ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސް ޕާޓީގެ ބާނީ ރައީސް ނަޝީދު، ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް ނުކުރައްވައި ނުހުންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމާއި ދެވަނަ ބުރަކަށް މިސާލަކަށް ދިޔަޔަސް، އަދި ރައީސް ނަޝީދު އެމްޑީޕީއާއިއެކު ދެވަނަ ބުރެއްގައި މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވިނަމަވެސް، އެފަދަ ހާލަތެއް އަތުވެއްޖެނަމަ ރައީސް ނަޝީދު ތާއީދުކުރައްވާނީ އެމްޑީޕީއަށްކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދު އެއުޅޭ ޑިމޮކްރެޓްސް މީހުން ޖެހިލާނީ ކޮން ކޮޅަކަށްތޯ؟ ސަތޭކައަކުން ސަތޭކަ އެމްޑީޕީ ކޮޅަށް ޖެހޭނީ. އޭނާ އެ ޖަހަނީ ޗައްކަރެއް" ޤާސިމް ވިދާޅުވިއެވެ.
"އެއީ މިދައްކާ ވާހަކަ. އޭނައަކަށް ނޯންނާނެ ދެވޭކަށް އެހެން ކޮޅަކަށް. ކޮންމެ ވާހަކައެއް ދެއްކިޔަސް، އެއުޅެނީ އެހެން ދިމާއަކުން ވޯޓު ހޯދައިގެން އެމްޑިޕީއަށް ސަޕޯޓު ނުކުރާ މީހުންގެ ވޯޓުތައް ހޯދައިގެން އޭގެ ތެރެއިން ބައެއް ނަގައިގެން ދާގޮތަށްގޮސް އެމްޑީޕީގެ ތެރެއަށް ވަންނަން. މިނޫން އެހެން ގޮތަކަށް މިކަމެއް ނުނިމޭނެ" ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން އެމްޑީޕީއަށް ތާއީދުނުކުރައްވާނެކަމަށް ވިދާޅުވިނަމަވެސް އެކަން ރައީސް ނަޝީދުކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
"އޭނާ ވިދާޅުވެއްޖެނޫންތޯ ތިމަންނާ އެމްޑީޕީއަކަށް ތާއީދެއްނުކުރާނަމޭ ދެވަނަ ބުރަކަށް ދާންޖެހުނަސް، ބަލަހައްޓަވައިގެން ތިއްބަވާ، އޭނަ ނޫނެކޭ ބުނެފިއްޔާ އެކަމެއް ކުރައްވާނެ. ޝައްކެއްނެތް. މިހާ ހިސާބަށް ދުނިޔޭގައި ނެތް އަދި އެނޫންގޮތަކަށް މިކަން ވެފައެއް އޭނަގެ ހަޔާތުގައި. އަޅުގަނޑު ދަންނަން އޭނަ ވަރަށް ރަނގަޅަށް ސާފުކޮށް. އެހެންވީމާ" ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގއ. ވިލިނގިލީގައި އެއާޕޯޓު އެޅިޔަނުދީ އެކަން ހުއްޓުވީ ރައީސް ނަޝީދުކަމަށާއި އެމަނިކުފާނުގެ ސަަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.
"މިރަށުގެ އެއާޕޯޓު އެޅުނަނުދީ އެކަން އެ ބަދަލުކޮށްލީ ރައީސް ނަޝީދޭ. ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ. އޭނަ އެތަން ބަދަލުކޮށްލާފައި އެންމެ ފަހުން އައިސް އެއް ރަށް ދެރަށްވެސް ދީ ތިންރަށްވެސް ދޭންޖެހުނީ. ކޮންފަދަބޮޑު ގެއްލުމެއްތޯ؟ ކޮންފަދަ ބޮޑު ނިކަމެތިކަމެއްތޯ؟ ކޮންފަދަ ބޮޑު ޚަރަދެއްތޯ؟ އަޅުގަނޑު މީގެ މިސާލެއް ނަގާފާނަން. ބަތް ކައްކަން ނޭގޭ މީހަކަށް ބަތް ކައްކަން ދިނީމާ ކިހިނެއްތޯ ވާނީ؟ ނޭނގޭނެ ދެއްތޯ" ޤާސިމް ވިދާޅުވިއެވެ.
އަދި ރައީސް ނަޝީދުގެ ވެރިކަން ގެނައުމަށް ޤާސިމްވެސް މަސައްކަތްކުރެއްވި ކަމަށާއި އޭރު ރައީސް ނަޝީދަކީ ކިހާބޮޑު "މަރުމޯލެއް" ކަމެއް އެނގިވަޑައިނުގެންނެވިކަމަށް ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު މެން ވެރިކަމަށް ނެގުނީ އަޅުގަނޑުވެސް ތާއީދުކޮށްގެން. އަޅުގަނޑުވެސް ހިޔެއް ނުކުރަން މިވަރުގެ ބޮޑު މަރުމޯލެއްކަމަށް މީކީ. އޭރުން އަދި އަނެއް ދިވެހިރާއްޖެ ކިޔައިގެން، މިހާރު ރަތް ޖަޒީރާ ދިވެހި ރާއްޖެ ކިޔައިގެން، މީ ކޮން ކެއްކުމެއްތޯ މި ކައްކަނީ. ހަމަ އެކައްޗެއް އިނގޭތޯ" ޤާސިމް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު އޭރު ޤާނޫނީ އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގައި ތަޅު އަޅުއްވައި ގާޒީން ހިފައި ހައްޔަރުކުރިކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ މިހާރުވެސް ފެންނަނީ އެ މަންޒަރު ކަމަށާއި ހަމަ އެމްޑީޕީގެ ތެރެއިން މިހާރުގެ ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވާކަމަށެވެ.
ގާސިމް އަކީ މަރަމޯލެއް އެ ދައްކަވަނީ ހުސް މަރަމޯލު ވާހަކަ. ވަރަށް ދެރަ