ބޮލީވުޑް މުނިފޫހިފިލުވުން

ސޮނޫ ސޫދަށް ޔޫއެންޑީޕީގެ ޚާއްޞަ އެވޯޑެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19ގެ ބަލިމަޑުކަމުގައި ، ބޮލީވުޑްގެ ތަރި ސޮނޫ ސޫދު ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް އދ.ގެ ތަރައްގީއާ ބެހޭ ޖަމްއިއްޔާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ސޮނޫގެ އަގު ވަޒަންކޮށް އެވޯޑެއް ދީފިއެވެ.

Ads by Sosun Fihaara

ސޮނޫ ސޫދަށް ޔޫއެންޑީޕީގެ ސްޕެޝަލް ހިޔުމެނިޓޭރިއަން އެކްޝަން އެވޯޑް ދިނުމަށް ބޭއްވި ހަފްލާ އޮތީ މިދިޔަ ހޯމަ ދުވަހުއެވެ. މިހަފްލާ ބޭއްވީ ވާޗުއަލް ކޮށެވެ.

މިހަފްލާގައި ވާހަކަ ދައްކަމުން ސޮނޫ ބުނީ މިއީ މަދުން ނޫނީ ނުލިބޭނެ ޝަރަފެއް ކަމަށާއި އދ.ގެ ބަލައިގަތުމަކީ މުހިންމު ބަލައިގަތުމެއް ކަމަށެވެ. އަދި އޭނާ ވެދިން އެހީތެރިކަމަކީ އެއްވެސް ކަމެއް އުއްމީދުކޮށްގެން ކުރިކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ އެހީތެރިކަން ބަލައިގަތުމަކީ އުފާވެރިކަމެއް ކަމަށް ސޮނޫ ބުނެފައިވެއެވެ.

ޔޫއެންޑީޕީގެ މި އެވޯޑް ޙާޞިލް ކޮށްފައިވާ މަޝްހޫރު ތަރީންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްއާ ހޮލީވުޑްގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯއާއި ، އެންޖެލީނާ ޖޯލީ، އެމާ ވަޓްސަން ، ލިއާމް ނީޝަން އަދި ނިކޯލް ކިޑްމަން ވެސް ހިމެނެއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ލައްކަ ބަޔަކަށް ސޮނޫ ސޫދު ވަނީ އެހީތެރިވެ ދީފައެވެ. އެގޮތުން ވަޒީފާ އަދާ ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އާއިލާއާ ދުރުން އެހެން ސްޓޭޓްތަކުގައި އުޅެމުން ދިޔަ މީހުންނާއި އެހެން ގައުމުތަކުގެ ތިބި ދަރިވަރުން އެމީހުންގެ އާއިލާތައް ގާތަށް ފޮނުވުމަށް ސޮނޫ ސޫދު ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ހާލުގައި ޖެހުނު އެތައް ލައްކަ ބަޔަކަށް ސޮނޫ ސޫދުގެ ދީލަތި އެހީތެރިކަން ލިބުނުއިރު ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ އެ ހެޔޮކަން ބަލައިގެންފައެވެ. އެގޮތުން އޭނާގެ އެހީގައި އަމިއްލަ ވަޒަނަށް ފޮނުވައިދިން މާބަނޑު ބައެއް މީހުން ވަނީ ވިހެއުމަށްފަހު ދަރިފުޅަށް ސޮނޫގެ ނަން ވެސް ދީފައެވެ.

އެހެން ނަމަވެސް ބައެއް މީހުން ވަނީ ސޮނޫގެ އެ ހެޔޮ ކަންކަމަކީ ހަމައެކަނި ސަމާލުކަން ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

"އަހަރެންގެ ވާހަކަ ނުއަނބުރާ ، އެހީތެރިކަން ބޭނުންވާ ކޮންމެ ވެސް މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް" ސޮނޫ ވަނީ އެފަދަ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!