ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން ( ފަސްވަނަ ބައި )

އަޒްކީ ، ދެން އޮންލައިން

" ބޭބެއަށް ކިޔަނީ ޝަޖާހު.. މާލެއިން މިއަދު މިރަށައް އައީ ބައްދަލުވުމަކަށް.. ރަށުތެރެ ބަލައިލަން ނިކުތްވަގުތު އަނބުރައިގަތީ.. ކޮއްކޮއަށް ކިޔަނީ ކޮންނަމެއް.. ؟؟ " ޝަޖާހު އަހައިލިއެވެ.

Ads by Sosun Fihaara

" ސަނަމް.. އަޅުގަނޑަށް ކިޔަނީ ސަނަމް.. ދެން މީ މާއިފާ އަދި އަޅުގަނޑުގެ މަންމަ ސިލްމާ.." ސަނަމް ކިޔައިދިނެވެ. ހިނިތުންވާން މަސައްކަތްކުރަމުން ޝަޖާހު ބޯޖަހައިލިއެވެ.

" ސަނަމް.. ވަރަށް ރީތި ނަމެއް.. ޝުކުރިއްޔާ ވަރަށް ބޮޑަށް އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީތީ.." ޝަޖާހު ބުންޏެވެ.

" އެއީ އެވަރު ކަމެއް ނޫން.. އަޅުގަނޑުގެ ބަދަލުގަ ކޮންމެ މީހެއް ހުރި ނަމަވެސް އެގޮތަށް ކަންތައް ކުރާނެކަން ޔަގީން.. ބޭބެ މިއަދު އަދި ނުކަން ދެއްތޯ.. އެހެންވެ ކަންނޭނގެ ހަކުރު ދަށް އެވީ.. " ސަނަމް ބުނެލިއެވެ.

" ރަނގަޅަށް ތިބުނީ.. ބޭބެގެ ދަރިފުޅާ އެއްކޮށް ކާންވެގެން މަޑުކޮށްގެން ހުރީ.. "

" ގަޑިން ގަޑިއަށް ނުކެވެންޏާ އެހެން ވެދާނެ.. މަޑުކޮށްލައްޗެ.." މިހެން ބުނެ ސަނަމް އެތެރެއަށް ހިނގައިގަތެވެ. ޝަޖާހު މާއިފާއާއި ސިލްމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

އިރުކޮޅެއްފަހުން ސަނަމް އެނބުރި އައީ ތަށިބަރިއެއް ހިފައިގެންނެވެ. ޝަޖާހުއަށް ދިއްކޮށްލުމުން ހައިރާންވެ އިނދެ ޝަޖާހު އޭގައި ހިފިއެވެ.

" އަޅުގަނޑުގެ މަންމައަކީވެސް ހަކުރު ހުންނަ މީހެއް ވީމަ ގޭގަ އަޅުގަނޑު ތައްޔާރު ކުރަނީ ހަކުރު ހުންނަ މީހުންނަށް ހާއްސަ ތަކެތި.. ތީގައި ހުންނާނީ ފެނުމަޑުކުރި ތަރުކާރީ އާއި ބަތާއި މުގުރިހަ އަދި ފިހުނު މަސް.." ސަނަމް ކިޔައިދިނެވެ. ޝަޖާހު ސަނަމްއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޭނާގެ ވިސްނުމުގައި ކަންތައްތަކެއް ރާވައިލުމަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

" ޝުކުރިއްޔާ ސަނަމް.. ޔަގީން މިއަދު ބޭބެ ކާނީ މިތަކެތި..." އިންތަނުން ތެދުވަމުން ޝަޖާހު ބުންޏެވެ.

" އެކަމަކު ބޭބެގެ ދަރިފުޅު އަންނަންދެން ނުހުރެ ރަނގަޅު ގޮތަކީ މިވަގުތު ކެއުން.. ބޭބެ ހުންނަ ގެސްޓް ހައުސްއާ ހަމައަށް އަޅުގަނޑު ގެންގޮސްދެންތޯ.." ސަނަމް ބުންޏެވެ.

" ނޫނޭ.. ބޭބެ އަށް އެކަނި ދެވޭނެ.. ދެން ގޮސްލީ.. ފުރުމުގެ ކުރިން ސަނަމްއާ ބައްދަލުކޮށްލަން އަންނާނަން އިރާދަކުރެއްވިއްޔާ.." ޝަޖާހު ބުންޏެވެ. ސަނަމް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

" އޭ ދެން އަހަރެންވެސް ދިޔައީ.. މިރޭ އަންނާނަން އެއްކަލަ ފިލްމް ބަލަން.. އަށެއް ޖަހާއިރު ދޯ ފެށެނީ.." މާއިފާގެ ވާހަކައަށް ސަނަމް ބޯޖަހައިލިއެވެ. ސިލްމާ ކައިރީގައިވެސް ދަނީއޭ ބުނުމަށްފަހު މާއިފާ އެގެއިން ނިކުތެވެ.

ސިލްމާ ކައިރީގައި ސަނަމް އިށީނދެ ޓީވީއަށް ނަޒަރު ހުއްޓައިލިއެވެ. އެހިނދު ސިލްމާ އިރުކޮޅެއް ކުރިން ހަބީބާ ގުޅާފައި އޭނާ ކައިރީގައި ދެއްކި ވާހަކަ ސަނަމްއާ ހިއްސާކުރިއެވެ.

