ރިޕޯޓް ސިޔާސީ

ބޮޑު ތިލަދުންމަތި: ''ވާދަވެރިން ކުރެއްވި ކަމަކަށް ހަ ކަންތައް ކޮށްދެއްވި''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީންގެ ސަރުކާރުގައި ހިންގެވި ބައެއް މަޝްރޫޢުތަކުގެ ފެށުމާއި ނިމުން ފާހަގަކުރުން.

''އަޅުގަނޑު ދަންނަވާނީ، އެ ބޭފުޅުން ކުރެއްވި ކަމަކަށް އަޅުގަނޑު ދަންނަވާނަން، ހަ ކަންތައް އަޅުގަނޑު ކޮށްދީފީމޭ.''

Ads by MWSC

އިހަވަންދޫގައި ގާއިމުކުރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފަށްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި, އޭރުގެ ވާދަވެރިންނަށް ގޮންޖައްސަވައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެހެންނެވެ.

ރައީސް ޔާމީން އިހަވަންދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައި ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

''އެ ބޭފުޅުން'' ކުރެއްވި ކަމަކަށް, ''ހަ ކަންތައް'' ކޮށްދެއްވައިފީމޭ ވިދާޅުވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ ވިދާޅުވި ތަރައްޤީ ބޮޑުތިލަދުންމަތީގެ ހަތަރު ބިތުން ފެނިގެން ދިޔައެވެ. އެކަމުގެ އުފާ ރައްޔިތުން ލިބިގަތެވެ. ރައްޔިތުން އެކަން ބަލައިގަތެވެ.

އޭގެ އެއް ހެއްކަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނާ ވާދަކުރައްވައި ރައީސް ޔާމީން ބޮޑު ތަފާތަކުން ކުރި ހޯއްދެވުމެވެ. ރައީސް ޔާމީން ހއ.އަތޮޅުން %46 ލިބިވަޑައިގަތްއިރު, ''މަރަށް ފުރާނަޔަށް'' އުޅުއްވައިގެން އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %54 އެވެ. ރައީސް ޔާމީނަށް ހދ.އަތޮޅުން %44 ލިބިވަޑައިގަތްއިރު, އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %56 އެވެ. އިބްރާހިމް މުޙައްމަދު ޞާލިޙް ގިނިކަންޏާ ކުރިމަތިލެއްވިނަމަ, އެވަރު ވެސް ނުވީސްކަން ކަށަވަރެވެ. ''ބަހުރު ފެނަށް ވަންދެން ކިޔަވައިގެން'' ވެސް އެމްޑީޕީއަށް ވީ ވަރު އެ އޮތީ ފެންނަން ދޮގެއްތޯއެވެ!

އަދި ނިމުނީކީ ނޫނެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެ ތާއީދު ފެނިގެންދިޔައެވެ.

ބައެެއް މީހުން މިއަދު އެބަ ބުނެއެވެ. ރައީސް ޔާމީން ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ ކީއްވެ ހެއްޔެވެ. ވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ސަބަބުތަކެއް އެބައޮތް ހެއްޔެވެ. އާދެ, ސަބަބުތައް މި އޮތީއެވެ.

ބޮޑުތިލަދުންމަތީގެ ދަތުރުފުޅުގެ އުސްއަލިތައް (2018) :

1.ހއ.ކެލާ

''އަޅުގަނޑުމެން މި ރަށްރަށަށް އައިމާ، ކެލާއިން ވެސް އިވިގެން މިދިޔައީ، އަޅުގަނޑުމެންނަށް އުފާވެރި ޚަބަރު. ނަރުދަމާ ހަމަޖެހިގެން ދިޔައީ.'' ކެލާގައި ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދިޔަ އެ މަޝްރޫއަށް 51 މިިލިއަނަށްވުރެ ރުފިޔާ ޚަރަދުކުރިއެވެ. ނަމަވެސް 2013 ގެ ކުރީގައި ވޭތުވި ފަސް އަހަރު އެ ރަށަށް ހޭދަކުރެވިފައި އޮތީ ގާތްގަނޑަކަށް އަށެއްކަ މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީން ކެލާގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

''މި ހިނގާ ހަތަރު އަހަރު ބައި، ނޫނީ މި ހިނގާ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 105104 މިލިއަން ރުފިޔާ ހޭދަވެއްޖެ. އެހެރީ މަޝްރޫޢުތަކެއް ހިނގާފައި.''

