ދީން

"ނަމާދު ކޮށްގެން ވެސް ދިރިއުޅުމަށް ބަދަލު ނާންނަ ނަމަ ތިޔަ ކުރެވޭ ނަމާދާއި މެދު ވިސްނާލާ!"

ދެން އެމްވީ ، ދެން އޮންލައިން

ނަމާދަކީ ހިތްތަކުގެ ފިނިކަމެވެ. ހަޔާތް އަލިކޮށްދޭ ނޫރެވެ. ﷲއާއި ކުއްތަންވުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ. ކޮންމެ ދުވަހަކު ފަސް ނަމާދު ކުރާ މީހާ ވާހުށީ ﷲގެ ރަޙުމަތުގެ ދަށުގައެވެ. ނަމަވެސް ބައެއް މީހުންނަކީ ބަރާބަރަށް ނަމާދު ކުރިކަމުގައި ވީ ނަމަވެސް ދިރިއުޅުމަށް މާބޮޑު ބަދަލެއް އަންނަ ބައެއް ނޫނެވެ. ﷲގެ ގެކޮޅުގައި ކޮންމެ ދުވަހަކު ފަސްފަހަރު ، އެއިލާހަށް ކިޔަމަންތެރިވެ ހުއްޓި ތިބޭ ބައެއް މީހުން މިސްކިތުން ބޭރުގައި އެ ކިޔަމަންތެރިކަމެއް ނުހުރެއެވެ.

މިއީ ވިސްނާލަން ޖެހޭ ނުކުތާ އެކެވެ. ޔަގީނުން ވެސް އެފަދަ މީހުންގެ ނަމާދުގައި މައްސަލައެއް އެބައުޅެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅަކީ ޙައްޤު ތެދެވެ. އެއިލާހު ވަހީ ކުރައްވާފައިވެއެވެ.

إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ

މާނައީ: ހަމަ ކަށަވަރުން ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީ ކުރާ ކަމެކެވެ.

މި ބަސްފުޅުގައިވާ ފަދައިން ފުރިހަމަ ގޮތުގައި ނަމާދު ކުރާ މީހެއް ، ބޮޑެތި ފާފަތަކުން ރައްކާތެރިވާނެއެވެ. ނަމަވެސް ނަމާދު ވެސް އަދާކުރަމުން ފާފަތަކަށް އަރއިގަންނަނަމަ ނަމާދު ފުރިހަމަ ކުރުމަށް ކޮންމެހެން ވެސް މަސައްކަތް ކުރަން ޖެހެއެވެ.

ނަމާދު އަދާކުރުމުގައި ފަރުވާތެރިވުމުގެ މުހިންމުކަން ފާހަގަ ކޮށް ޝައިޚް ޢަލީ ޒައިދު ވެސް ވަނީ އިއްޔެ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ''ނަމާދު ކޮށްގެން ވެސް ދިރިއުޅުމަށް ބަދަލު ނާންނަ ނަމަ ނަމާދު ތިޔަ ކުރެވޭ ގޮތާ މެދު އަދި އެއްފަހަރު ވިސްނާލުމަށް'' އެމަނިކުފާނު ވަނީ ނަސޭޙަތްތެރި ވެފައެވެ.

އަވަސް އަރުވާލައިގެން ކުރާ ނަމާދަކީ ފުރިހަމަ ނަމާދަކަށް ނުވެއެވެ. ނަމާދަށް ހުއްޓިހުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާއިރު ، މަޑުމޮޅިވާން ޖެހެއެވެ. ދުނިޔެވީ ވިސްނުންތަކުން ދުރަށްދާން މަސައްކަތް ކުރަންޖެހެއެވެ. އަދި ނަމާދުގައި ތިމާއަށް މި ބުނެވެނީ ކީކޭތޯ އެނގުން މުހިންމެވެ. ރަސޫލާ (ޞޢވ)ގެ ޒަމާނުގައި ހިނގާފައިވާ މި ޙާދިޘާއަށް ވިސްނާލައްވާށެވެ.

ރަސޫލާ (ޞޢވ) މިސްކިތްކޮޅުގައި އިންނަވަނިކޮށް ޞަހާބީ ބޭކަލަކު ވަޑައިގެން ނަމާދު ކުރެއްވެވިއެވެ. ނަމާދުން ނިމިވަޑައިގެން ރަސޫލާ (ޞޢވ) އަރިހަށް ވަޑައިގެން ސަލާމް ވިދާޅުވުމުން ސަލާމަށް ޖަވާބު ދެއްވެވިއެވެ. އެއަށްފަހު ޙަދީޘްފުޅު ކުރެއްވެވީ "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ."

3 ފަހަރު ތަކުރާރުކުރެއްވެވުމުން ރަސޫލު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ހަމަ އެގޮތަށެވެ. "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ."

އެ ހިނދު އެއަށްވުރެ ފުރިހަމައަށް ނަމާދުކުރައްވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޞަޙާބީ އެދިވަޑައިގަތީ ނަމާދު ކުރައްވަން ދަސްކޮށް ދެއްވެވުމަށެވެ.

މި ޙާދިޘާއިން ވެސް އެނގިގެންދަނީ ނަމާދު ފުރިހަމަ ކުރުން ނުވަތަ ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ. ނަމާދު ، ނަމާދަކަށް ވާނީ އޭރުންނެވެ. ނަމާދުން ފެންނަ ކިޔަމަންތެރިކަން ދިރިއުޅުމުގެ އެހެން ކަންކަމުން ވެސް ފެންނާނީ ހަމައެކަނި ހަރަކާތްތަކެއް ކޮށްލުމުގެ ބަދަލުގައި ރިވެތިގޮތުގައި ނަމާދު ކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!