"އަލުން އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށް، ރާއްޖޭގެ މައްޗަށް އަރަން އޮތް ކަޅު ބޯ ވިލާގަނޑުން ސަލާމަތްވެ، ދެން އެހެރަ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ހިޔާލު އެއްގޮތް ކުރެވެން ހުރި ކަންކަމުގައި ހިޔާލު އެއްގޮތްކޮށް ކުރިއަށް ދެވޭނެ ކޮންމެ ވެސް ފޯމިއުލާއެއް ހޯދުން. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މަހުލޫފު ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސް ޞާލިޙުގެ ވެރިކަން ނޫން އެހެން ވެރިކަމެއްގައި ރާއްޖޭގެ ރައްޔިތުން "ކަރުނައަޅާ ރޯނެތަން ދެކޭ ތަކޭނެކަމާމެދު ޝައްކެތް ނުކުރަން،" ކަމަށާއި އެ ހާލަތައް ޤައުމު ނުގެންދިޔުމަށް މަހްލޫފް ވަނީ އެދިވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ޔަގީންވެފައިވާ 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައި ނުވާ ކަމަށް ފާހަގަކުރައްވަމުން މަހުލޫފު ވިދާޅުވީ "ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންގެ އަތުން ނައްޓައިގެން ގޮސްފި،" ކަމަށާއި "އަޅުގަނޑުމެންގެ ތެރޭގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވޯޓުލާން ވަޑައިނުގަންނަވާ ބޭފުޅުން ވެސް އަޅުގަނޑަށް އިނގޭ،" ކަމަށެވެ. އަދި ފުރަތަމަ ބުރުގައި މި ނުކުތް ނަތީޖާއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވެ، ބިރުގަނެއްޖެ ކަމަށާއި އެ ފުރުސަތު އެހެން އަލުން ދޫކޮށްލަން ބޭނުންފުޅު ނުވާނެކަމަށް ގަބޫލުކުރައްވާކަމަށް މަހްލޫފް ވިދާޅުވިއެވެ.