ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ދައުރުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް ހާއްސަކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނައިފިއެވެ.
އުފާވެރި އަމާންރާއްޖެ ނަމުގައި އެމްޑީޕީން އާންމުކުރި މެނިފެސްޓޯގައި ބުނާ ގޮތުން ކުރިއަށް އޮތް ދައުރުގައި އިންސާނީ ވަސީލަތްތައް ފުޅާކޮށް ދެމެހެއްޓެނިވި ވަޒީފާގެ ބާޒާރެއް ގާއިމްކުރުމަކީ އެންމެ މުހިންމު އެއް އަމާޒެެވެ.
އެގޮތުން ސިވިލް ސާވިސްއާއި ދައުލަތުގެ އެންމެހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކް ފުރިހަމަކޮށް ތަންފީޒު ކުރަން ވަނީ ހިމަނައިފައެވެ.
ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ތަރައްގީކޮށް ދިވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ސަނަދު ނެތް ފަރާތްތަކުގެ ތަޖރިބާއަށް ބިނާކޮށް ސަނަދު ހޯދައިދޭ ނިޒާމެއް ނުވަތަ ޓްރޭޑް ޓެސްޓިންގް ފުޅާކުރަން ރައީސް ޞާލިހު ވަނީ ނިންމައިފައެވެ.
އަދި ހުނަރުވެރިކުރުވުމުގެ އިތުރު ފުރުސަތުތަކާއިއެކު "ސަޓިފައިޑް ޕްރޮފެޝަނަލްސް" ތައާރަފުކުރަންވެސް ވަނީ ނިންމައިފައެވެ.
"ވަޒީފާތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެ ސަރުކާރުގެ ވަޒީފާތައް އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ" މިހާރު މާލޭގައި މަރުކަޒު ކުރެވިފައިވާ ސަރުކާރުގެ ވަޒީފާތަކާއި ގުޅޭގޮތުން މެނިފެސްޓޯގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދިރިއުޅުމުގެ އެކި ހާލަތްތަކާއި ގުޅިގެން ވަޒީފާ އަދާކުރުމަށް ބޭނުންވާ ފްލެކްސިބަލް އެރޭންޖްމެންޓްސް އެ ހާލަތްތަކާއި އެކަށީގެންވާ ގޮތަކަށް ހަމަޖައްސަންވެސް ރައީސް ޞާލިހުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
އަދި މަސައްކަތްތެރިންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރިއްޔާއިން މަސައްކަތްތައް ލުއިފަސޭހަކުރުމަށް އަހުލުވެރިކުރުވާނެ ކަމަށްވެސް މެނިފެސްޓޯގައި ވަނީ ބުނެފައެވެ.
ރައީސް ޞާލިހުގެ ވެރިކަމުގައި ވަނީ ރާއްޖޭގައި މިނިމަމް ވޭޖެއް މުޅިން އަލަށް ކަނޑައަޅައި ތަންފީޒު ކުރަން ފަށައިފަ އެވެ. އަދި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ވަނީ ބޮޑުކޮށްފައެވެ.