އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގޭހާ ވަގުތު އޮތްކަމަކަށް ނުދެކެން: ޕީޕީއެމް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާމެދު ވޯޓެއް ނަގާނެހާ ވަގުތު އޮތްކަމަށް ނުދެކޭކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު ތޮލާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވެރިކަން ކުރުމުގެ ނިޒާމާއި ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން އެ ކަމަށް ވަގުތު ނެތް ކަމަށެވެ.
ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި 15 އަހަރު ދުވަހުގެ ތަޖުރިބާއަށް ފަހު ރައްޔިތުންގެ ވޯޓެއް އޭގައި ނެގުމުގައި މައްސަލައެއް ނެތް ކަމަށް ފާހަގަކުރައްވަމުން ތޮލާލް ވިދާޅުވީ ރައީސް ޔާމީނު ވިދާޅުވިހެން ޕީޕީއެމް/ޕީއެންސީން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އަބަދުުވެސް ގެންގުޅެމުން އައި ސްޓޭންޑަކީ މި ވަގުތު ރާއްޖޭގެ ސިޔާސީ ހާލަތަށް ބަރުލަމާނީ ނިޒާމު ނުފެތޭ ކަމަށެވެ.
ނަމަވެސް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި ހަރުދަނާ ގާނޫނުތަކަކާއި އެ ގާނޫނުތައް ތަންފީޒުކުރެވޭ ފަދަ ހަރުދަނާ މުއައްސަސާތަކެއް ގާއިމު ކުރުމަށް ފަހު ބަރުލަމާނީ ނިޒާމެއް ތަންފީޒުކުރުމުގައި މައްސަލައެއް ނެތްކަމަށް ތޮލާލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އޭރު ވެސް ވިދާޅުވި ވާހަކައާއި އެ ސްޓޭންޑްގެ މަތީގައި އަދިވެސް އަޅުގަނޑުމެން މި ތިބީ،" ތޮލާލް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިއަށް 28، ގައި އެ ވޯޓު ބޭއްވުމަށް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހަޅާފައިވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޮލާލް ވިދާޅުވީ އެފަދަ ވޯޓެއް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން ނެގުމަށް ވަގުތު ނެތްކަމަށެވެ.