ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން ( ހަތަރުވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" ބައްޕައަށް ގޯސް ކުއްޖަކު ކަމުދާނޭ އަހަރެންގެ ހިތެއް ނުބުނޭ.. ސޯ ޔެސް.. " ހީނލަމުން ރޫވިން ބުންޏެވެ.

Ads by Sosun Fihaara

************

ޝަޖާހުއާއި ރޫވިން އެއަރޕޯޓުން ނިކުމެގެން އައިއިރު ގިނަ އަންހެންކުދިންގެ ލޯތައް ރޫވިންއަށް އަމާޒުވަމުން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރޫވިންއަށް ލިބިފައިވާ ރީތިކަމަކީ އެއްފަހަރު ބަލާލައިފިނަމަ ދެވަނަ ފަހަރަށްވެސް ބަލައިލުން މަޖުބޫރުކުރުވާ ފަދަ ރީތިކަމެކެވެ. ރޫވިންއަކީ ހަމުގެ ކުލަ އަލި، އިސްކޮޅުން ދިގު، ވަރުގަދަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. އަންހެންކުދިން ލޯތައް އަމާޒުވަމުން ދާކަން އެނގި އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން އިތުރުވެފައިވާކަހަލައެވެ. ލޮލުގައި އަވި އައިނު އަޅައިގެން ހުރެ އެއްއަތުން ފޮށި ދަމަމުން ދިޔައިރު އަނެއް އަތުގައި ނޫކުލައިގެ ކޯޓު އަޅުވާލާފައި އޮތެވެ. އެހިނގުމުގައި ހުރީ ފިރިހެންވަންތަ ގޮތަކުން ހިތްތައް ކަތިލެވޭ ފަދައެވެ.

" ބައްޕަ ގެސްޓް ހައުސްއަށް ދާންވީނު.. އަހަރެން އިރުކޮޅަކުން ދާނަން..." އެމީހުން ބަލާ އައިސް އޮތް ކާރު ކައިރިއަށް މަޑުކޮށްލުމަށްފަހު ލޮލުގައިވާ އައިނު ނަގަމުން  ރޫވިން ބުންޏެވެ.

" ވިނީ ކޮންތާކަށް ތިދަނީ... ؟ އެކޮޅަށް ގޮސް ފްރެޝް ވެލައިގެނެއްނު މީޓިންގްއަށް ދާނީ.. " ޝަޖާހު އެހިއެވެ.

"  މިދަނީ ސައިޓަށް.. އަހަރެން ގޮސް އެތަން ރަނގަޅަށް ބަލާފަ މީޓިންގް ކުރިއަށް ގެންދަން ބޭނުންވަނީ.. " ކާރުގެ ޑްރައިވަރު އިން ދިމާލުގެ ލޯގަނޑުގައި ޖަހައިލަމުން ރޫވިން ބުނެލިއެވެ. ޑްރައިވަރުގެ ކަންފަސޭހަކަން ފެނި އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ.

" ނުބުނަންޏާ މިފޮށިތައް ޑިކީއަށް އަރުވަން ޖެހޭނެ ކަމެއް ނޭނގޭތަ؟ " ޑްރައިވަރު ކާރުގެ ލޯގަނޑު ތިރިކޮށްލުމާއެކު ރޫވިން ބުނެލިއެވެ. އެއަޑުގައިވި ރުންކުރުކަމާއި ހަރުކަށިކަން އިހުސާސްވެ ޑްރައިވަރު ޖެހިލުންވިއެވެ. މާފަށް އެދެމުން އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވާލާފައި ނިކުމެ ފޮށިތައް ޑިކީ އަރުވަން އުޅެގަތެވެ.

