ހުރިހާ ރަށެއްގައި އޮތީ މާޔޫސްކަން، ބޮޑު ތަނުން ކާމިޔާބު ކުރާނަން: ސޯލިހު
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ ސަރުކާރާ މެދު މާޔޫސްވެފައިވާތަން ކަމަށާއި އެކަން ބަދަލުކޮށް ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޮޑުތަނުން އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ އިންތިހާބުގެ މަގުމަތީ ހަރަކާތްތައް ނިންމުމަށް އެމްޑީޕީން މިއަދު ބޭއްވި ޕެރޭޑުގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ, ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތައް ފުއްދަމުން ނުދާތީ, މާޔޫސްވެފައިވާ މަންޒަރު ކަމަށެވެ.
ސޯލިހު ވިދާޅުވީ މިކަން ބަދަލުކުރަން ޖެހިއްޖެކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެންގެ ފަރާތުން އަޑު އުފުލަމުން ދާ ކަމަށާއި އެމްޑީޕީ އަނެއްކާ ވެސް ނިކުމެ މިއޮތީ މިކަން ބަދަލުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ކަމަށެވެ.
"ރާއްޖެ މިދާ މިސްރާބު ކައްސާލައިފި. މިސްރާބު ހަމަ މަގަށް އަޅުވަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބުމާއެކު އިރާދަކުރެއްވިއްޔާ މި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން,ޒިންމާދާރުކުރުވާނަން ހަމަމަގަށް އަޅުވާނަން," އެމްޑީޕީ މެޖޯރިޓީ ހޯދާނެ ކަން ފާހަގަކުރައްވައި ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ބޮޑެތި ދޮގާއި އޮޅުވާލުމުގެ ތެރެއިން ކަމަށާއި އެކަން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ. މިކަން ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ވާނީ އެމްޑީޕީއަށް ފުރުސަތު ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ ވެރިކަން ކުރަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑުކޮށް ނަމަވެސް މި ސަރުކާރު ހިނގަމުންދާ ގޮތް ރައްޔިތުންނަށް ނޭނގޭ ކަމަށާއި މާލިއްޔަތާ ގުޅޭ މައުލޫމާތު އަދި ހޯދަން އެދޭ މައުލޫމާތު ވެސް ހާމަ ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އެނގޭހާ ވެސް އެއްޗަކީ ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށް, ހަރަދު އިންތިހާއަށް ބޮޑުކޮށްފައިވާ ކަން ކަމަށާއި ސަރުކާރު މާލިއްޔަތުން ކެމްޕެއިން ކުރުމަށް އެތައް މިލިއަނެއް ހަރަދުކޮށްފައިވާ ކަމަށެވެ.
މިކަން ހުއްޓުވަން ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލިސް ދީގެން ކަމަށާއި އެމްޑީޕީއަށް ދޭ ވޯޓަކީ ގޯއްޗާއި ފްލެޓު ކަށަވަރުކޮށް, ހުއްޓާލާފައި އޮތް ތަރައްގީގެ މަޝްރޫއުތައް އަލުން ފެށުމަށް ދޭ ވޯޓެއް ކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އާދިއްތަ ދުވަހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ދޭ ވޯޓު ދެވެނީ ތަރައްގީއާ ދެކޮޅަށް, މަޝްރޫއުތައް ހުއްޓާލުމަށް ކަމަށެވެ.
މޑޕ އޮތީ ފެއިލްވެފަ މޑޕ އަކަށް ނުވާނެ
ހުރިހ ރަށެއްގަ މާޔޫސްކަން އޮތިއްޔާ އޮތީތި ކަޑުކޮސް ރާއްޖޭގެ ރައީސުލް ޖުމަހޫރިއްޔާ ކަމަށް ހޮވުމުން އެހެން އެއްވެސް ކަމެއްނެތް