2. ހއ.ދިއްދޫ.

''ދިއްދުއަށް އައިސްފައި، އަޅުގަނޑު، މި ނިމިގެންދިޔަ މަޝްރޫޢުތަކުގެ ތެރޭގައި މި ހުޅުވަނީ އެންމެ މަޝްރޫޢެއް ނޫން. ގޮނޑުދޮށް ހިމާޔަތްކުރުން ކަމުގައިވީ ނަމަވެސް، ފެނުގެ މަޝްރޫޢު ކަމުގައިވީ ނަމަވެސް، އަދި އާބާދީއަށް ދަތިވެފައި އޮތް ހައުސިންގގެ މަޝްރޫޢު [250 ހައުސިން ޔުނިޓް] ކަމުގައިވީ ނަމަވެސް، މަގުހަދާ ނިމުމުގެ މަޝްރޫޢު ކަމުގައިވީ ނަމަވެސް، މިހިރީ ހައްތަހާ މިރަށަށް އައިސްފައިހުރި ފަސޭހަ ކަންކަން.''

ރައީސް ޔާމީން ދިއްދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ދިއްދޫގައި ގާއިމުކުރި ފެނުގެ މަޝްރޫއަށް ޖުމްލަ 52 މިިލިއަން ހަރަދުކޮށްފައިވާއިރު, ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއެވެ. ދިއްދޫ މަގުހެދުމުގެ މަޝްރޫޢުއަށް 53 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

3. ހއ.ބާރަށް

''މި ކަހަލަ ރަށަކަށް އައިސް މި ބަނދަރުމަތީގައި ރީތި މެރީނާ ޖެޓީއެއް އެ އޮތީ. މިއީ، މައުސޫމް މުޖުތަމަޢެއް އޮތް ތަނެއް. މިއީ، ހިތްފަސޭހަ އޮޔާއި ވަޔާޖެހޭ ދިވެހިރާއްޖެ. މި ޖައްވަށް އައިސްފައި މި ތަނުގައި، ހިތްހަމަނުޖެހި ހުންނާނީ ކާކުތޯ؟ މިއީ ނޫންތޯ އަޅުގަނޑުމެން ދިވެހިރާއްޖެ ކުރިން ދުށް ތަނަކީ؟'' ބާރަށުގައި ހެދި މެރީނާ ސްޓައިލްގެ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން އޭރު ވިދާޅުވި ގޮތުގައި, ޕީޕީއެމްއާ އިދިކޮޅު ފިކުރުގެ ސަރުކާރު އޮތްއިރު ބާރަށަށް ހޭދަވެފައި އޮތީ 07 މިލިއަން ރުފިޔާއެވެ.

''މިހާރު މި ހިނގާ 05 އަހަރުގެ ތެރޭގައި، މި ގުނަ މި އޮތީ ދިހަގުނަ ކޮށްފައި. މިހާރު އެކަނި މިރަށަށް 76 މިލިއަން ރުފިޔާ މިއަހަރު ހޭދަވެއްޖެ. މިއިން ކޮންމެ ދާއިރާއެއްގައި، 77 މިލިއަނުން، 100 މިލިއަނުން، ބައެއް ދާއިރާތަކުގައި 1000 މިލިއަނުން ހޭދަކުރަމުންދާތީ، ދެން ކީއްކުރަންތޯ އަޅުގަނޑުގެ ވާދަވެރިން އަޅުގަނޑު ކައިރީ ބުނަންވީ، މި ފައިސާ ހޯދަނީ ކިހިނެއްތޯ؟ މި ފައިސާ އަދާކުރެވޭނެތޯ؟ ފައިސާ އަދާކުރެވޭތީ ފައިސާ ލިބެނީ ދޮގެއްތޯ؟ އަދި އިތުރަށް ފައިސާ މި ނަގަނީ ވެސް މި ކަންކަން އަދާކުރެވޭތީ.''

