ޚަބަރު

މަރުވި ޒުވާނާގެ މައްސަލަ އެޗްއާރްސީއެމުން ވެސް ބަލަން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗް ސަރަޙައްދު ބޭރުން މޫދުގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ޒުވާނާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

އިއްޔެގެ މިހާދިސާގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ގދ. ވާދޫ އަށް ނިސްބަތްވާ މުޙައްމަދު ސިދުރަތުﷲ ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ޒުވާނެކެވެ.

އެޗްއާރްސީއެމް ގެ ސީނިއާ ބިއުރޯ އޮފިސަރ ނަޖުމާ ޢަބްދުﷲ ވިދާޅުވެފައިވަނީ އެމައްސަަލަ މިހާރު އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުން އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށެވެ.

ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނިފައި ވަނީ އިއްޔެ ހެނދުނު 10:40 ހާއިރުއެވެ. އޭނާ މަރުވީ ގުދުރަތީ މަރަކުން ނޫން ކަމާއި މީހަކު އޭނާ މަރާލީ ކަމަށް ވެސް ބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު އެ ރަސްފަންނު ސަރަހައްދަށް ދިޔަ މީހުންގެ އެހީތެރިކަަމަށް ވެސް އެދިފައެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރަން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!