“އަހަރެމެން ރަށަށް ނުދެވި މަގުމަތިވެފައިވާ ހާލު ދައުލަތުގެ ބޮޑުން ކަރަންޓީން ވުމެއްނެތި ދަތުރު ކުރުމުގައި”
"މިރެއަކީ ވެސް އެހެން ރޭ ތަކެކޭ އެއްފަދައިން އަހަރެންގެ ދިރިއުޅުމުގައި އައި ބަނަ ރެޔެކެވެ. އާއިލާ މަތިން ހަނދާން ވަނީއެވެ. ކުރިން އުޅުނު އުފާވެރި ދިރިއުޅުން ސިފަ ވަނީއެވެ. އަހަރެންގެ ލޯ ވަނީ ނިންޖަށް ބަލިވެފައެވެ. އެހެނަސް ނިދަން މަސައްކަތް ކޮށްކޮށް ވެސް އަހަންނަކަށް ނުނިދުނެވެ. ގައި ކަހަނީއެވެ. ހޫނު ވަނީއެވެ. ގައިގައި މަދިރި ހަފަނީއެވެ. އަހަރެން ނިދަން މިއޮތީ ވެރި ރަށް މާލޭގައެވެ. އުސް އިމާރާތްތަކުން ފުރިގެންވާ ކޮންކުރިޓް ޖަންގަލީގައެވެ.
އަހަރެން ނިދަން މިއޮތީ ލަގްޒަރީ އެޕާޓްމެންޓެއްގައެއް ނޫނެވެ. ކުޑަކުޑަ ކޮޓަރިގަނޑެއްގައެއް ވެސް ނޫނެވެ. އަހަރެން ނިދަން މިއޮތީ މަގުމަތީގައެވެ. ވެރިރަށް މާލޭގެ ކަރާ މާރުކޭޓު ފުރަގަހުގައި ހަދާފައިވާ ގޮޅިއެއްގައެވެ. ކައިރީގައި ދެމީހަކު ގަދަ ނިދީގައި އޮތެވެ. އެތައް އިރަކު އަހަރެން ފަދައިން ނުނިދިގެން އުޅުމަށް ފަހުގައި އެމީހުނަށް ވެސް އެ ނިދުނީ ދެންމެގައެވެ.
އަހަރެންގެ ދެލޮލަށް ވެސް ނިދި ސަވާރުވާން ފެށިއެވެ. މާ ލަސްތަކެއް ނުވެ ރޭގަނޑުގެ އަރާމު ނިދި އަހަރެންގެ މައްޗަށް ގަދަވެ ގެންފިއެވެ. ހުވަފެނުގައި ވެސް ފެންނަން ފެށީ އަހަރެންގެ އަރާމު ދިރިއުޅުމެވެ. އާއިލާއާއެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. މަންމަ އާއި ބައްޕަގެ އަޅާލުމާއި ލޯބި ލިބިގެން ބޮޑުވަމުން އައި މައުސޫމު އަހަރެންގެ ސޫރައެވެ. އެ ފޮނި ހުވަފެނަށް ހުރަސް އެޅީ އަހަރެންގެ ގައިގައި މީހަކު ތަޅަން ފެށުމުންނެވެ. ހޭލައި ބަލައިލިއިރު މީހަކު ހުރެގެން ކޮޅުފައިން އަހަރެންގެ ގައިގައި ތަޅަނީއެވެ. ކާކުކަމެއް ނޭނގެއެވެ. އަރާމު ނިދީގައި އޮއްވާ އައިސް އުނދަގޫ ކުރީމާ ކޮންމެ މީހެއްގެ ގާތަށް ވެސް އަންނާނީ ރުޅިއެވެ. އަހަންނަށް ވެސް ވީ އެހެންނެވެ.
އައި ރުޅީގައި ހިތަށް އައިހާ އެއްޗެއް އަހަރެން ގޮވައިގަތީމެވެ. އޭނާ އަލިކޮށްލީ ބައްތިއެކެވެ. އަލިގަދަ ބައްތިއެކެވެ. އެހިސާބުން އަހަންނަށް އެއީ ކޮންބައެއްކަން އެނގުނެވެ. އާދައިގެ މަތިން މިރޭ ވެސް ފުލުހުންނެވެ. އެއައީ އަހަރެމެން ޗެކު ކުރާށެވެ. އަހަރެންނަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހަކީއެއް ނޫނެވެ. މިތަނުގައި މަގުމަތިވެފައި ތިބި ބައެއް މީހުން ބޭނުން ކުރާކަން ވެސް އަހަންނަށް އެނގެއެވެ. ނަމަވެސް ދުވަހަކު ވެސް މަސްތުވާ އެއްޗެއްގައި އަތްލައިފައި ވެސް އަހަރެން ނުވާނެއެވެ.
އަހަރެން މަގުމަތިވީ ކީއްވެގެން ހެއްޔެވެ. އެއީ ބޮޑު ސުވާލެކެވެ. އަހަރެންނަކީ ކައްޕިއެކެވެ. އަހަރެން ވަޒީފާ އަދާކުރަމުން ދިޔައީ ސަޕްލައި ދޯންޏެއްގައެވެ. އެއް ދޯނިން އަނެއް ދޯނިން އަހަރެން ވަޒީފާ އަދާކުރަމުން ގެންދިޔައީމެވެ. އަހަންނަށް ރަނގަޅު މުސާރައެއް ވެސް ލިބެއެވެެ. ނަމަވެސް ކަންތައްތައް ބަދަލުވާން ފެށީ ކުއްލިއަކަށެވެ. ވިހިވިހި ވަނަ އަހަރުގެ ކަޅުވިލާތައް އަހަރެންގެ ދިރިއުޅުން ވެސް ބަނަ ކޮށްލީއެވެ. ކޮވިޑް-19ގެ ބިރުވެރިކަމުން އަހަރެންގެ ދިރިއުޅުން ވެސް އަނދިރިވީއެވެ. އަހަރެންގެ ދިރިއުޅުމުގައި އަހަރެން ދިއްލާފައިވާ ވޮށް ނިވާލީއެވެ.
