ދީން

ޕާސްވޯޑްތަކާއި ޕިން ނަމްބަރުތަކަށް ވުރެ ޢިއްފަތުގެ އަގު ދަށް ނުކުރާށެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިސްލާމްދީނާމެދު ނަފްރަތު އުފައްދާ އެ ދީނުގެ ޢިއްޒަތާ މެދު ސުވާލު އުފައްދާ މީހުންގެ އެންމެ ބޮޑު އެއް ދަޢުވާ ބިނާވެފައި އޮންނަނީ އަންހެނުންގެ ޙައްޤުތަކުގެ މައްޗަށެވެ. އެވެރިންގެ ދަޢުވާއަކީ އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގައި ހަނިކޮށްފައިވާ ކަމެވެ. ނޫންނަމަ ނެތް ކަމެވެ. އެ ވެރިން ދެކޭ ގޮތުގައި ހެދުން އެޅުމުގެ އުޞޫލާއި ބޭނުން ހިނދަކު ބޭނުން ކަމެއް ކުރުމަކީ މިނިވަންކަމެވެ. ލިބި ދޭން ޖެހޭ ޙައްޤުތަކެވެ.

Ads by STELCO

އިތައެއްގެ ތެރޭގައި ރައްކާތެރިކޮށްފައިވާ މުތެއްގެ ގޮތުގައި ސިފަކޮށްފައިވާ ލޮބުވެތި އުޚުތުންނޭވެ! އިސްލާމް ދީނަކީ ތިޔަބައި މީހުން ހިމާޔަތް ކުރި ދީނެވެ. ޢިއްޒަތާއި ރައްކާތެރިކަން ޔަގީންކޮށްދިން ދުސްތޫރެވެ. ޖާހިލިއްޔަ ޒަމާނުގައި ތިޔަބައިމީހުންގެ ޤަދަރަކީ ކޮބައިތޯއެވެ. ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު ފަހު ނޭވާލާން ޖެހި ، އެކަން ގޮސްފައި ވަނީ އޭރުގެ އާދައަކަށެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

(وَإِذَا بُشِّرَ‌ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ) سورة النحل 58 މާނައީ: ” އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރި ވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ. “

އޭ ޢިއްޒަތްތެރި އުޚުތާއެވެ! ތިޔައީ ކޮއްކޮއެކެވެ. ދައްތައެކެވެ. އަނތްބެކެވެ. ނުވަތަ މަންމައެއް ނޫނީ މާމައެކެވެ. ތިޔަ އެންމެންނަކީ މަތިވެރި އެތައް ދަރަޖައެއް ލިބިގެންވާ ބައެކެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަގު މާތްވި އިރުޝާދުތަކުން އެނގޭ ގޮތުގައި ދަރީންނަށް ސުވަރުގެ ލިބުން އޮތީ މައިމީހާގެ ފައިތިލަ ދަށުންނެވެ. އެބަހީ އެ ކަމަނާއަށް ޢިއްޒަތްދީ އަޅާލުމާއި ލޯބި ދީގެންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. މީސްތަކުންގެ ތެރެއިން ތިމަންނަ އެންމެ އޯގާތެރިވުން ޙައްޤުކަން ބޮޑީ ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިބާގެ މަންމައަށެވެ. އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ތިބާގެ މަންމައަށެވެ. އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ތިބާގެ މަންމައަށެވެ. އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ތިބާގެ ބައްޕައަށެވެ.

އެކަލޭގެފާނުގެ އެހެން ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ.

”ފަރުޟު ފަސް ނަމާދުކޮށް ރަމަޟާންމަހު ރޯދަ ހިފައި ޢިއްފަތްތެރިކަމަށް ރައްކާތެރިވެ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފި އަންހެނަކަށް ބުނެވޭނެއެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ކަނބުލޭގެ އެދޭ ދޮރުކޮޅަކުން ސުވަރުގެއަށް ވަންނާށެވެ.”

ލޮބުވެތި އުޚުތާއެވެ. މިފަދަ މަތިވެރިކަމާއި ދަރަޖަ މިއީ ޢިއްޒަތާއި ޤަދަރު ނޫން ކޯއްޗެއްތޯއެވެ. މިއަށް ވުރެ ބޮޑަށް ތިބާ ތި އެދޭ އެހެން ކަމަކީ ކޮބައި ހެއްޔެވެ؟

މުސްލިމް އުޚުތާއެވެ! ހިނދުކޮޅަކަށް ފިކުރު ކޮށްލައި އަމިއްލަ ނަފްސާ ސުވާލު ކޮށްލައްވާށެވެ. އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި ނަފުސް ނީލަމަށް ނުލައްވާށެވެ. މީސްމީޑިއާގެ އެކި މަންސަތަކުގައި ޖިސްމުގެ ވަނާތައް އިޝްތިހާރު ނުކުރާށެވެ. ފެނާ ތެމިގެންދާ ޓިޝޫއެއް ފަދަ ހެދުން ލައިގެންވާ ޙާލު ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލު ކޮށްފާނެ ކަމާމެދު ކުޑަ ވެސް ފިކުރެއް ނެތީ ހެއްޔެވެ؟

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. ((إِنَ المَيِتَ يُبْعَثُ فِيْ ثِيَابِهِ الَّتِيْ يَمُوتُ فِيْهَا )) މާނައީ: ” ހަމަކަށަވަރުން މައްޔިތާ އަލުން ދިރުއްވޭނީ އޭނާ އެ ހެދުމެއްގައި ވަނިކޮށް މަރުވި ހެދުން ލައިގެން ވަނިކޮށެވެ. “

ލޮބުވެތި އުޚުތާއެވެ. މީސްމީޑިއާގެ އެކި އެކައުންޓްތަކުގެ ޕާސްވޯޑްތަކާ ކޭޝްކާޑުތަކުގެ ޕިންތައް ރައްކާތެރިކޮށް ، ސިއްރުކޮށްގެން އުޅޭ ފަދައިން ތިބާގެ ފޭރާމަކީ ވެސް ޖިސްމުގެ ވަނާތައް ވަންހަނާ ކުރާ ފޭރާމެއް ކަމުގައި ހަދާށެވެ. އެއީ ތަގުވާގެ ފޭރާން ކަމުގައި ހަދާށެވެ. ޕާސްވޯޑްތަކާ ޕިން ނަމްބަރުތަކަށް ވުރެ ޢިއްފަތުގެ އަގު ދަށް ނުކުރާށެވެ.

Ads by Allied Insurance
  1. ދަލާލް

    ޝުކުރިއްޔާ!! އިބްރާހީމް ހުސައިން
    މިކަހަލަ އާޓިކަލް ގިނައިން ލިއުއްވާލަދެއްވުން އެދެން.