" އެމައްސަލައެއް ނޫން އެވަރުގެ ކަމެއް ވެދާނެ.. ޕްލީޒް ޑޯންޓް މައިންޑް މައި ސަން.." ޑްރައިވަރާ ދިމާލަށް ޝަޖާހު ބުންޏެވެ. އިނގިރޭސިން ޝަޖާހު އެބުނީ ކީކޭ ކަމެއް ނޭނގުނަސް އެމީހާ ބޯޖަހައިލިއެވެ.

" އަހަރެން މީޓިންގްއިން ބައްޕައާ ބައްދަލުކުރާނަން.. " އަލުން އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ރޫވިން އެތަނާ ދުރަށް ހިނގައިގަތެވެ. ޝަޖާހު ދެފަރާތަކަށް ބޯހޫރައިލަމުން ކާރަށް އަރާ އިށީނެވެ. ރޫވިންގެ އެހުންނަ ރުންކުރު ކަމަކީ އޭނާއަށް ބަދަލު ނުކުރެވުނު ކަމެކެވެ.

*************

ސާފު ނޫކުލައިގެ އުޑުގައި އެންމެ ވިލާކޮޅެއްވެސް ފެންނާކަށް ނެތެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކުން އިރުގެ ހޫނު ކުޑަކޮށްދީފައިވިއެވެ. މެންދުރު ކައިގެން ގެއިން ނިކުތް ސަނަމްގެ މިސްރާބު ހުރީ އެދިމާ އަތިރިމައްޗަށެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ދިޔަ ސަނަމްގެ ހުރީ އިސްޖެހިފައެވެ. ހީވާ ގޮތުން ބަލަހައްޓައިގެން އެހުރީ ޖޯޑުކޮށްލެވިފައިވާ އަތަށެވެ. ވޫލުކޮޅަކުން އައްސާލެވިފައިވާ އިސްތަށިގަނޑު ވަނީ ކަނާތްފަރާތުން ކުރިމައްޗަށް ވައްޓާލެވިފައެވެ. ހިރުނދުގަސްތައް ދަށުގައި ބެހެއްޓިފައިވާ ޖޯލިތައް ކައިރީގައި ސަނަމް މަޑުކޮށްލިއެވެ. ދެފަރާތް ހޯދާ ބަލައިލީ އެކުވެރި މާއިފާ ފެނޭތޯއެވެ. އޭނާ އެތަނަށް އެއައީ މާއިފާ ގުޅާފައި ބުނެގެންނެވެ. އެތަނުން ޖޯއްޔެއްގައި އިށީންނަމުން ސަނަމް މާއިފާއަށް ގުޅައިލިއެވެ. ވީތަނެއް އެހުމުން އިރުކޮޅަކުން ދަނީ ކަމުގައި މާއިފާ ބުންޏެވެ. މާއިފާ އަންނަންދެން މަޑުކޮށްގެން އިންއިރު، ޖެހިލާ މަޑު ވައިރޯޅިތަކުން ތަފާތު ހިތްހަމަޖެހުމެއް ސަނަމްއަށް ލިބެމުން ދިޔައެވެ. ދިޔަވަރު ބޮޑުވެފައިވާ މޫދަށް ނަޒަރު ހުއްޓައިލި ހިނދު ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. ދޮންވެލިގަނޑަށް ރާޅު ބީއްސާ އަޑަކީވެސް ތަފާތު ހިތްގައިމުކަމެއް އެކުލެވިފައިވާ އަޑެކެވެ. ޖޯލީގައި ހަށިގަނޑު ދަމައިލަމުން މައްޗަށް ބަލައިލި ހިނދު ލޮލަށް އުނދަގޫވީވަރުން ސަނަމް ދެލޯމަރައިލިއެވެ. ޤުދުރަތީ ހިތްގައިމު އަޑުތަކަށް ސަމާލުކަން ދޫކޮށްލައިގެން އޮތްއިރު އެހިތަށް ލިބެނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ސިހުމެއް ލިބުނީ ބަނޑުމަތީގައި އޮތް ފޯނު ވައިބްރޭޓް ވެލުމުންނެވެ. އަވަހަށް ނަގާފައި ބަލައިލީ ފޯނެއް އައި ކަމަށެވެ. އެހެނަސް އެއީ ފޭސްބުކް މެސެންޖަރއަށް ކޮންމެވެސް މީހަކު ފޮނުވި މެސެޖެކެވެ. އެހާ އަވަހަށް އެމެސެޖް ހުޅުވައިލީ ކާކުގެ މެސެޖެއްކަން އެނގޭތީއެވެ.

" ކޮބާ.. ކެއީތަ..؟ ކީއްކުރަނީ..؟ " ފުލުފުލުގައި އައިސްފައިވާ މެސެޖްތަކުގައި އޮތެވެ.

" ހުމްމް.. ކައިފިން.. މިއޮތި މާއި އަންނަންދެން މިތާހުރި ޖޯއްޔެއްގައި.. އެލް ކީއްކުރަނީ..؟ " ސަނަމް ލިޔެލާފައި ފޮނުވައިލިއެވެ. އެލް ޖަހައިގެން އުޅޭ އެމީހާއާ މެސެޖްގެ ޒަރީއާއިން ސަނަމް ވާހަކަ ދައްކާތާ ދެއަހަރުވެދާނެއެވެ. ކާކުކަން ނޭނގުނަސް އެމީހާއާއި ވާހަކަ ދެއްކުމުން ސަނަމް ހިތްހަމަޖެހެއެވެ. އޭނާ ދައްކާ ވާހަކަތަކުން ދިރިއުޅުމައިގެން ކުރިއަށް ދާން ސަނަމްއަށް ހިތްވަރުލިބެއެވެ. އެއީ އަންހެނެއްކަމެއްވެސް ނޫނީ ފިރިހެނެއްކަމެއްވެސް ސަނަމްއަކަށް ނޭނގެއެވެ. އެސުވާލު އަހަން ބޭނުންވެސް ނުވަނީއެވެ. ފަހަރެއްގައި ވަކި ޖިންސެއްގެ މީހެއްކަން އެނގުމުން ބައެއް ވާހަކަތައް ދައްކަން އުނދަގޫވެދާނެތީއެވެ. ދިރިއުޅުމުގައިވާ ހުރިހާ ކަމެއްވެސް އެމީހާއާ ސަނަމް ހިއްސާކުރަނީ މާއިފާއަށް ކިޔައިދޭވަރަށްވުރެވެސް ބޮޑަށެވެ. އެމީހާއަށް ސަނަމްއަށް އިތުބާރު ކުރެވެން ފެށުނީ އެއްވެސް އިޙުތިޔާރެއް ނެތިއެވެ. މިހާތަނަށް އައިއިރު ސަނަމް ހިތްހަމަނުޖެހޭނެ ފަދަ އެއްވެސް ގޮތަކަށް އެލް ވާހަކަ ދައްކާފައެއްނުވެއެވެ.

 

" ކޯންޗެއް ތިބަލަނީ..؟" ސަނަމް ސިހުނީ މާއިފާގެ އަޑަށެވެ. އަވަހަށް ފޯނު ނިއްވައިލުމަށްފަހު އުނގުމަތީގައި ބާއްވައިލިއެވެ. އެލް އާ ވާހަކަ ދައްކާ ކަމެއް މާއިފާއަކަށް ނޭނގޭނެއެވެ.

" މާއި އަންނަންދެން އޮތީނު.. ހާދަ ލަހެއްވެއްޖޭ.. މަންމަ އެކަނި ބައިންދާފަ މިއައީވެސް.." ހަށިގަނޑު ސީދާކޮށްލަމުން ސަނަމް ބުންޏެވެ.

" ކައިގެން އަންނަން އުޅެނިކޮށް ފާހާނަ ގޮވައިގަތީ... ހެހެ.. ދެން ބުނެބަލަ.. ކިހިނެއްވީ މައުޒްބެގެ ފިހާރައިން ކެނޑުނީ.." ސަނަމް އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން މާއިފާ އެހިއެވެ.

" މާއި ޤަބޫލުވެސް ކުރާނެކަމެއް ނޭނގެ ބުނީމަ.. ވަރަށް ދުވަސްވެއްޖެ އެކި ގޮތްގޮތުން މައުޒް އަހަރެންނަށް އުނދަގޫ ކުރާތާ.. ދެން ރޭގަ ފިހާރަ ބަންދުކޮށްފަ ސޭލްސް ނިންމަން އިންދަ އެތަނަށް އައީ.. ވާހަކަ ދައްކަމުން އައިސް ވަރަށް ކައިރީގައި އިށީނީމަ އަހަރެންނަށް އުނދަގޫވެގެން ތެދުވަން އުޅުނު ވަގުތު ހިފީ އަހަރެންގެ އަތުގަ.. އެނގޭތަ ބުނި އެއްޗެއް.. އޭނައާ ދެއަނތްނަށް އިންނަންވީނޫންހޯ.." ސަނަމް ކިޔައިދިނެވެ. މާއިފާގެ ދެލޯ ބޮޑުކޮށްލެވުނީ ހައިރާންވި ވަރުންނެވެ.

" ދޮގު!! ދެން ސަމް ކީކޭ ބުނީ.. " މާއިފާ އަހައިލިއެވެ.

" އަހަރެންނަށް ނުކެރުނު އެއްވެސް ވާހަކައެއް ދައްކާކަށް.. އޭނަ އަހަރެންނަށް ބަލަން އިންގޮތުން ޖެހިލުންވި ވަރުން އަހަރެންގެ މުޅި ގައިގަ ތުރުތުރު އަޅާ.. އޭނަ އަހަރެން އަތުން ދޫކޮށްލާއިރަށް ދުވަމުން އައީ ގެއަށް... "

" ހިޔެއް ނުކުރަން އެއީ އެހާ ނުލަފާ މީހެއް ކަމަކަށް.. ދެން ހަބިއްތަ ކައިރީގައި ނުބުނަންތަ..؟ " މާއިފާ އެހިއެވެ.

" ހަބިއްތަ ކައިރީގައި ބުނިއްޔާ ޔަގީން އަނގަ މަޑުންލައިގެން ނުހުންނާނެކަން.. ގޮސް އެމައުޒްއާ ދިމާލަށް ފަތިވަރު ގޮވާލާނެ.. އިޝާރާ ހުންނާނީ އޭނާގެ ފިރިމީހާއާ އެއްކޮޅަށް.. ދެން ޖެހޭނީ ބޮޑު މައްސަލަގަނޑެއް.. އެހެންނޫނަސް މީހުންނާ ފިތުނަވެރިކަން ބާއްވަން ބޭނުންވާ މީހެއް ނޫން އަހަރެންނަކީ.. ގޭގެ އުޅެނީ ދެ އަންހެނުން.. މީހަކު ކަމެއް ކުރިއަސް ސަލާމަތް ކޮށްދޭނެ މީހަކު އަންނާނިއެއް ނޫން.. " ސަނަމް އެހެންބުނިއިރު އޭނާގެ ހިތުގައި ކުރެހިފައިވަނީ އައިދްގެ ސޫރައެވެ. އައިދް ކައިރީގައި ހުރި ނަމައޭ އެތައް ފަހަރަކު ހިތަށް އަރައެވެ. ހުވަފަތް އަންހެނެއްކަން އެނގުމުން ބައެއް ފިރިހެނުން އޭނާއާ ދިމާލަށް ބަލަނީ ބުޅާ މަސްގަނޑަށް ދަހިވެތިވެފައި އޮންނަ ފަދައަކުންނެވެ.

