ޚަބަރު ސިޔާސީ

ސިޔާސީ މައިދާނުން ރައީސް ނަޝީދު ބާކީކޮށެއް ނުލެވޭނެ، އެންމެ މަޤުބޫލު ސިޔާސީ ލީޑަރަކީ އެއީ: އިންތި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އެއް ފަރުދަކަށް ބަލާނަމަ ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ މަޤްބޫލު ފަރާތްކަމަށް، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެވެ.

Ads by MWSC

އިންތި މިހެން ވިދާޅުވީ، "ދެން"އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އިންތި ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދަކީ އެމްޑީޕީއަށް ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ. ރައީސް ނަޝީދު އެމްޑީޕީން ދުރުކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް އިންތިގެ ކެންޕެއިންގެ ބޭފުޅުން ދައްކަވާ ވާހަކަ އިތުރަށް ވަނީ ތަފްސީލްކޮށްދެއްވައިފައެވެ.

"ރައީސް މުޙައްމަދު ނަޝީދު ކަނޑައިލާ ބޭރު ކުރާ ވާހަކައެއް ވެސް ނޫން ކަންނޭނގެ. އެހެން ނަމަވެސް ރައީސް މުޙައްމަދު ނަޝީދު އެއް ފަރާތްކޮށް، ރައީސް މުޙައްމަދު ނަޝީދުގެ ތަޞައްވަރު، ރައީސް މުޙައްމަދު ނަޝީދު މި ޕާޓީއައިގެން ކުރިޔަށް ވަޑައިގަތުމަށް އެ ގެންގުޅުއްވާ އަމާޒު، މިކަންކަން އެކަހެރިކޮށްފައި، ކުރިޔަށް ދިއުމަކީ މި ޕާޓީއަށް އެއް ގޮތަކަށް ވެސް ފައިދާ ވާނެ ކަމެއް ނޫން، ޤައުމަކަށް ވެސް ފައިދާވާނެ ކަމެއް ނޫން"

އިންތި ވިދާޅުވީ، ރައީސް ނަޝީދަށް ވަރަށް އިހާނެތިކޮށް ހަދަމުންދާ ތަން ފެންނަ ކަމަށެވެ. މިކަމަށް މިސާލު ޖައްސަވަމުން އިންތި ވިދާޅުވީ، ބަލި އެނދުގައި އޮންނަވައިގެން، ރައީސް ނަޝީދު މަޖިލީހުގެ އިންތިޔާޒު ކޮމިޓީއަށް ފޮނުވި ސިޓީ ބޭރުކޮށްލައިފައިވާ ކަމަށެވެ. އަދި އެ ކޮމިޓީއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީއެއްކަން ފާހަގަ ކުރެއްވިއެވެ.

އިންތި ފާހަގަ ކުރެއްވީ، ރައީސް ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހު ދިން ހަމަލާގެ ތަޙްޤީޤަށް ވަކިވަކި ސިފައިން ނުފޮނުވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނުމާ ގުޅިގެން، ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެވެ.

އިންތި ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އެއްފަރާތްކޮށް، ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކަށް އިހްތިރާމް ކުޑަކުރާ ތަނ މި ނޫނަސް ވަރަށް ގިނައިން ފެންނަ ކަމަށެވެ. މިގޮތަށް ކަންތައް ކުރިޔަސް ރައީސް ނަޝީދު ސިޔާސީ މައިދާނުން ދުރަށް ނުޖެއްސޭނެ ކަމަށް ވިދާޅުވިއެވެ.

"ރައީސް މުޙައްމަދު ނަޝީދު ބާކީއެއް ނުކުރެވޭނެ މި ސިޔާސީ މާހައުލަކުންނެއް" އިންތި ވިދާޅުވީ، އެމްޑީޕީގެ ވެސް ރައީސް، ރައީސް ނަޝީދުގެ ލަފާފުޅުތައް އަޑު ނާހަން ޖެހޭ އެއްޗެއްގެ ގޮތުގައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަކީ އެއްފަރުދަކަށް ބަލާނަމަ، ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ މަޤްބޫލު ސިޔާސީ ލީޑަރު، މި ޕާޓީގެ ތެރެއިން ބެލި ނަމަވެސް. އަޅުގަނޑުމެން ރަށްރަށް ދަތުރު ކުރީމަ ވެސް އެކަން އިތުރަށް ޔަޤީން ވެގެންދޭ

ރައީސް ނަޝީދު ޕާޓީން ބޭރު ކުރަން އުޅޭ ވާހަކަ ތަފްޞީލް ކުރައްވަމުން އިންތި ވިދާޅުވީ، އޭގެ މާނަކީ "ގަދަބާރުން ރައީސް ނަޝީދުގެ މަޤްބޫލުކަން ކުޑަ ކުރުމަށް، ނޫނީ ނިކަމެތި ކުރުމަށް ކުރާ މަސައްްކަތުގެ" ވާހަކަ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބު ތާވަލްކުރެވިފައި ވަނީ އަންނަ މަހުގެ 14އަށެވެ. މި އިންތިޚާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ. މި ދެ ކެނޑިޑޭޓުން ވެސް ގެންދަވަނީ ރަށްރަށަށް ދަތުރުކުރައްވައި ތާއީދު އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

  1. ހަސަން ކުރުސި

    އިންތި ތިދައްކަނީ މާޒީގެވާހަކަ. އޭރުވަރަށް މަގުބޫލު. އޭނަގެހަގީގަތް މިހާރުއެންމެނަށްވެސްއެގޭ. ކުދިބޮޑު އެންމެނަށްވެސް މިހާރުއެނގޭ އޭނަޔަކީއަމިއްލަ އެދުމުން ފޯވެފަހުރިމީހެއްކަން.