ޚަބަރު

3 މިލިއަން މަރު: ހަމައެކަނި ނަމްބަރުތަކެއް ނޫން ،އެތައް މިލިއަން އާއިލާތަކެއް ހިތްދަތިކޮށްލި ވަކިވުމެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މީހަކު ސަރަހާގައި ހުއްޓިލައިގެން ހުއްޓާ.. ފޮޓޯ/ސަން

މުޅި ދުނިޔެއިން 3 މިލިޔަނެވެ. އެމެރިކާއިން 580،000 އެވެ. އިންޑިއާއިން 177،00 އެވެ. ރާއްޖެއިން 69 އެކެވެ. މިއީ ހަމައެކަނި ނަންބަރު ތަކެއް ނޫނެވެ. މިއިން ކޮންމެ ނަންބަރަކީ ފުރާނައެކެވެ. މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުގެ އަދަދު 3 މިލިޔަންވުރެ މައްޗަށް އަރައިފައިވާއިރު، މިއަދު އަހަރެމެންނަށް ކޮވިޑް-19 އަހަރެމެންނަށް ފޮނުވި "ފްރެންޑް ރިކުއެސްޓް" މިވަނީ "އެކްސެޕްޓް" ކުރެވިފައެވެ. ކޮވިޑަކީ ކައިރީގައި އުޅޭ ލާޗާރުބިޗާރު ރަޙްމަތްތެރިއަކަށް ވެއްޖެއެވެ. މާ ބޮޑަށް އަޅައެއް ނުލެވެއެވެ. އެކަމަކު ގާތުގައި ހުންނަކަން އެނގެއެވެ. އަދި އޭގެ ސަބަބުން އެތަކެއް ނުރައްކަލާ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހެއެވެ.

Ads by Sosun Fihaara

ކޮވިޑް-19ގެ ނަންބަރުތައް މިހާ މަތީގައި މިއަދު އުޅޭއިރު މީގެ އަހަރެއްގެ ކުރީ މިއަދާ މެދު ވިސްނާލަމާ ހިނގާށެވެ. ނޭވައަކު ދެކޮޅު ބާއްވަމުން ގެންދިޔަ ނޫސް ކޮންފަރެންސްތަކުގައި އެވެރިން ދެއްކި ވާހަކަތަކެއް މިއަދަކު އަހަރެމެންގެ ހަދާނނަކު ނެތެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ވަނަވަރު އާއްމުކޮށް އެމީހުންނަށް ފިލަން، މަސައްކަތް ކުރި ހަނދާން އޮތީ މާދުރަކު ނޫނެވެ. މިއަދު ދެމުން މިދާ ލުއިތައް، ދިންއިރު އެވެރިން ދެއްކި ވާހަކަތަކެވެ. ކޮވިޑް-19ގެ ބިރުވެރި ކަމުގެ ވާހަކައެވެ. އެވާހަކަތައް މިއަދު ދިވެހިންނެއް ހަދާނެއް ނެތެވެ. .

ހަނދާނަށް ގެނައުމަށް މީގެ ކުރިން "ދެން" އިން ގެނެސްދީފައިވާ ބައެއް ޚަބަރުތައް ހިއްސާކޮށްލާނަމެވެ. ކޮވިޑް-19 އާއެކު އުޅެމުން އައި ހާލު އަލުން ވަޒަން ކޮށްލުމަށެވެ.

ކޮވިޑްގެ ސަބަބުން ވަކިވެދިޔަ ތިން މިލިއަން މީހުންނަކީ ހަމައެކަނި ނަމްބަރެއް ނޫނެވެ. އެއީ މިލިއަން އާއިލާތަކަށް ދިން ހިތްދަތި ކަމެކެވެ. ލޯބިވާ މަންމައިންނާއި ބައްޕައިން އަދި އަނބިދަރީންނާއި ފިރީން ވަކިވެ އެ ދިޔައީ ވޭނާއެކުގައެވެ، އެ ވަކިވެ ދިޔުންތަކުގައި ވަނީ ފުން އަސަރުތަކެވެ. ޖަނާޒާގައި ބައިވެރިވެވޭ ގޮތް ނުވުމާއި މޫނު ދެކިލަން ފުރުސަތު ނުލިބުން ފަދަ އެތައް ކަމެއް ވީ ހަމަ އިއްޔެއެވެ. އެ ޒަހަމްތަކުގެ ފާރު އަދިވެސް ހުރީ ތާޒާ ކަންމަތީގައެވެ.

ކޮވިޑް-19 ވެކްސިން އަޅުގަނޑުމެންނަށް ލިބުނު ކަމުގައިވީ ނަމަވެސް، މިއަދު ވެސް އަހަރެމެންނަށް ވުރެ ކޮވިޑް-19 ބާރުގަދައެވެ. ހަނދާން ބަހައްޓަންވީ މިކަމެވެ. ކޮވިޑް-19ގެ އަލާމާތްތައް ހުރިނަމަ މީހުންނާ އެކަހެރިވާށެވެ. ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ލިބެންދެން މީހުންނާ ބައްދަލު ކުރުމާއި މީހުން އެއްވާ ތަންތަަނަށް ދިއުމުން ދުރުހެލި ވާށެވެ. ގިނަގިނައިން އަތްދޮވެ، މާސްކް އެޅުމުގައި އަނގައާއި ނޭފަތް ނިވާވާނެހެން އަމަލުތައް ބަހައްޓާށެވެ. ތިމާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުނަ ނުދީ ވޭތޯ މަސައްކަތް ކުރާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!