ތާއީދު ހޯއްދެވުމަށް ރައީސް ޞާލިޙު މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވަނީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ތާއީދު ހޯއްދެވުމަށް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.
ރައީސްގެ ކެންޕެއިން ޓީމުގެ އޮފިޝަލަކު މަޢުލޫމާތު ދީފައިވާ ގޮތުގައި ކެންޕެއިން ދަތުރެއްގައި އަތޮޅުތެރެއަށް ވަޑައިގަންނަވަން ނެތްނަމަ، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ކެންޕެއިންއަށް ރައީސް ދޮރުންދޮރަށް ހިންގަވާނެއެވެ. މިއަދު ހަވީރު ރައީސް ވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ ގޭގެއަށް ވަޑައިގެން އެގޭގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ޞާލިޙު މިއަދު މާލޭގެ ގޭގެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ
"މީގެ ފަހުން ކޮންމެ ދުވަހެއްގެ ހަވީރު މާލޭގައި އެ މަނިކުފާނު ދޮރުންދޮރަށް ހިންގަވާނެ. ޚާއްސަ ކަމެއް ނެތިއްޔާ ނޫނީ މާލެ އިން ބޭރަށް ވަަޑައިގަންނަވަން ނެތިއްޔާ މާލޭގައި ރައީސް ދޮރުންދޮރަށް ހިންގަވާނެ" ރައީސްގެ ކެމްޕެއިން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 39 އިންސައްތަ ވޯޓާއެކު ދެވަނަ ބުރަށް ރައީސް ދަތުރުކުރައްވާފައިވާއިރު، މި ބުރުގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީން ވަނީ ކެންޕެއިން ވަރުގަދަކޮށްފައެވެ.
ރައީސްގެ މިއަދުގެ ކެންޕެއިން ހަރަކާތުގައި އެމަނިކުފާނާއެކު އެމްޑީޕީގެ މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި ބައެއް މިނިސްޓަރުން އަދި ކޯލިޝަން ޕާޓީތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ޞާލިޙު މިއަދު މާލޭގެ ގޭގެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ
ރައީސް ޞާލިޙު ދޮރުންދޮރަށް ކެންޕެއިން ފެއްޓެވިއިރު، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުވެސް ދަނީ ރައީސް ޞާލިޙުއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ދޮރުންދޮރަށް ކެންޕެއިން ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ވިލިމާލެއަށް ޒިޔާރަތްކުރެއްވި އިރު މިއަދު ވަނީ ހުޅުމާލެ ފޭސް 2 އަކަށް ވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބުގައި ރައީސާއެކު ދެވަނަ ބުރަށް ދަތުރު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ.