ރިޕޯޓް

ދަރިފުޅުގެ ކިބައިން އަލާމާތް ފެންނާތީ ހޮސްޕިޓަލަށް ގުޅާއިރަށް އަހަނީ “ބޮޑުވަރު ވޭތޯ؟”

ޢާލިމް އަބްދުއްލަތީފް
Gan Regional Hospital, ގަން ރީޖަނަލް ހޮސްޕިޓަލް، ލާމު ގަން
ގަމު ރީޖަނަލް ހޮސްޕިޓަލް. ދެން ފައިލް ފޮޓޯ

ލ.ގަމަށް ނިސްބަތްވާ މަރިޔަމް ސޮފާ މާލޭގައި އުޅުމަށް ފަހު ރަށަށް ދިޔައީ މެއި މަހުގެ 25 ވަނަ ދުވަހުއެވެެ. އޭނާ ރަށަށް ދިޔައިރު ވެސް އޭނާގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނެއެވެ. އެގޮތުން އޭރު ވެސް ބޮލުގައި ރިއްސާ، ހުންއައިސް އަދި ގައިގައި ވެސް ރިއްސާ ކަމަށް އޭނާ "ދެން"އަށް ކިޔައިދިނެވެ.

"އޭރަކު ޕޮސިޓިވްކަމެއް އެނގިފައެއް ނެތް، ދެން މިކޮޅަށް (ރަަށަށް) އައިސްފަ ވެސް ގައިގައި ވެސް ރިހުން ހުރީމަ ޓެސްޓު ހެދީ، ދެން އެމީހުން ދެ ދުވަސް ވަންދެން ބޭސް ދީފަ ޓެސްޓު ހަދަން އައީ، ދެން ޕޮސިޓިވްކަން އެނގުނީމަ ހޮސްޕިޓަލުން ގުޅީ" ސޮފާއަށް އޭނާ ކޮވިޑަށް ފައްސިވެފައިވާކަން އެނގުނީ މެއި މަހުގެ 27ވަނަ ދުވަހުއެވެ.

ކޮވިޑަށް ފައްސިވީ ނަމަވެސް އޭނާ އެކަހެރިކުރަން ވަކި ތަނަކަށް ގެންގޮސްފައެއް ނުވެއެވެ. އަދި އޭނާ ދިރިއުޅެމުން އަންނަނީ އާއިލާއާ އެކުގައެވެ. ސޮފާގެ އާއިލާގައި އޭނާގެ އެއްމަހުގެ ދަރިފުޅާއި ދޮންތައާއި އޭނާގެ ދެ ދަރިން ވެސް ހިމެނެއެވެ.

ސޮފާ ބުނީ ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލުން އަދި ކައުންސިލުން ވެސް އޭނާގެ ހާލު ބަލަން ގުޅާ ކަމަށެވެ. އަދި އޭނާ ރަނގަޅު ކަމަށް ބުނި ކަމަށާއި ނަމަވެސް ދަރިފުޅަށް ގާތުންދީ ކަންތައް ކުރާ ކަމުގައި ވަނީ ނަމަ ދަރިފުޅު ވެސް ކޮވިޑަށް ފައްސިވެދާނެތީ އެކަމުގެ ބިރު އޮތް ކަމަށެވެ. އަދި ދަރިފުޅުގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނާތީ އެކަން ހޮސްޕިޓަަލަށް އެންގި ކަމުގައި އޭނާ ކިޔައިދިނެވެ.

"ބުނީމަ ޑޮކްޓަރަށް ދެއްކޭ ގޮތް ވެސް ހަދައިދިން، ނޭފަތަށް އަޅަން ބޭހެއް ވެސް ދިން އެކަމަކު ޓެސްޓެއް ހަދާކަށް ނޫޅޭ، އެމީހުން ބުނީ ފުރަތަމަ ބޭސް ބޭނުން ކޮށްލާފަ ފަހުންނޭ ޓެސްޓު ހަދާނީ ވާގޮތް ބަލާފަ، ބޮޑުވަރު ވަންޏާ އަންގާލާށޭ" ސޮފާ ކިޔައިދިނެވެ.

އޭގެ ދެ ދުވަސްފަހުން ދަރިފުޅަށް ހޮޑުލެވި ކޮންމެވެސް ވަރަކަށް ހާލު ދެރަވި ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެހެންވުމުން އެކަމާ ކަންބޮޑުވެ ހޮސްޕިޓަލަށް ގުޅައި ވީ ގޮތް އޭނާ ކިޔައިދިނެވެ.

