ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ރައީސް ނަޝީދަށް: ބަދަލުކުޅުންތެރިން އަރުވައިގެން އިންތިިޚާބު ކާމިޔާބެއް ނުވާނެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ބަދަލުކުޅުންތެރިންނާއެކު އިންތިޚާބު ކާމިޔާބުނުވާނެކަމަށާއި އަރުއްވަން ޖެހޭނީ ފުލް ޓީމުކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

Ads by STELCO

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ ދޫކޮށް ވަކިން ވާދަކުރައްވާ ކެންޑިޑޭޓުންނާ ދޭތެރޭ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ނިކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި މީހުންގެ ވިސްނުން ހުރި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. އެކެއް, ދޭއް, ތިނެއް, މިހިސާބަށް ވެސް އަޅުގަނޑުމެން އަދި ކިޔާނެ ކަމެއް ނެތް. މިއިން ހިސާބަކަށް ވެސް އަޅުގަނޑު ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނަކަށް މިފަހަރަކު އާދެވޭނެ ކަމަށް،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި އެޕާޓީގެ ޕްރައިމަރީއިން ރައީސް ނަޝީދުއަށް ނާކާމިޔާބުލިބި ވަޑައިގެންނެވުމުން، އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން އުފެއްދެވި ޕާޓީއެކެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިހާބަކީ އޭ ޑިވިޝަނުގެ މެޗެއް ކަމަށާއި އެހެންކަމުން ބަދަލު ކުޅުންތެރިން އަރުވައިގެން އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

"ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށް ވަންޏާ މިއުޅެނީ އޭ ޑިވިޝަނުގެ މެޗެއް. އިނގިރޭސިވިލާތުގެ ވެއްޖިއްޔާ ޕްރެމިއާ ލީގު މިކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ. ފުލް ޓީމް ކުޅެން އަރަންވާނީ. އަޅުގަނޑުމެން މިތިބީ ފުލް ޓީމް އަރުވައިގެން،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީ ތެރޭގައި އައި ކުޑަ ލޮޅުމުގައި, ހުޅުދުއްފާރުގެ އެމްޑީޕީ މެންބަރުންނަށް ވެސް އޭގެ އަސަރު ކޮށްފައި އެބަހުރި ކަމަށާއި އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން އިތުރަށް ވިސްނެވުމަށް ރައީސް ޞާލިޙް އެދިވަޑައިގަތެވެ.

މި އިންތިހާބަކީ ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތްކޮށް, ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލުމަށް ބާއްވާ އިންތިހާބެއް ކަމަށާއި, މިއީ ކުޅޭ ކުޅޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން. މީއަކީ ކުޅޭކުޅޭ ކަމެއް ނޫން. ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް, ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލަން. މީ އަކީ އެތެރޭގެ އިންތިހާބެއް ނޫން.... އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ މި އިންތިހާބުގެ ނަތީޖާގެ މިސްރާބު މިހާރު އޮތްގޮތް. އަދި އެއް ވަނައިގަ, ދެ ވަނައިގަ, ތިން ވަނައިގަ, ހަތަރު ވަނައަށް އަންނާނެ ފަރާތްތައް ވެސް އެބަ އެނގޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބުގެ ނަތީޖާ އޮތް ގޮތް މިހާރުވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ވޯޓު ބާކީ ނުކުރެއްވުމަށާއި ވިސްނުންތެރިކަމާއެކު މިކަން ނުކޮށްފިނަމަ މީގެން ނިކުންނާނެ ނަތީޖާ ވަރަށް ދެރަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތަކަށް ގާނޫނީ ގޮތުން ލިބޭ އެންމެ ބޮޑު ޒިންމާ ހެޔޮގޮތުގައި އަދާ ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

Ads by HDC
  1. ށަމީރު

    210 ގަަ ސޯލިހަކީވެސްް ބަދަލުކުޅުންތެރިއެއްގޮތައްނެރުނުމީހެއް