ލައިފްސްޓައިލް

ރަނގަޅު ނިންމުންތައް ނިންމެނީ ތަޖުރިބާގެ ބޭނުން ކޮށްގެންނެވެ. ތަޖުރިބާ ލިބެނީ ގޯސް ނިންމުންތައް ނިންމިގެންނެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
The right destination

ދިރިއުުޅުމަކީ އިމްތިހާނެކެވެ. ދިރިއުޅުމުގައި ތިބާ ހީނުކުރާ އެތައް ކަމަކާ ކުރިމަތިލާން ޖެހިދާނެއެެވެ، ބައެއް ކަންކަމާއި ކުރިމަތިވުމުން ދިރިއުޅުމުގައި ކުރިން ނުނިންމާ އެތައް ބައިވަރު ނިންމުންތަކެއް ނިންމަން ޖެހެއެވެ. އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ ފަހަރު އާދެއެވެ. އެ ނިންމުމެއް ނިންމުމަށް އުނދަގޫވާ ފަހަރުވެސް އާދެއެވެ. ނަމަވެސް އެކި ކަންކަމަށް ރިޢާޔަތްކޮށް ކޮންމެ ވެސް ނިންމުމެއް ނިންމުމަށް މަޖުބޫރު ވެެއެވެ.

އެއްފަހަރަކު އަޅުގަނޑުގެ ފިރިހެން ރަހުމަތްތެރިއަަކަށް ދިމާވި ކަމެކެވެ. އޭނާގެ ލޯބިވެރިޔާ އޭނާގެ ހުރިހާ އަންހެން ރައްޓެހިންނާ ގުޅުން ކަނޑާލުމަށް އޭނާގެ ގާތުގައި އެދުނެވެ، އެއްވެސް އަންހެން ކުއްޖަކާ ވާހަކަ ނުދައްކާ ހުރުމަށް ބުންޏެވެ. އެކަންތައް އޭނާއަށް ވީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ. ސަބަބަކީ އެންމެ ކުޑައިރު އެކުގައި ކުޅެ ސަކަރާތް ޖަހަން ވެސް އަންހެން ރައްޓެހިން އުޅެފައި ހުރީމައެވެ. އެހެންކަމުން އެމީހުންނާއި ދުރުވުން ވެގެން ދިޔައީ ނުހަނު ދެރަވި އަދި ނުހަނު އުނދަގޫ ކަމަކަށެވެ. އޭނާއަށް ގޮތެއް ނިންމަން ޖެހުނެވެ. ޚިޔާރުކުރަން ޖެހުނީ އޭނާގެ އަންހެން އެކުވެރިން ނުވަތަ އޭނާގެ ލޯބިވެރިޔާއެވެ. އޭނާ ޚިޔާރު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އެހާވެސް އޭނާގެ ލޯބިވެރިޔާ ދެކެ އޭނާ ލޯބިވެއެވެ.

ކަންތައްތައް ވެގެން ދިޔަގޮތް އެނގޭ ހެއްޔެވެ؟ އޭނާގެ ލޯބިވެރިޔާއަށް ޓަކައި އޭނާ އެއްވެސް އަންހެން ކުއްޖަކާ ވާހަކަ ނުދައްކާ ހުއްޓެވެ. އާޚިރުގައި އޭނާއަށް ލިބުނު ހަދިޔާއަކީ އޭނާގެ ލޯބިވެރިޔާ އޭނާއަށް އޮޅުވާލުމެވެ. އޭނާގެ ލޯބިވެރިޔާ އޭނާއާ ރައްޓެހިވެހުރެ އެހެން ފިރިހެނުންނާއި ވާހަކަ ދައްކާ ސިއްރުން ބައްދަލު ވެސް ކުރުމެވެ. އޭނާއަށް އޭނާގެ އެކުވެރިންނާ ވާހަކަ ދެއްކުން ހުއްޓާލަން ނިންމުނު ނިންމުމަކީ ދޯހަޅި ތާކުންތާކު ނުޖެހޭ ގޯސް ނިންމުމެއް ކަން އޭނާއަށް އެނގުނީ އެހިސާބުންނެވެ.

