް ވެސް ނޭނގޭ ކަމަށް ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ މިއަދު ރައީސް ސޯލިހްގެ ހުރި ނާގާބިލް ކަން ފެނިގެން ހިނގައްޖެ ކަމަށާއި އަދި ރައީސް ޞާލިޙުގެ ހުރި ހިޔާނަތްތެރިކަން ރައްޔިތުންނަށް ތަސައްވަރު ކުރެވިއްޖެ ކަމަށެވެ.
"ކޮންމެ ގޮތަކުން ވެސް ވެރިކަމަށް އަންނަން ބޭނުންވެގެން ހުރިހާކަމެއް ކުރަމުން އަންނަ މަންޒަރު އަޅުގަނޑުމެންނަށް ނުފެނޭތޯ. އަޅުގަނޑުމެން މި ތިބީ ހޭ ބުއްދި ސަލާމަތުންތޯ. ވިސްނާ ވަޑައިގަންނަވާ މިވަރަށް ވެރިކަން ބޭނުންވެގެން ދެވަނަ ދައުރަަކށް އަންނަން ބޭނުންވެގެން މި ހިފަނީ ކޮންކަމާތޯ." ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރާ ދެކޮޅަށް ޤާސިމް ވާހަކަފުޅުދައްކަވާތީއާއި ސަރުކާރުން ކުރަމުންދާ ނޭއްގާނީ އަމަލުތަކުގެ ވާހަކަތައްދެއްކުމުން ގަޔަށް ވަޒަނެއް ޖަހައި މަރާލިޔަސް އެއްވެސް ފަރުވާލެއް ނެތް ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މިތަނުން ނިކުމެގެން ދިޔައީމަ ނުވަތަ މިހާ ހުއްޓާޥެސް ވަޒެއް ޖަހާ މަރާލިޔަސް ފަރުވާލެއް ނެތް. ކޮންމެ އިންސާނަކުވެސް މަރާ ކުރިމަތިވާނެ ކޮންމެވެސް އެއްދުވަހަކުން. އެއީ އެމީހަކަށް ނޭނގޭ އެއްޗެއްނޫން." ގާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ހިންގާފައިވާ ނުހައްގު އަމަލު ތަކުގެ ވާހަކަ އަޑު ގޮސްފައި ހުރި އިރުގައިވެސް އަޑަށް ބާރުލައްވާފައި ދައްކަވަން އެމަނިކުފާނަށް މަހުބޫރުވެވަޑައިގަންނަވަނީ ޤާސިމްގެ ވާޖިބު އަދާކުރެއްވުމަށް ކަމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ އަޙުންނާއި އުޚްތުން މީގެ ކުރިން ކުރި މަސައްކަތުން ރާއްޖެ މިހާ ހިސާބަށް އައިސްފައި އޮއްވާ ރައްޔިތުން އަލިފާންގަނޑެއްގެ ތެރެއަށް ވެއްޓިގެންދާ މަންޒަރު ދެކެން ބޭނުންނުވާ ކަމަށެވެ.
ހުރި ނުބައި ނުލަފާކަން ދެކިބަލަ. ތިމާގެ އަމިއްލަ އެދުމަށްޓަކައި މި ޤައުމު އަނދަވަޅަކަށް ވައްޓާލަން ހުރިހާ ކަމަކަށް އެހީތެރިވެ ދައުރު ނިމުނުއިރުވެސް ޤައުމު އަޅުވެތި ކުރަން ޖެހިހާ ސަކަރާތެއް ގައި ފުރިހަމަ އެއްބާރުލުންދީ އިންޑިޔާ ސިފައި ބޭލުމަށް ކުރި އިޙުތިޖާޖުތަކަށް މީހުން ނުނިކުތުމަށް ގޮވައި އާދެސް ކޮށްފައި ކޮންމެ އަހަރަކު ދަރަނި ބަޖެޓަށް ވޯޓުވެސް ދީފައި ހުރިހާ ނަފާއެއް ސަރުކާރުތެރެއިން ނަގާފައި މިއަދު އެހުރިހާ ކަމެއްގައި އެހެން މީހަކު އެކަނި ކުރިކަމަކަށް ހަދަން މީހާދަ މަކަރުވެރި މީހެކޭ.