މިއަދު އަހަރެން ވަންނާނެ ގެއެއް މި ފުރަމާލެއަކު ނެތެވެ. އަހަރެން ކާ އެއްޗެއް ދޭށޭ ބުނެ އެދޭނެ މަދަދުވެރިއަކު މިއަދު އަހަރެންގެ ގާތަކު ނެތެވެ. އަހަރެންގެ މައިންބަފައިން ނިޔާވިފަހުން އަހަންނަކީ އާއިލާއާ މާ ބޮޑު ގުޅުމެއް އޮންނަ މީހެއް ނޫނެވެ. އެހެންކަމުން އާއިލާގެ އެއްވެސް މީހަކަށް އަހަރެން ނެތިގެން ދައްޗެއް ނުވާނެއެވެ. އެއްޗެކޭ ހިތަކަށް ނުވެސް އަރާނެއެވެ.
މިއަދު އަހަރެންގެ ގެއަކީ މިއީއެވެ. ފާހާނާ ކޮށްލަން ބޭނުން ވެއްޖެ ނަމަ ދަނީ ކައިރީގައި ޖެހިގެން ހުރި ޕޭ ޓޮއިލެޓަށެވެ. ކަނީ ކަރާ މާރުކޭޓުން އުކާލެވޭ ކުޑަކޮށް ފީވެފައި ހުންނަ މޭވާ އާއި ތަރުކާރީއެވެ. ބަނޑުފުރާ ކާ ނުލެވޭތާ ވީ ދުވަހެއް ނޭނގެއެވެ. ވަޒީފާ ގެއްލި އަތްމަތި މުޅިން ހުސްވިތާ މިހާރު ހައެއްކަ މަސް ވަނީއެވެ.
އެތައް ބަޔަކު އެތައް ކާއެއްޗިއްސެއް ކޮންމެ ދުވަހަކު އުކާލައެވެ. ރެސްޓޯރެންޓުތަކަށް ގޮސް ގެންނަ ކާއެއްޗެހި ނުބައިވުމުން ބަހައްޓާފައި އާދެއެވެ. ބޭކާރު ކަންކަމަށް އެތައް ފައިސާއެއް ތަޅާ ބުރުވަނީއެވެ. ދައުލަތުގެ ބޮޑުން ކަރަންޓީނު ވުމެއް ނެތި ރަށްރަށަށް ދަތުރު ކުރަނީއެވެ. ރަސްމީ ބޭނުންތަކުގައޭ ބުނެ ބަހަނާ ދެއްކުމަށް ފަހުގައެވެ.
އަހަރެން ފަދަ ބިކަ ހާލުގައި ޖެހި މަގުމަތިވެފައިވާ ރައްޔިތުންގެ ހާލަކީ ހެއްޔެވެ. ރަަށަށް ގޮސްފިނަމަ 14 ދުވަހު ކަރަންޓީނެވެ. ރަށަށް ދެވޭނެ ފަދައެއް އަތަކުއެއް ނެތެވެ. ކަރަންޓީނުވާން ހުންނަ ތަނަށް ވެސް ފައިސާ ދައްކަން ޖެހެއެވެ. ހަގީގަތުގައި ވެސް ހަތަރު އުދަރެސް ފެނު ޖެހިއްޖެއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި ގޮތް ހުސްވެއްޖެއެވެ.
އުފާވެރި އުޖާލާ ދިރިއުޅުމުގެ މައްޗަށް އެ ދިރިއުޅުން ބަނަކޮށްލި ކަޅުވިލާތައް ބޯމަތިވީ ނުވެސް އެނގި ހުއްޓައެވެ. ކުރާނެ ކަމެއް ނެތެވެ. މާތްﷲއާ ވަކީލެވެ. އެކަލާނގެ އެއްވެސް އަޅަކަށް ނިކަމެތި ކަމެއް މިންވަރެއް ނުކުރައްވާނެއެވެ. މިއަދު އަމިއްލަ ގައުމުގެ ވެރިރަށުގެ މަގުތައް މަތީ އަހަރެން މިވަނީ ބިކަ ހާލުގައި ޖެހިފައެވެ."
ޥަރަށް ފުރިހަމަ ލިޔުމެއް
100/100
އަހަރެންވެސް ރަށައް ދާންވެގެެން ބެލީއިރު ،އެޗްޕީއޭ އުސޫލު އޮތީ ބަދަލުވެފަ. ގޭގައި ކަރަންޓީނުވާނެ ގޮތެއް ނެތް، ދެން އެހެންވެ އެޗްޕީއޭގެ އުސޫލަށް ނުފެތޭތީ..ކައުންސިލުން ވިދާޅުވީ ކަރަންޓީނު ނުވެ ވޭނެކަމަށް، އެހެން ހުއްޓާ ފަހު ގަޑީގައި ވަޒީފާ ގަނޑުވެސް ގެއްލުނީ، އެމަހުގެ މުސާރަވެސް ނުލިބުނީ.