ދީން

ޔައުގޫބުގެ ޑައިރީ: އަހަރެންގެ ދެ ލޯ ކަރުނައިން ފޯވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޔައުގޫބުގެ އެއްޗެހިތައް ރަމަތަކޮށް އެކޮޓަރި ސާފު ކުރަން އަހަރެން ފެށީ އެތަން ހުސް ކުރުމަށެވެ. އެކަން ކުރަން ފެށީ، ހައިރާން ކުރުވާނޭ ފަދަ އެއްޗެއް އެތަނުން ފެންނާނޭ ކަމަކަށް ނޫނެވެ. ނަމަވެސް ކަޅު ކުލައިގެ ކަވަރެއް ލައްވާފައި އޮތް ފޮތެއް ފެނުމުން، އެއީ ކޮން ފޮތެއްތޯ ބަލާލަން އަހަރެން ކެތްމަދުވިއެވެ.

Ads by STELCO

އެފޮތް ހުޅުވާލުމުން އެއީ އަހަރެންގެ ކޮއްކޮ ޔައުގޫބުގެ ޑައިރީކަން އަހަންނަށް އެނގުނެވެ. އޭނާ އަކީ ފޮތެއްގައި އެއްޗެހި ލިޔެ އުޅުނު މީހެއްކަމެއް އަދި ފޮތް ކިޔާ އުޅުނު މީހެއް ކަމެއް ވެސް، އޭގެ ކުރިއަކުން އަހަންނަކަށް އެނގިފައެއް ނުވެއެވެ.

އެފޮތް ކިޔާލިއިރު އޭގައި ފުރަތަމަ ލިޔެފައިވަނީ އޭނާ އާއްމުކޮށް ދިރިއުޅޭ ގޮތްތަކުގެ ވާހަކައެވެ. އޭގައި އަހަންނަށް ނޭނގޭ ވާހަކައެއް ނެތުމުން އިތުރަށް ކިޔަން އަހަރެން ފޫހިވިއެވެ.

ކުއްލިއަކަށް އަހަންނަށް ފެނުނީ، ނުލިޔެ ދުވަސްތަކެއް ވައްޓާލުމަށްފަހު ޔައުގޫބު ލިޔެފައިވާ ކުރު ޕެރެގްރާފެކެވެ. އޭގައިވެއެވެ.

"އަހަރެން ކީއްވެ ނަމާދު ނުކޮށް މިއުޅެނީ؟ ނަމާދާއިމެދު އަހަރެން ފަރުވާ ކުޑަ މިވެވެނީ ކީއްވެ؟ އަހަންނަކީ ވެސް މުސްލިމެއް، ނަމާދަކީ ފަރުޟެއްކަން އެނގިހުރެ އަހަރެން ކީއްވެ އެކަމާ މިއަޅާ ނުލަނީ؟ މާދަމާ ހަމަޔަޤީނުންވެސް އަހަރެން ނަމާދު ކުރާނަން" އެޕެރެގްރާފް ކިޔުމަށްފަހު، ޔައުގޫބަށް ވިސްނުނީތީ އަހަރެން އުފާ ކުރީމެވެ. އަދި އޭގެ ފަހުން އެހެން ދުވަހަކު އޭނާ ލިޔެފައިވާ އެއްޗެއް ވެސް ކިޔަން ބޭނުންވިއެވެ.

އޭގެ އަނެއް ދުވަހުގެ ރޭ ލިޔެފައިވާ ބައެކެވެ.

"މިއަދުވެސް އަހަންނަކަށް ނަމާދެއް ނުކުރެވުނު. ފަތިސް ނަމާދަށް ހޭނުލެވުނުތާ، އަހަންނަށް ހޭލެވުނީ ވެސް މާލަހުން. އޮފީހަށް ދާން ގަޑި ޖެހޭތީ ދެން އޮފީހުގަ ނަމާދުކޮށްލަން ކަމަށް ދިޔައީ. އެކަމަކު އޮފީހުގަ މާބިޒީކަމުން އެންމެ ނަމާދެއް ވެސް ނުކުރެވުން. އިރުއޮއްސުނު ފަހުން ގެއަށް އައިސް، މާބޮޑަށް ވަރުބަލިވެފައި ހުރުމުން ނިދީ. ހޭލެވުނީ 11 ޖަހަން އުޅެނިކޮށް. ދެން މިހާރު މާލަސްވެފަ ހުރީމަ ނަމާދު ކުރާކަށް ނުކެރޭނެ. ދެން އަނެއްކާވެސް މާދަން ކުރާނީ"

އެބައި ކިޔާފައި އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ވަގުތު ހޯދައިގެން ވެސް ނަމާދު ކުރަންވާނެކަން އަހަންނަށް އެނގެއެވެ.

އޭގެ ފަހުން ހަތަރު ދުވަހެއްގެ ލިޔުން ލިޔެފައިވާއިރު ވެސް، ހުރީ ހަމަ އެއް ވާހަކައެކެވެ. ބިޒީ ވެގެންނާއި ވަރުބަލިވެގެން ނަމާދު ނުކުރެވުނު ވާހަކައެވެ. ހަތަރު ދުވަސް ފަހުން ލިޔެފައި އޮތް ލިޔުމުގައި ވަނީ، އޭގެ ދެން ޖެހިގެން އިން ހަފްތާގައި ހަމަ ޔަޤީނުން ވެސް ނަމާދު ކުރާނެ ކަމަށެވެ.

އެއަށްފަހު ޑައިރީގައި ނުލިޔެ ދުވަސްތަކެއް ވައްޓާލާފައިވާކަން ފާހަގަވިއެވެ. ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ލިޔެފައިވާ ލިޔުމެއްގައި އާއްމު ދިރިއުޅުމުގެ ވާހަކަ ލިޔުމަށްފަހު، ލިޔެފައިވަނީ" މިހަފްތާވެސް ފާއިތުވީ އެންމެ ނަމާދެއް ވެސް ނުކުރެވި. އެކަމަކު އެއީ މައްސަލައެއް ނޫން. އަހަންނަކީ އަދި ޒުވާނެއް. ނަމާދު ކުރަން ފަށަން މުޅި އުމުރު އަދިވެސް އެބައޮތް." މިހެންނެވެ.

އެލިޔުންކޮޅު ކިޔާފައި އަހަންނަށް ގިސްލަގިސްލާފައި ރޮވުނެވެ. އެއީ ޔައުގޫބުގެ އެންމެ ފަހު ލިޔުމެވެ. ލިޔެފައިވަނީ 13 ޖޫން ގެ 22:00 ގައެވެ. އޭނާ މިދުނިޔެއަށް އަލްވަދާއު ކިޔާފައިވަނީ އެރޭ 22:30 ހާއިރެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ވަގުތު ފާއިތު ނުވަނީސް ނަމާދު ގާއިމް ކުރާާށެވެ. ފަހުން ކުރަން ނުބަހައްޓާށެވެ. އެހެނީ އެމީހެއްގެ އަޖަލު ހަމަވާނީ ކޮން ދުވަހަކުން ކަމެއް އެކަކަށް ވެސް ނޭނގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!