މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެންދިޔަ މީހުން އަނބުރާ ގެނައުމަށް: ރައީސް ޞާލިޙް
މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަނބުރާ އެމްޑީޕީގެ ތެރެއަށް ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތްތަކަށްފަހު މިއަދު އައްޑޫ ސިޓީ އަށް ވަޑައިގެން ކެމްޕޭން ޓީމުތަކާއި ބައްދަލުކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމަކީ ވޯޓު ގެއްލުނު ސަބަބެއް ކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާ ރަނގަޅަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ވޯޓާ އެކު އެމްޑީޕީ ފިކުރަށް 50 ޕަސެންޓަށް ވުރެން މަތިން ރަށްރަށުން ވޯޓު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ވިސްނުމާއި ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓީ އެބައޮތް. މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނައުން," ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެކަންތައް ކުރިއަށް އޮތް ދެ ދުވަހު ކުރެވޭނެކަމަށާއި ނަތީޖާވެސް ރަނގަޅުވާނެކަމަށެވެ.
މީގެ އިތުރުން ރައީސް ޞާލިޙުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީއަށް ކުރެވުނު ހެޔޮ, ރަނގަޅު ކަންކަން އެކި ރަށްރަށުން ފެންނަން އެބަހުރި ކަމަށާއި އެހެން އެކަން އޮއްވައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކަކާއި ފިތުނަ ސަރުކާރާ މެދު ފަތުރަމުންކަމަށެވެ.
އިދިކޮޅުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށާއި ކިތަންމެ ރަނގަޅު ކަމެއް ކޮށްފައި އޮތަސް އެއީ ގޯހެއް ކަމަށް ތަކުރާރުކޮށް ބުނާނަމަ އެކަން ގަބޫލުކުރާނެ ބަޔަކު ތިބޭނެ ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އިދިކޮޅުން މި ސަރުކާރަށް ނިސްބަތްކޮށް ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ދުރު ފިތުނަތަކެއް ކަމަށެވެ.
"އޭގެ ރައްދުގައި އޭގެ ހަގީގަތް ހާމަކޮށްނުދެވެންޏާ ފެތުރިގެން އެބަދޭ. މިކަން ވެސް އެބައޮތް ރަށްރަށުގައި. އިދިކޮޅުގެ ދޮގުތައް ހާމަކޮށްދޭން ވަރަށް ގިނަ މަސައްކަތް ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވިއްޖެ," ރައީސް ޞާލިޙް ވިދާޅުވިއެވެ.
ހަމައެއާއެކު އިންޑިއާ ގުޅުވައި އަދި ކަނޑުވިއްކާލި ކަމަށް ބުނެ ވެސް ހަދަމުން ދަނީ ބޮޑެތި ދޮގުކަމަށާއި އެއީ އޮޅުވާލުންތަކެއްކަން ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ހޮނިހިރުދުވަހު ނަގާ ދެވަނަބުރުގެ ވޯޓުގެ ކުރިން އައްޑޫ ސިޓީއަށް ވަޑައިގަތުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ފުރަތަމަ ބުރުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް މި ބުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި ދެވަނަ ބުރުގައި އެންމެ މުހިއްމީ އިދިކޮޅުން ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް އޮޅުންފިލުވައިދީގެން ވޯޓުލާން ނުކުތުން ކަމަށެވެ.
ކުރީގެ ބުރުގައި ގޭގެއަށް ގޮސް ބައްދަލުނުކުރެވުމާއި ވޯޓުލާ ދުވަހުގެ ޓްރާންސްޕޯޓާއި އެގްޒިޓް ޕޮލް ނުބެލުން ފަދަ ކަންކަން ހިނގިޔަސް މި ބުރުގައި އެކަންކަން ތަކުރާރު ނުވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ. އަދި ކުރިން ބުރުގައި ވޯޓުލާން ނުނިކުމެ ތިބުމަށް ދިމާވި ހުރިހާ ކަންކަން މިހާރު ހުރީ ހައްލުވެ ވޯޓުލާ ދުވަހާ ހަމައަށް އިންތިޒާމްވެފައި ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.
"ހުރިހާ ރަށެއްގައި ހުރިހާ ދާއިރާގެ ފޮއްޓަށް ވާނީ އިންތިޒާމްތައް ހަމަޖެހިފައި. ހެނދުނު ހެނދުނާ ގޮސް އަޅުގަނޑުމެން ވޯޓުލާން ޖެހޭ," ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ ތިން ކަމެއް ކޮށްދެއްވުމަށް އެމްޑީޕީގެ ކެމްޕޭން ޓީމުތަކަށް ގޮވާލާފައެވެ. އެގޮތުން ވޯޓުލާ ދުވަހަށް ފުރިހަމައަށް ތައްޔާރުވުމާއި އެމްޑީޕީ ފިކުރުގައި ތިބެ ދުރަށް ދިޔަ މީހުންނާ އެކީގައި މަސައްކަތްކުރުމާ އެކު އިދިކޮޅުން ހަދާ ދޮގުތަކާއި ފިތުނަ ރައްޔިތުންނަށް އޮޅުންފިލުވައިދެވިއްޖެ ނަމަ އެމްޑީޕީއަށް ކާމިޔާބުވާނެކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ކޮށްދެއްވުމަށެވެ.