ކޮވިޑްގެ ފިޔަވަޅުތަކުން ބިކަވާކަމަށް ބުނެ ކުއްލި މައްސަލައެއް ޖާބިރު ހުށަހަޅުއްވައިފި
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އާއި ގުޅިގެން ތަންފީޒުކުރަމުންދާ ގަވާއިދުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ބިކަވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ޗައިނާއިން ފެތުރެން ފަށާފައިވާ މިވައިރަސް މިހާރު ރާއްޖޭގައި ވެސް "ވަކި ހިއްޕާލާފައިވާ" ކަމަށާއި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ދަރަނިތައް ބޮޑުވެ، އެންމެ އަސާސީ ޙައްޤުތަކުން ވެސް މަޙްރޫމް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޖާބިރުގެ ގަރާރުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ނެޝަނަލް ސްޓޭޓް އޮފް ހެލްތު އިމަޖެންސީގެ ހާލަތަށް ގައުމު ގެނެސް، ޖަޒީރާވަންތަ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ގައުމުގެ އެއް ރަށުން އަނެއް ރަށަށް އެރުން މަނާކޮށް، އަދި ފުރަބަންދުގައި މީހުން ބައިތިއްބައި، ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ޖުމްލަ ގޮތެއްގައި ދިވެހި އިގްތިސޯދުގެ ހުރިހާ ސިނާއަތްތައް ކުރިއަރައިދާން ފަސޭހަ މަގުތައް ބަންދުކޮށް، އަދި ދިވެހިންގެ ވަޒީފާތައް ގެއްލި، ދިވެހި އާއިލާތައް ބިކަވެ، ދުވަހުން ދުވަހަކަށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާ މަންޒަރު ގާތުން ފެނިގެންދާ ދަނޑިވަޅެއްގައި، "ނިއު ނޯމަލް" އެއްގެ ނަމުގައި މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގައުމުގެ ކޮވިޑް ހާލަތާއި ގުޅިގެން ނިންމާ ހުރިހާ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ އިދާރާ، އެޗްޕީއޭ އިން ލުއިތަކެއް ދިނުމުގެ ނަމުގައި ދިން ލުއިތަކަކީ ގައުމުގެ ހާލަތަށް ރިއާޔަތްކުރުމަކާއި ނުލައި، ދިން ލުއިތަކެއް ކަަމަށާއި އެކަމުގެ ސަބަބުން އަނެއްކާވެސް ގައުމުގެ އިގްތިސޯދު އަލުން އިއާދަކުރުމަށާއި، ނެގެހެއްޓުމަށް ހުރި ދޮރުތައް ބަންދުވެގެން ގޮސްފައިވާ ކަމަށެވެ.
އިސްލީ ކަރަންޓީން އިޚްތިޔާރު ކުރޭ