އޭޑީކޭގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރުން މަނާ ކޮށްފި
ރާއްޖޭގައި ކޮވިޑް-19 އަށް ފައްސި ވަމުން އަންނަ އަދަދުތައް އިތުރުވާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، މިއަދުން ފެށިގެން އެ ހޮސްޕިޓަަލުގައި އެޑްމިޓްކޮށް ފަރުވާދޭ ބަލިމީހުން ކައިިރިއަށް ޒިޔާރަތްކުރުން ހުއްޓައިލައިފައިވާ ކަމަށެވެ.
އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށާއި އެމީހަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭޑީކޭއިން ބުނެފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި، ބަލީމިހުންގެ ކައިރީ ތިބުމަށް ހޮސްޕިޓަލުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން މީހުން ހޮސްޕިޓަލަށް ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 އެބަ ފެތުރެއެވެ. އެގޮތުން މިއަދު ވެސް 1،091 މީހުން ފައްސި ވެފައިވާ ކަމަށް މިއަދު ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން 791 މީހުންނަކީ މިއަދު ފައްސި ވީ މީހުން ކަމަށާއި 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ސާމްޕަލް ނަގައި، ނަތީޖާ ލިބުނު ފަރާތްތަކެއް ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ.