ރަށްރަށުން މިހާރު އެދެނީ ޕިކްނިކް އައިލެންޑް އަޅައިދޭން: ރައީސް ޞާލިޙް

މި ސަރުކާރު އައިފަހުން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަވެ، ރަށްރަށުން އެދެމުން އަންނަ ކަންތައްތައް ބަދަލުވެފައިވާކަމަށާއި، ކުރިން ރަށްރަށުން އެދެމުން އައި ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ބަނދަރާއި ނަރުދަމާ އެޅުމަށްކަމަށާއި ނަމަވެސް މިހާރު އެކަން ބަދަލުވެ، ރަށްރަށުގެ ރައްޔިތުން އެދެނީ ޕިކްނިކް އައިލެންޑް ފަދަ ތަންތަން އަޅައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
"މިހާރު" ގެ ފަރާތުން ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދިޔަ "ވޯކް ދަ ޓޯކް" ގައި އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ކުރިމަތި ލެއްވި ރައީސް ޞާލިހު ވިދާޅުވީ ކެންޕެއިންގެ ދަތުރުތަކުގައި 170 އަށް ވުރެ ގިނަ ރަށްރަށަށް ވަޑައިގެންނެވުނުކަމަށާއި، ގިނަ ރަށްރަށުގައި އަސާސީ ޚިދުމަތްތަށް ފުރިހަމަކޮށްދެވިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރާ ޙަވާލުވުމަށްފަހު، ވަޢުދުވެވަޑައިގެންނެވި ގޮތަށް ދައުރު ނިންމާލެވެންވާއިރަށް އަސާސީ ޚިދުމަތްތަށް ފުރިހަމަކޮށްދެވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އާއްމު ޙާލަތު ބަދަލުކުރުމަށް ބޮޑެތި ކަންތައްތަކެއް ރާވާފައިވާނެކަމަށެވެ.
"ކުރީގައި ވެއްޖިއްޔާ ބޯފެންފޮދު ނުލިބިގެން، ނަރުދަމާ ނެތިގެން، ބަނދަރު ނެތިގެން. މިހާރު އެ ކަންތައްތައް ފުރިހަމަވާތީ ކަންނޭނގެ މިހާރު ރަށްރަށުގައި އެ އެދޭ އެދުންތައް މިއޮތީ ކުޑަކޮށް ބަދަލުވެފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށެއްގައި ތަރައްޤީ ފެށޭނީ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ފެނާއި ނަރުދަމާ އަދި ބަނދަރު ހަދާފައި ހުރީ މަދު ރަށެއްގައިކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ބިލިއަށް ރުފިޔާގެ މަޝްރޫޢުތައް ހިންގާފައިވާނެކަމަށެވެ. އަދި މިއަދާހަމަށް ބައެއް ރަށްރަށުގައި މަސައްކަތް ނިމިފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކެންޕެއިން ދަތުރުގައި ރަށްރަށަށް ވަޑައިގެންނެވުމުން ރައްޔިތުން އެދެމުން ދިޔައީ ޕިކްނިކް އައިލެންޑު އަޅައިދިނުމަށްކަމަށާއި، ރަށްރަށުގެ ހުށަހެޅުންތައް ބަދަލުވަމުން މި އައީ ރައްޔިތުންގެ ދިރިއުޅުން ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމަށްކަމަށެވެ.
މާލޭއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިގު މުއްދަތުގެ ޕްލޭނެއް ނެތި މާލެ ތަރައްޤީކުރުންކަމަށެވެ. އަދި ހުރިހާ ޚިދުމަތްތަކަކާއި ވަސީލަތްތައް މާލެއަށް ޖަމާކުރުމުގެ ސަބަބުން ސިއްޙީ ޚިދުމަތާއި، ތަޢުލީމާއި އަދި ވަޒީފާ ހޯދުމަށްވެސް މާލެ އައުމަށް މަޖުބޫރުވަނީކަމަށެވެ.
"ދިރިއުޅެން މީހަކު ބޭނުންވަންޏާ އާމްދަނީ ހޯދަން އެބަޖެހޭ. އާމްދަނީއެއް ލިބެން އޮންނަނީ ވަޒީފާއެއް އަދާކޮށްގެން. ހުރިހާ ކަމެއް މާލެއަށް ޖަމާކުރުމުގެ ސަބަބުން މާލެއަށް، މުޅި ރާއްޖޭގެ އެންމެން ހިޖުރަކުރަން މަޖުބޫރުވީ. މިއީ ޒަމާނުއްސުރެ އޮތް ސިޔާސަތުގެ ސަބަބުން ނުކުރެވި އޮތް ކަންތައްތަކެއް. އޭގެ ސަބަބުން މާލެ މިހާރު މި އޮތީ ރާއްޖޭގައި މިހާރު އޮތް އެންމެ ދިރިއުޅެން، ހަމަޖެހިލައިގެން ދިރިއުޅެން އެންމެ ދަތި ރަށް." އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވަނީ މާލޭގައި ހިންގުނު އެންމެ ކާމިޔާބު މަޝްރޫޢަކީ ބަސް ދަތުރުތައް ފެށުންކަމުގައި ފާހަގަކުރައްވާފައެވެ.







ކޮމެންޓް