ޚަބަރު ސަރުކާރު

ލިބިފައިވާ ޢިލްމާ ހުނަރުން، ޤައުމަށް ޚިދުމަތް ކުރުމަށް ނައިބު ރައީސް ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލިބިފައިވާ ޢިލްމާ ފަންނީ ހުނަރުން، ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޤައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި އެވެ.

Ads by Sosun Fihaara

ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމުގެ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވަވާކަން ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބުގެ ވާހަކަފުޅުގައި، ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ ޢިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

މިރޭގެ ޙަފްލާގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި އަދި މި ދަންފަޅީގެ ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!