ޚަބަރު

ކޮވިޑް-19: އޭޑީކޭއިން ރަނގަޅު ވެގެން ދޫކޮށްލި ތިން މީހަކު އަލުން ފައްސިވެ، ފަރުވާ ދިން ޔުނިޓު ބަންދު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޭޑީކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓުން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލި ތިން މީހަކު އަލުން ބައްޔަށް ފައްސިވެގެން، އެ ޔުނިޓް ބަންދު ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޔުނިޓުން ކޮވިޑަށް ފަރުވާ ދީ ،  ދޫކޮށްލި ފަހުން އެމީހުން އަލުން ފައްސި ވެފައިވާތީ އެ ހޮސްޕިޓަލްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

"އަދި މިވަގުތު ހައިޑިޕެންޑެންސީ ޔުނިޓް ވަނީ ކްލޯސް ކުރެވިފަ. އެތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މުޅި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައި ތިބި ހުރިހާ އިންޕޭޝަންޓުން ޓެސްޓް ކުރެވިފަ ވަނީ އަދި އޭގެ އިތުރުން އެޗްޑީޔޫގައި މަސައްކަތްކުރި ހުރިހާ ސްޓާފުންގެ ތެރެއިން ބަލިމީހުންނާ ކޮންޓެކްޓްވި ހުރިހާ ސްޓާފުން ވެސް މިވަގުތު ވަނީ ޓެސްޓް ކުރެވިފަ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެއިން އެއްވެސް ސްޓާފެއް މިހާތަނަށް ފައްސިވެފައި ނުވާކަމަށާއި، އެތަނުގައި މަސައްކަތްކުރި ސްޓާފުންގެ ތެެރެއިން ބަލިމީހުންނާ ކޮންޓެކްޓްވި ހުރިހާ ސްޓާފުން ވެސް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެ އަައުޓް ބްރޭކް މޮނިޓާ ކުރުމުގެ ކަންތައްތައް އޭޑީކޭއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަައުޓް ބްރޭކެއް އޮތް ނަމަވެސް އޭޑީކޭގެ އެހެނިހެން ހިދުމަތްތައް ދިނުމުގެ ކަންކަން ރޭވިފައި ވަނީ ރައްކާތެރިކަމާއެކު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!