" ސަމް މިހެން ބުނީމަ ދެރަނުވައްޗެ.. އަހަރެންނަށް އެނގޭ ސަމް އައިދްދެކެ ވަރަށް ލޯބިވާކަން.. ސަމްއަށް ވެސް ތަނެއްގަ ވަޒީފާއަކު ނޫޅެވޭ ފިރިހެނުންގެ އުނދަގޫ ބޮޑުކަމުން.. އަނެއްކާ ސަމް އަށް ލިބޭ އެއްޗަކުން ދެކޮޅު ޖެހެނީވެސް ކިރިޔާ.. ތިދެމައިންގެ އާއިލާގަ އެހީވާނެ މާގިނަ ބައެއް ނެތް.. ސަމް އަލުން ޒަވާޖީ ހަޔާތެއް ފަށަން ގަސްދުކުރަންވީނު.." ސަނަމްގެ އަތުގައި ހިފާލަމުން މާއިފާ ބުންޏެވެ.

" އަހަރެން މީހަކާ އިންނަން ދެކޮޅެއް ނޫން.. ފަސްޖެހެވެނީ އެމީހަކު އައިދް ކަހަލަ މީހަކަށް ނުވެދާނެތީ.. އަހަރެން ބޭނުންވަނީ އަހަރެންނާއެކު އަހަރެންގެ މަންމަވެސް ބަލައިގަންނާނެ ފަދަ މީހެއް.. އެފަދަ މީހަކު ހުރިހެނެއް ހިޔެއް ނުވޭ.."

" ތީ ސަމްއަށް ހީވާގޮތް.. ﷲ އިރާދަކުރެއްވިއްޔާ ސަމްއަށް އެފަދަ މީހަކު ވަރަށް އަވަހަށް ލިބޭނެ..."

" މާއި!! މިހެން އިނދެވޭކަން ނެތް.. މަންމަ އެހާ ގިނައިރު އެކަނި ކޮށްފަ ބައިންދާކަށް އަހަރެން ބޭނުމެއްނޫން. ހަނދާންކޮށް އަހަރެން ދެއްކި ވާހަކަ އެއްވެސް މީހެއް ކައިރީގައި ނުދައްކާތި.." ސަނަމް ތެދުވެގެން ގެއާ ދިމާލަށް ހިނގައިގަތެވެ. ސަނަމްއާ އެއްވަރަށް ހިނގަމުން މާއިފާވެސް އައެވެ.

" ހުމް ދެން އަހަރެން ނުދައްކާނެއްނު.. " މާއިފާ ބުންޏެވެ.

" ދެން ބުނެބަލަ..!! ހުދޫން އަދިވެސް އިންނަން ނާހާތަ؟ " ސަމާސާ އެކުލެވިފައިވާ ރާގެއްގައި ސަނަމް އަހައިލިއެވެ.

" އާނ އޭނާގެ ނެތް އެކަހަލަ ހިޔާލެއް.. ނުސީދާކޮށްވެސް އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ކޮންމެވެސް ގޮތަކަށް އެވާހަކަ ހިންދާލާނެ.. މިހާރު ހިތަށް އަރާ ރުޅިވާންވީއޭވެސް.. " ފޫހިކަމާއެކު މާއިފާ ބުންޏެވެ.

" އައްދޭ ހާދަ އަވަހަކަށް ހިތްވަރު ދޫކޮށްލީ.. އަދި އަހާނެ.. ކެތްތެރިވެބަލަ.!! އަހަރެންނަށް އެނގެނީ އޭނަ މާއި ދެކެ ވަރަށް ލޯބިވާކަން.. އެހެންނޫންނަމަ މިހާ ދުވަސް ވަންދެން މާއި އެއްކޮށް އުޅެންވީ ކީއްކުރަން.. ތިދެމީހުންގެ ގުޅުމަށް ހަތަރު އަހަރު ވެއްޖެ ވިއްޔަ.." ސަނަމް ބުންޏެވެ.