ރައީސް ޔާމީން. ފޮޓޯ: ރައީސް އޮފީސް

4.އިހަވަންދޫ

''އަޅުގަނޑު އިހަވަންދުއަށް މިކުރާ ދަތުރަކީ، ތިޔަ ބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމަށް ކުރާ ދަތުރު. އިހަވަންދޫގައި ތަފާތު ގިނަ މަޝްރޫޢުތަކެއް ހިނގައި ނިމިއްޖެ. އަދިވެސް މަޝްރޫޢުތަކެއް އެބަ ހިނގާ. މިއަދު އަޅުގަނޑުމެން މިއައީ، ނަރުދަމާގެ ޚިދުމަތް ނިމިގެން، ތިޔަބޭފުޅުންނަށް ރަސްމީކޮށް، އެ ޚިދުމަތް ހުޅުވައިދިނުމުގެ އުފާ ހޯދުމަށްޓަކައި. ފެނުގެ ނިޒާމު މިވަނީ ނިމިފައި. އަދި މިހެންގޮސް އިހަވަންދުއަށް ބޭނުންވާ ކިތަންމެ ތަފާތު ކަންކަމެއް އިހަވަންދޫގައި ވަމުން އެބަދޭ. އިހަވަންދޫ އެކަންޏެއްނޫން. ހއ. ގެ ރަށްތައް. ހދ. ގެ ރަށްތައް. ށ. ގެ ރަށްތައް.''

ރައީސް ޔާމީން. ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ވެރިކަމުގެ ކުރީ ފަސް އަހަރު އިހަވަންދޫގައި ހިންގާފައިވާ މަޝްރޫޢުތަކުގެ އަގަކީ 78 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ މަނިކުފާނުގެ ފަސް އަހަރުގައި 143 މިލިއަން ރުފިޔާގެ މަޝްރޫޢު ހިންގެވިއެވެ.

ބޮޑުތިލަދުންމަތީގައި ހިންގެވި އިތުރު ބައެއް މަޝްރޫޢުތައް:

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު.
ހޯރަފުށީ ނަރުދަމާގެ ނިޒާމުގެ މަޝްރޫޢު.
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢު.
ކުޅުދުއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު.
ނޮޅިވަރަމްގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫޢު.
ހަނިމާދޫ ނަރުދަމާގެ ނިޒާމުގެ މަޝްރޫޢު.
ނޮޅިވަރަންފަރު ބަނދަރު މަޝްރޫޢު.
މަކުނުދޫ ބަނދަރު މަޝްރޫޢު.
ކުރިނބީ ބަނދަރު މަޝްރޫޢު.
ހިރިމަރަދޫ ބަނދަރު މަޝްރޫޢު.
ނެއްލައިދޫ ބަނދަރު މަޝްރޫޢު.
ވަށަފަރު ބަނދަރު މަޝްރޫޢު.
އުތީމު ބަނދަރު މަޝްރޫޢު.

ރައީސް ޔާމީން ހަނިމާދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ވެސް ރައީސް ޔާމީންގެ ދައުރުގައި ބޮޑުތިލަދުންމަތީގައި އެތައް މަޝްރޫޢުއެެއް ހިންގެވިއެވެ.

''ހއ.އަށް އެކަނި މިދިޔަ 04 އަހަރެއްހައި ދުވަހުގެ ތެރޭގައި އެ އޮތީ، ފަނަރަ ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫޢު ގެންދެވިފައި'' ވެރިކަން ނިމެން ދެތިން މަހަށްވެފައި އޮއްވާ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުން. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ ދެވަނަ ދަތުރުފުޅު:

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން ފުރަތަމަ ދަތުރުފުޅު ކުރެއްވީ ދ.ކުޑަހުވަދުއަށެވެ. ދެވަނަ ދަތުރުފުޅު މިހާރު ވަނީ ފަށްޓަވައިފައެވެ.

