މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ޢަދަދެއްގައި ހިފެހެއްޓުމަށް ރައީސް ޞާލިޙް ތާއީދުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު, ވަކި ވަރެއްގައި ހިފެެއްޓުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތާއިދުކުރައްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު, ވަކި ވަރެއްގައި ހިފެެއްޓުމަށް ރައީސް ތާއީދު ކުރައްވާ ކަމަށާއި, ނަމަވެސް އެ އަދަދަކީ 87 ކަމުގައި ކަނޑައެޅުމާމެދު ރައީސް ވަކި ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ.
މިއުވާން ވިދާޅުވީ އެކަން ނިންމާނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކަމަށާއި އެއީ ސީދާ ރައީސްގެ ނިންމެވުމެއް ނޫން ކަމަށެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވަވައިފައެވެ.
2008 ވަނަ އަހަރުގެ އޮގަސްޓު 07 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބޭއްވީ ރައްޔިތުން މަޖިލީހުގެ ތިން އިންތިޚާބުކަމަށްވާއިރު, 17 ވަނަ މަޖިލީހަށް 77 މެންބަރުން އިންތިޚާބުކުރިއެވެ.
18 ވަނަ މަޖިލީހަށް 85 މެންބަރުން އިންތިޚާބު ކުރިއިރު, މި ހިނގާ 19 ވަނަ މަޖިލީހަށް 87 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި އެ ޢަދަދު އިތުރުވަމުންދާނަމަ އެއީ ރާއްޖެފަަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ޢަދަދަށްވުރެ މާ ގިނަ ޢަދަދަކަށްވާނެ ކަމަށާއި, އެއީ އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ މެންބަރުން ޢަދަދު ވަކި ވަރެއްގައި ހިފެެއްޓުމަށް ރައީސް ޞާލިޙް ތާއިދުކުރައްވާއިރު, މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޤާސިމްގެ އިސްލާހަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.