ޚަބަރު ސިޔާސީ

ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމަކީ ބިރުވެރިކަމެއް: ރައީސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް އިދިކޮޅު ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ދައްކަވާ ވާހަކަތަކަކީ ބިރުވެރި ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހދ. ފިނޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ސަރުކާރުން ހަމަޖައްސާފައިވާ ބަޖެޓުން ކައުންސިލްތަކަށް ނުވާކަމަށާއި، އިތުރު އެހީތައް ހޯދުމަށް އެކަމަށް އެކަށީގެންވާ މިނިސްޓްރީއެއް ޤާއިމްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރައީސް ޞާލިޙު ވިދާޅުވީ އިދިކޮޅުން އެ ދައްކަވަނީ ބިރުވެރި ވާހަކައެއްކަމަށާއި، އިދިކޮޅުން އަނެއްކާވެސް މަސައްކަތް ކުރައްވަނީ ބާރުތައް ސެންޓްރަލައިޒްކުރުމަށް ކަމަށެވެ. އަދި މީގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ހަދަމުންދިޔަ ގޮތް ހުރިހާ ރައްޔިތުންނަށްވެސް ފެންނާނެކަމަށާއި އެގޮތުން ކައުންސިލްތައް ސަސްޕެންޑުކުރުމާއި ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނެގިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކަން ކުރަން އެ އުޅެނީ. އެއީ މި ރާއްޖެ ތަރައްޤީކުރުމަށް އެންމެ ބޮޑު ހުރަހެއް ކަމަށް އަޅުގަނޑުމެން ދުށީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ އަނެއްކާވެސް މާލެއަށް ބާރުތައް ޖަމާކުރަންކަމަށާއި އެއީ ބިރުވެރިކަމެއްކަމަށެވެ.

"އެއަށް ފުރުސަތު ލިބިއްޖިއްޔާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައް އަހަރެއް ފަހަތަށް" ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!