ނިންމުން އޮތީ ނިންމިފައެވެ. ނަމަވެސް އެތައް ފިލާވަޅެއް އެ ނިންމުމުގެ ސަބަބުން އޭނާއަށް ލިބިގެން ދިޔައެވެ. އެތައް ކަމެއް ދަސްވެ އެތައް ތަޖުރިބާތަކެއް ކުރެވުނެވެ. ކުރިއަށް އޮތްތަނުގައި ދެން ލޯބީގެ ގޮތުން ގުޅޭ މީހަކު އެފަދަ ކަމަކަށް އެދުނަސް އޭނާ އާނ ބަސް ނުބުނާނެކަން ގައިމެވެ. ސަބަބަކީ އޭނާއަށް ގޯސް ނިންމުމެއް ނިންމިއްޖެއެވެ. އަދި އެ ނިންމުމުގެ ސަބަބުން އޭނާއަށް ތަޖުރިބާ ލިބިއްޖެއެވެ. ރަނގަޅު ނިންމުން އޭނާ ނިންމާނީ އެ ތަޖުރިބާގެ ބޭނުން ހިފައިގެންނެެވެ.

ދިރިއުޅުމުގައި ބައެއް ފަހަރަށް ހިތްނޭދޭ ނިންމުންތައްވެސް ނިންމަން ޖެހެއެވެ. ކިތައްމެ ބޭނުން ނުވި ނަމަވެސް އެ ނިންމުމެއް ނިންމަން މަޖުބޫރުވާ ފަހަރު އާދެއެވެ. އެކި ސަބަބުތަކާ ހުރެއެވެ. ނަމަވެސް ދިިރިއުޅުމުގައި ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށެވެ. ފަހަރުގައި އެކަމެއްގެ ސަބަބުން ނުބައި ނަތީޖާއެއްވެސް ނުކުމެދާނެއެެވެ. ނަމަވެސް އޭގެން ތިބާއަށް އެތައް ކަމެއް ދަސްވެގެން ދާނެއެވެ.

ދިރިއުޅުމުގައި އެކި މީހުންނަކީ އެކި މިޒާޖުގެ މީހުންނެވެ. ބައެއް މީހުންނަކީ ރުޅިގަދަ މީހުންނެވެ، އަނެއްބައި މީހުންނަކީ މަޑުމައިތިރި މީހުންނެވެ. ބައެއް ފަހަރަށް އަންނަ ރުޅީގައި ކުރެވޭ ކަމެއްގެ ސަބަބުންވެސް ފަހުން ދެރަވާން ޖެހޭ ފަހަރުވެސް އާދެއެވެ. އެފަދަ ނިންމުންތަކާ ދޭތެރޭ ވެސް ސަމާލުވާން އެނގެނީ ނުބައި ނިންމުމެއް ނިންމުނީމައެވެ. މިސާލަކަށް ކުދިކުދި ކަންކަމާ ގުޅުންތައް ކަނޑާލުމަކީވެސް ފަހުން ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެ ނިންމުން އެކަމާ ދެރަވާއިރު އޮންނަނީ ނިންމިފައެވެ. އެ ނިންމުމުން އަނެއްކާވެސް އަޅުގަނޑުމެންނަށް ލިބެނީ ތަޖުރިބާއެވެ.

ނިންމުމެއް ނިންމުމުގެ ކުރިން އެ ނިންމުމެއްގެ ސަބަބުން ފަހުން ވެދާނެ ގޮތަކާއި ދޭތެރޭ ވެސް ވިސްނާލަން ޖެހެއެވެ. އެނިންމުމުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭ ވެސް ވިސްނާލަން ޖެހެއެވެ. ވިސްނަންވީ ވަގުތީ އުފަލަކާއި މަންފާ އަކަށް ނޫނެވެ. އެކަމުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކަށްވެސް މެއެވެ.

ރަނގަޅު ނިންމުމެއް ނިންމުމަށް ތަޖުރިބާ ބޭނުން ވެއެވެ. ނަމަވެސް ތަޖުރިބާ ލިބޭނީ ގޯސް ނިންމުމެއް ނިންމިގެންކަން ގައިމެވެ.

Ads by Allied Insurance
  1. އަޝްރަފް ޢަލީ

    ވ ރީތި ލިޔުމެއް
    ޝައުގުވެރި ކުރުވި އިބާރާތްތަކެއް
    ލިޔުންތެރިޔާގެ ހުރި ތައުލީމީ ގާބިލްކަމާއި ބަހުގެ ގާބިލްކަން ހިތަށް ވަނުމުން ހިތަށް ކުރުވާ އުފާވެރި އިހުސާސްތައް ބަޔާން ކުރަން ދަތި
    ހަމަ ސާބަސް ️