ރައީސް ޔާމީން މިއަދު ހަނިމާދޫ އެއާޕޯޓުގައި. ފޮޓޯ: ޕީޕީއެމް

މި ދަތުރުފުޅުގައި ހއ.އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ކެލާ, ބާރަށް, ދިއްދޫ, އިހަވަންދޫ އަދި ތުރާކުނެވެ.

ރައީސް ޔާމީންގެ ދަތުރުފުޅުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުން ހިމެނެއެވެ. އެ ގޮތުން ޒުވާނުންގެ މެނިފެސްޓޯއާއި, މަސްވެރިންގެެ މެނިފެސްޓޯއާއި, އަންހެނުންގެ މެނިފެސްޓޯ އަދި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯއްދަވާނެއެވެ.

އިސްވެ ފާހަގަކުރި މަޝްރޫޢުތައް ހިމެނޭހެން ރައީސް ޔާމީންގެ  ޒަޢާމަތުގައި އިހަވަންދޫގައި 14 މަޝްރޫޢު, ކެލާގައި 16 މަޝްރޫޢު, ދިއްދޫގައި 27 މަޝްރޫޢު, ބާރަށުގައި 17 މަޝްރޫޢު އަދި ތުރާކުނުގައި 15 މަޝްރޫޢު ހިންގަވާފައިވެއެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން ވީ ''ވަޢުދު ބަންޑެލިތައް'' ވީ ކިހާ ހިސާބަކު ކަމެއް ދަންނަ މީހަކު ސަރުކާރުގައި ވެސް ނެތެވެ. ބަލައިލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ރައްޔިތުންނަށް ވެފައިވާ އިހުމާލެވެ. އިވެނީ ރައްޔިތުން ކުރާ ޝަކުވާއެވެ.

ރިޔާސީ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނާ ހަވާލު ކުރުމަށް, ''ހަވާލޭ ވަޠަން'' ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށުގައި މަސްވެރިކަމުގެ ހާލަތު އޮތް ގޮތުގެ މައްޗަށް ނަޒަރެއް ދެއްވައިފައެވެ.

މަސްވެރިކަމަށް މަޝްހޫރު ރަށެއްކަމަށްވާ އިހަވަންދޫގައި 2018 ވަނަ އަހަރު ނިމުނުއިރު މަހަށްފުރާ 19 ދޯނި އޮތްއިރު, މިއަދު އޮތީ މަހަށް ފުރާ އެންމެ 10 ދޯނި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމަ އެ އަހަރު ނިމުނުއިރު ހޯރަފުށީގައި މަހަށްފުރާ 09 ދޯނި އޮތްއިރު, މިއަދު ދޭތެރެއަކުން މަހަށް ނުކުންނަ ދޯނީގެ އަދަދަކީ 03 ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭރު މަކުނުދޫގައި މަހަށް ފުރާ 14 ދޯނި އޮތްއިރު, މިއަދު ދޭތެރެއަކުން މަހަށް ނުކުންނަނީ ދެ ދޯނިކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''މިއީ މަހަށް ފުރަން ނުކުންނަ ދޯނީގެ ޢަދަދުތައް. މިއީ ސަރުކާރުން މަޝްރޫޢުއެއް ރާވައިގެން ދޯނި ބަނދެ މަސްވެރިންނަށް ލުއިލޯނުގެ ދަށުން ދޫކުރި މި ދެންނެވި ސިނާޢަތު ފުޅާކުރުމަށް.. ނޫ އިގުތިސާދު މިއޮތީ ނޫފައިގެންފައި.'' މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތަށް އިހުމާލުވެފައި އޮތް މިންވަރު ދޭހަވާ ކުޑަކުޑަ މިސާލެއް ނަންގަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވި ގޮތުގައި ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވަނީ ''ޞާލިޙްގެ އަނިޔާވެރި ސްލޯ ސަރުކާރުން'' ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ބައްލަވާލައްވައި, ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ގާތުން އަޑު އައްސަވައި, ރައްޔިތުންނަށް އުންމީދު ދެއްވުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!