" ދެން އޭނާގެ ވާހަކަ ނުދައްކާ...އަހަ.... ސަމް ބަލާލަބަލަ.." ފަހު ޖުމްލަ ބުނެލިއިރު މާއިފާގެ މޫނަށް ވެރިވެފައިވާ ކަންބޮޑުވުން ފެނި ސަނަމް އަވަސްއަވަހަށް މާއިފާ ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއެވެ. އެހިނދު ސަނަމް މެންގެ ގޭގެ ދޮރުމައްޗަށް ވެއްޓިފައި އޮތް ފިރިހެނަކު ފެނުނެވެ. ދުވެފައި އެދިމާލަށް ދިޔައީ ސަނަމްއާއި މާއިފާ އެކުއެކީގައެވެ. ދެމީހުންވެގެން ކޮންމެވެސް ވަރަކަށް ހޭހުރި އެމީހާ ނަގައިގެން ވެއްދީ ސަނަމްމެން ގެއަށެވެ. ސޯފާގައި ހަބަރު ބަލަން އިން ސިލްމާއަށް ސަނަމްމެން ފެނުމުން ލިބުނީ ހައިރާންކަމެކެވެ.

" ތިޔޯ.. ކިހިނެއްވީ އަނެއްކާ..؟ " ސިލްމާ އަހައިލިއެވެ. ސަނަމްއާއި މާއިފާ ގެނެސް އެމީހާ ސޯފާގައި ބޭންދިއެވެ.

" ހަކުރ.. ހަކުރު.." އެމީހާ ބުނަން މަސައްކަތް ކުރިއެވެ. ވީގޮތް ދެނެގަންނާކަށް ސަނަމްއަށް އުނދަގުލެއް ނުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއަށް ގޮސް އައީ ޕާނުގައި ޖަހާ ޖޭމު ފުޅި ހިފައިގެންނެވެ. މަތިނެގުމަށްފަހު ސަމްސަލުން އެތިކޮޅެއް ނެގުމަށްފަހު އެމީހާގެ އަނގަޔަށް ލަވާ ދިނެވެ.

" ހީވަނީ ހަކުރު ދަށްވެގެން ވެއްޓުނީހެން.." ހައިރާންވެފައި މާއިފާ ބަލަން ހުރި ގޮތް ފެނި ސަނަމް ބުނެލިއެވެ.

" މިރަށު މީހެއް ނޫން ދޯ... " ކަންބޮޑުވެފައި އިން ސިލްމާ އަހައިލިއެވެ.

" އާނ ހިޔެއް ނުވޭ..." ސަނަމް ބުންޏެވެ. އެމީހާ ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. ޝުކުރުން ފުރިފައިވާ ބެލުމަކުން ސަނަމްއަށް ބަލައިލަމުން ﷲ ހެޔޮ ޖަޒާ ދެއްވާށީއޭ ބުނެލިއެވެ.

" ބޭބެ ތީ ކޮން ރަށަކު މީހެއް..؟ " ސަނަމް އަހައިލިއެވެ.

" ބޭބެއަށް ކިޔަނީ ޝަޖާހު.. މާލެއިން މިއަދު މިރަށައް އައީ ބައްދަލުވުމަކަށް.. ރަށުތެރެ ބަލައިލަން ނިކުތްވަގުތު އަނބުރައިގަތީ.. ކޮއްކޮއަށް ކިޔަނީ ކޮންނަމެއް.. ؟؟ " ޝަޖާހު އަހައިލިއެވެ.

" ސަނަމް.. އަޅުގަނޑަށް ކިޔަނީ ސަނަމް.. ދެން މީ މާއިފާ އަދި އަޅުގަނޑުގެ މަންމަ ސިލްމާ.." ސަނަމް ކިޔައިދިނެވެ. ހިނިތުންވާން މަސައްކަތްކުރަމުން ޝަޖާހު ބޯޖަހައިލިއެވެ.

-ނުނިމޭ-

 

Ads by Allied Insurance
  1. ޑައިރީ

    ޥަރަށް ރީތި މި ވާހަކަ. ލަހީ އަޕްވާލެއް