ޚަބަރު ސިޔާސީ

މި ސަރުކާރަކީ ކުދި ރަށްތައް ތަރައްޤީ ކުރާނެ ސަރުކާރެއް ނޫން, އެކަން ކުރާނީ އެމްޑީޕީން: ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ސަރުކާރަކީ ކުދި ރަށްތައް ތަރައްޤީ ކުރާނެ ސަރުކާރެއް ނޫން ކަމަށާއި އެކަން ކުރާނީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

އއ.ބޮޑުފުޅަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޞާލިޙް ވިދާޅުވީ ކުދި އާބާދީތަކަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ.

އެ ދާއިރާގެ ރަށްތަަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެމަނިކުފާނު އަމިއްލަފުޅަށް ވެސް ވަޢުދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ބިން ހިއްކުމާއި ފެނާއި ނަރުދަމާ ހިމެނޭ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"މިރށުގާ ހުރެ އަޅުގަނޑު ދެންނެވިން މި ރަށުގެ ބިން ހިއްކާ ވާހަކަ. ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެއްވާނެ ވާހަކަ. އެއީ އެހެން ޕާޓީއެއްގެ, އެހެން ސިޔާސީ ފިކުރު ހުރި މީހެއްގެ ވިސްނުމެއް ނޫން" ޞާލިޙް ވިދާޅުވިއެވެ.

ހާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި އެކަންތައްތައް ނުހިމެނޭ ކަމަށާއި އެކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ކުދި އާބާދީތަކަކީ ތަރައްގީ ކުރަން ޖެހޭ ތަންތަން ނޫންކަން ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"އެފަދަ ސިޔާސަތެއް ގެންގުޅޭ ސަރުކާރަކަށް ތާއީދު ކުރަން, ބޯލަބަން ބަޔަކު ތިބެގެން ކުދި ރަށްތަކެއް ތަރައްގީއެއް ނުކުރެވޭނެ" ޞާލިޙް ވިދާޅުވިއެވެ.

މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެމްޑީޕީއާ ދެކޮޅަށް ދެވޭ ވޯޓަކީ ކުދި އާބާދީތައް ތަރައްޤީ ކުރުމާ ދެކޮޅަށް ދެވޭ ވޯޓެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!