ރައީސް ޔާމީނުގެ ވެރިކަމުގައި ދީނާ ގުޅުންހުރި އެއްވެސް ކަމަކުން ވައްކަމެއް ނުކުރޭ: އަދުރޭ
މާތްވެގެންވާ އިސްލާމްދީނާއި ގުޅުން ހުރި އެއްވެސް ކަމަކުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވައްކަމެއް ނުކުރާ ކަމަށް އިދިކޮޅު ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ އިސްލާމިކް މިނިސްޓްރީން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އޮންލައިން ނޫސް "ސަން" އަށް މަޢުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ މިސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި އެވާހަކަތައް ރައްޔިތުން ދެެއްކުމުގެ ފުރުސަތު ނުދިނުމަށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަނީ ކަމަށެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ މިއީ ދީނީ ކަމަކަށް އެއްވެސް ވަރަކަށް އިސްކަންދޭ ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރުން މިސްކިތެއް އިމާރާތް ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 60 މިސްކިތް ބިނާކޮށްފަ ހުންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވެފައިވެއެވެ.
"މިސާލަކަށް ރޯދަޔާ ދިމާކޮށް މިސްކިތެއް ކޮންމެހެން ނިންމަން ޖެހިގެން މިސްކިތް އިމާރާތްކުރަން ހަވާލުކުރާއިރު އެކަން އޮވެދާނެ އުސޫލުގެ ތެރެއިން ކުރެވެން އޮތް އެންމެ ރަނގަޅަށް ކޮށްފަ، އުސޫލާ ހިލާފަށް ކޮށްފަ ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ދޭން ކެރޭ،" އަދުރޭ އެނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.