ބޮލީވުޑް މުނިފޫހިފިލުވުން

ދީޕިކާ އަކީ ބަލި މީހަކަށްވާތީ، ސުވާލު ކުރާއިރު ގާތުގައި ފިރިމީހާ ބަހައްޓައިދޭން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން އަކީ ނަފްސާނީ ބައްޔާއި ހާސްވުމުގެ ބަލި ހުންނަ މީހަކަށްވާތީ، ނާކޮޓިކްސް ބިއުރޯ ކޮމިޝަން (އެންސީބީ) އިން އޭނާއާއި ސުވާލު ކުރާއިރު ކައިރީގައި އޭނަގެ ފިރިމީހާ ރަންވީރު ސިންގް ވެސް ބަހައްޓައި ދިނުމުގެ ހުއްދައަކަށް އެދިއްޖެއެވެ.

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ގުޅިގެން ހިންގި ތަހުގީގުގައި، މަސްތުވާތަކެތީގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ މިހާރު ވެސް ހައްޔަރުގައި ހުރިއިރުު، ބޮލީވުޑްގެ މަތީ ފަންތީގައި ގުނާލެވޭ ބައެއް ތަރިން ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ.

އެގޮތުން ތަހުގީގުގައި އެންސީބީ އަށް މައުލޫމާތު ދެމުން ރިއާ ބުނެފައިވަނީ ސާރާ އަލީ ޚާން އާއި، ޝްރަދާ ކަޕޫރް ގެ އިތުރުން، ރަކުލް ޕްރީތު އާއި ޚުދް ސުޝާންތު ވެސް މަސްތުވާތަކެތި ބޭނުން ކުރިކަމަށެވެ.

މިކަމުގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަނިކޮށް މީގެ އަހަރުތަކެއް ކުރިން ކަރަން ޖޯހަރް ބޭއްވި ޕާޓީއެއްގައި މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން ވެސް މަސްތުވާ ތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވުނެވެ. އެކަން އިތުރަށް ތަހުގީގު ކުރުމުން، ދީޕިކާ އާއި އޭނާގެ މެނޭޖަރ ކަރިޝްމާ ޕްރަކާޝް، ވަޓްސްއެޕް މެދުވެރިކޮށް ދެއްކި ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެވާހަކަ ތަކުގައި ދީޕިކާ އަހާފައި ވަނީ "އެތިކޮޅެއް" ހުރިތޯއެވެ. ޖަވާބުގައި ކަރިޝްމާ ބުނެފައިވަނީ އެބަހުރި ކަމަށާއި ނަމަވެސް އޮފީސް ނިންމާފައި ގެއަށް ހަމަ އެވަގުތު ދިޔައީ ކަމަށެވެ.

މިޗެޓުތަކާއި ގުޅިގެން ދީޕިކާއާ ކުރިން ވެސް ސުވާލު ކުރެވުނު ކަމަށާއި، ޗެޓުތައް ލީކުވީ ކަރިޝްމާގެ ސަބަބުން ކަމަށް ދީޕިކާ ބުނިކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

ދީޕިކާއާ ސުވާލު ކުރުމަށް އެންްސީބީ އަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ރަންވީރު ބުނެފައި ވަނީ ދިޕިކާ އަކީ ނަފްސާނީ ބައްޔާއި ހާސްވުމުގެ ބަލި ތަޙައްމަލު ކުރަމުންދާ މީހެއްކަމަށާއި އެދިފައި ވާނީ ސުވާލު ކުރާއިރު އޭނާ ވެސް އެތަނުގައި ބަހައްޓައި ދިނުމަށެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، ތަހުގީގެއްގެ ސުވާލު ކުރެވޭއިރު އެއްވެސް މީހަކަށް އެކުގައި ނުހުރެވޭނެކަން އެނގޭ ކަމަށާއި، ނަމަވެސް މިއީ އޭނާގެ އެދުމެއް ކަމަށް ވެސް ރަންވީރު ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މިމައްސަަލައިގައި ދީޕިކާ ހައްޔަރު ކޮށްފާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ޤާނޫނީ ވަކީލު ރިޒްވާން މާރޗެންޓު ބުނިގޮތުގައި އެއީ ވާނެ ކަމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ރިޒްވާން ބުނެފައިވަނީ ރިއާ އާއި ދީޕިކާ ގެ ކޭސް ތަފާތުކަމާއި، ރިއާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގަނެ، ބޭނުން ވެސް ކުރިކަމުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް ދީޕިކާ އާއި ސުވާލު ކުރަނީ މެސެޖުތަކެއްގެ މައްސަލައިގައި ކަމަށެވެ. އޭގެން އެއްވެސް އެއްޗެއް ސާބިތު ނުވާ ކަމަށާއި އެޗެޓުތަކަކީ 2017 ވަނަ އަހަރުގެ ޗެޓުތަކަކަށް ވެސް ވުމުން، ދީޕިކާ ސަލާމަތްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ރިޒްވާން ބުނެފައިވެއެވެ.

Ads by HDC
  1. މުހައްމަދު

    އެހެންވިއްޔާ ސުވާލުއުފެދޭ ކޮންމެކަމެއް ސިއްރުން ކުރަނީ ފިރިމީހާކާރީގަ ހުރެގެންތާ އެއީ އެހާބަލިމީހަކަށްވާތީތާދޯ ކޮންމެމީހަކުވެސް ކުއްކުރާއިރު ތިމާޔަކީ ބަލިމީހެއްކަމާ މާދަމާ ވެދާނެގޮތަކާމެދު ފިރިމީހާ އެބަޖެހޭތާޒިންމާ ނަގަން އެހެންނޫނަސް މާކުރީޒަމާނެއްގަ ކުރިކަމަކާކަމާބެހޭފަރާތުންސުވާލެއް ކުރުމަކުން ބަލިމީހާޔަށްތިޔަހާ އަސަރު ކުރާނަމަ ނޯމަލްމީހުންނަށްވުރެ ބަލިމީހާގެ އެކްޓިންވަރުގަދަ ކަން އެންމެންދަނޭ ވީއިރުކޮންކަމަކާހާސްވާންވީ ނޫން ހަމަކުއްކުރީމަ ބިރުންހުންއައިސްގެން ތިޔައުޅެނީ ވަގަކަށްހާސް ވެރިޔަކަށް އެކެއް އިނގިދާނެތާ ވާގޮތެއް