" ބުނިން މިހެން ވެގެނޭ މިއުޅެނީ، ކުޑަމީހާ ރޯގާ ޖެހިގެނޭ ކެއްސާ، ހޮޑުލާ އިރު ވެސް ފާޑަކަށޭ ހޮޑު ލަނީ. ބުނީމަ ދީފަ އިން ބޭހެއް ވެސް އެ ދުވަހު، އެކަމަކު ފަހުން އަނެއްކާ ވެސް ގުޅި. ގުޅާފަ ބުނި ބޮޑުވަރުވޭ ހެއްޔޭ، ބޮޑުވަރެއް ނުވޭ ދޯއޭ، ބުނީމަ އަޅުގަނޑު ބުނަން އެހެން ބޮޑުވަރެއް ނުވެޔޭ އަދި" ދަރިފުޅު ރޯގާ ޖެހި ހޮޑުލައި ހެދުމުން ވެސް ޓެސްޓު ކުރަން ހޮސްޕިޓަލުން ނޫޅޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އޭނާ އިތުރަށް ބުނީ ޑޮކްޓަަރަށް ދަރިފުޅު ދެއްކި ދުވަހު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ލަފާ ދީފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގުޅުމުން ހޮނިހިރު ދުވަހުގެ ކުރިން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކެން ނެތް ކަމުގައި ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

"ބުނީމަ ބުނިން އެހެންވިއްޔާ ސަޓަޑޭގަ ދެއްކޭ ގޮތް ހަދައިދޭށޭ، ބުނީމަ އެ ދުވަހު ވެސް ބުނި ބޮޑުވަރު ވަންޏާ އަންގާލާށޭ، އޭގެ ފަހުން ދެ ރޭ ވީ އިރު ވެސް ކުޑަ މީހާ ނުއެއް ނިދާ، ކެއްސާ ރޯގާޖެހި ދެން ހަމަ އަޅުގަނޑު ވެސް އުޅޭނީ ހޭލާތާ" އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން ސޮފާ ފާހަގަ ކުރީ އޭނާގެ ދޮންތައާއި އޭނާގެ ދެ ދަރިންގެ ކިބައިން އަލާމާތްތައް ފެންނަތާ ވެސް މިހާރު ދެތިން ދުވަހެއް ވެއްޖެ ކަމަށެވެ. އެހެން ކަމުން އެ ވާހަކަ ވެސް ހޮސްޕިޓަަލަށް ގުޅައި އެމީހުން ވަނީ އަންގައިފައެވެ. އަދި ޓެސްޓު ހަދައިދިނުމަށް ވަނީ އެދިފައެވެ. އަދި އެހެން ބުނުމުން ބަލާލަދޭނަމޭ ބުނެފައި ޚަބަރެއް ނުވާ ކަމަށެވެ.

"ރޭ ނޫން ކުރީ ރޭ ވެސް އެވާހަކަތައް ބުނީމަ ބުނި ބޭސް ސިޓީ ލިޔެލާފަ ފޮނުވާލާނަމޭ، އެކަމަކު ޚަބަރެއް ނުވޭ" ސޮފާ ކިޔައިދިނެވެ.

ސޮފާ ބުނީ ކޮންމެ ފަހަރަކު ވެސް ހޮސްޕިޓަލަށް ގުޅައިލާއިރަށް ރޯގާ ޖެހިފައިތޯ ހުން އައިސްފައިތޯ އަދި އެކި ކަހަލަ ގޮތްގޮތް ވޭތޯ ސުވާލު ކުރާ ކަމަށެވެ. އަދި ބޮޑުވަރު ވޭތޯ އަބަދުވެސް ސުވާލު ކުރާ ކަމަށް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑުގެ ވާހަކައަކީ ބޮޑުވަރުވެގެން ވެންޓިލޭޓަރަށް ލާންވީމަ ތޯއޭ ފެސިލިޓީއަށް ގެންދަން ޖެހެނީ" ދަރިފުޅުގެ ހާލާ މެދު ކަންބޮޑުވެފައިވާ ސޮފާ އުފެއްދީ ބޮޑު ސުވާލެކެވެ.

  1. ސޭޓު

    އެމީހުން އެބަލަނީ މަރުވީތޯ. މަރުވީމަ އެމީހުން ޗެކްކުރާނީ. މަރުވިކަން ޔަގީންކޮށްދޭން.

  2. ކުޑީ

    ރައްޔިތުންނަށް ހައުދަހާ އޯގާތެރިޔޭ ދޯ މިހާރު ލޮލް

  3. “އޭނާ ރަށަށް ދިޔައިރު ވެސް އޭނާގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނެއެވެ.” ފަރުދީ ޒިންމާ ކޮބާ؟ ބަލީގެ އަލާމާތްތައް ހުއްޓަ ދަތުރު ނުކުރަން އެޗްޕީއޭއިން ނުބުނޭތަ؟

  4. މރނހ

    ޞަފާ ހޮސްޕިޓަލާ މެދު އުފެއްދި ސުވާލައް އަޅުގަނޑުވެސް ތާއީދު އަލާމާތް ފެންނައްޏާ ޓެސްޓުކުރަންވާނެ ބަލިވީމަ ފަރުވާދޭންޖެހޭނެ އެކަހެރިވެސް ކުރެވެން ޖެހޭނެ. އަޅުގަނޑުގެ ސުވާލަކީ އަލާމާތްތައް ފެނިފަ ހުއްޓާ ރަށައް ދިޔައީ ކީވެހޭ؟ ކޮބައިތޯ ޞަފާގެ ޒިއްމާ ވިސްނާލަބަލަ ތިމާގެސަބަބުން ރަށައްބަލި.

  5. އަހުމަދު

    އެޗުޕީއޭ ގަވާއިދާ ޚިލާފުވީމަ މަރުވަން ދޫކޮށްލަން ވީ ތަ؟