" އިޝާރާ އެގެއަށް އައިސް ވަރަށް ރުޔޯ.. މައުޒް ވަޒީފާއިން ވަކިކޮށްގެން.. " ސިލްމާ ބުންޏެވެ.

" އަސްލުތަ.. އެއީ ކުއްލިއަކަށް ކިހިނެއްވީޔޯ..؟ " ސަނަމް ހައިރާންވެފައި އިނދެ އެހިއެވެ.

" ނޭނގެ ވީކަމެއްވެސް.. ހަމަހުރެފަ ކަނޑާލިއްޔޯ.. ކުރިއަށް އޮތް ހަމަސް ދުވަހުގެ މުސާރަ  ދީފަޔޯ ވަކި ކުރީ.." ސިލްމާ ކިޔައިދިނެވެ.

" ރަނގަޅެއްނު.. ދެން ކޮންކަމަކާ ރޯންވީ.. ވަޒީފާ ހުސްވީކީ ނޫނެއްނު.." ސަނަމް ބުނެލިއެވެ. " އަހަރެންވެސް އެބަ އޮތް މަންމަ ކައިރީގައި ވާހަކައެއް ބުނަންވެފަ.. "

"މަންމައަށް އެނގޭ ސަނަމް ތި ބުނަން އުޅޭ ވާހަކަ.. ހަބިއްތަ ދެއްކިޔޭ އެވާހަކަވެސް އިޝާރާ ކިޔައިގެން.. ކިހިނެއްވީ އަސްލު ކެނޑުނީ ފިހާރައިން.."

" އެތަނުގައި އިންނައިރު ފިރިހެނުންގެ އުނދަގޫ ވަރަށް ބޮޑު.. ފިހާރައެއްގެ ސޭޓަކަށް އިނީމަ ބައެއް ފިރިހެނުންނަށް ހީވާ ކަހަލަ އަހަރެމެންނަކީ އެއްވެސް އަގެއް ނެތް ބައެކޭ.. އަހަރެމެންނާ ދޭތެރޭގައި ބޭނުން ގޮތަކަށް ކަންތައް ކުރެވޭނެއޭ.. ފިރިހެނުން އެކަންޏެއް ނޫން.. ބައެއް އަންހެނުންވެސް ބުނެލަނީ ބޭނުން އެއްޗެއް.. އެމީހުންނަށް ހީވާކަހަލަ އަހަރެމެން މިކުރަނީ ވަރަށް ދަށް މަސައްކަތެކޭ.. " ސަނަމް ދެއްކީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އާއިލާ މަސްލަހަތަށްޓަކައި މައުޒްގެ ވާހަކަ ސިއްރުކުރަން ސަނަމްއަށް މަޖުބޫރުވިއެވެ. " މަންމަ ކަންބޮޑުނުވޭ އެހެން ވަޒީފާއެއް ލިބޭތޯ މަސައްކަތް އެބަ ކުރަން.. "

" މަންމަ ކަންބޮޑެއްނުވޭ.. މަންމައަށް އެންމެ ރަނގަޅު ސަނަމް އެއްވެސް މަސައްކަތެއް ނުކުރިޔަސް.. ސަރުކާރުން މަންމައަށް ދޭ އިނާޔަތު ފައިސާއިން ދެކޮޅު ޖެހިގެން އުޅެވެއެއްނު.. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް މަންމައަށް މުހިންމު ދަރިފުޅުގެ ރައްކާތެރިކަން.."

ސަނަމް އިތުރަށް އެމައުޟޫއަށް ވާހަކައެއް ނުދެއްކިއެވެ. ސިލްމާއަށް ސަރުކާރުން ލިބޭ ލާރީގައި އަތްލާކަށް ސަނަމް ބޭނުމެއްނުވެއެވެ. ސިލްމާ ގޮވައިގެން ބޭރަށް ދިއުމަށްޓަކައި އެފައިސާތައް ރައްކާ ކުރާކަން އެނގޭނީ  ސަނަމްއަށް އެކަންޏެވެ. ކަރަންޓު ބިލާއި އެހެނިހެން ބިލުތައް ދެއްކުމަށްފަހު ގޭގެ އެހެނިހެން ހަރަދުތައް ކޮށްފައި ސަނަމްއަށް ލިބޭ ލާރިންވެސް ދެކޮޅު ޖެހެނީ ކިރިޔާއެވެ. ލާރީގެ ދަތިކަމުގެ ވާހަކައަކީ ސަނަމް ސިލްމާއާ ހިއްސާކުރަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެފަދަ ކަންކަމާ ސިލްމާ ވިސްނުމަށް ނޭދޭތީއެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ސަނަމްއަށް މުހިންމީ ސިލްމާގެ ހެޔޮ ސިއްހަތެވެ.

****************

ރޫވިން އެނބުރި ގެސްޓް ހައުސްއަށް އައިއިރު އަސުރަށް ގޮވަން ކައިރިވެއްޖެއެވެ. އޭނާގެ ކޮޓަރިއަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ވަނީ ޝަޖާހުގެ ކޮޓަރިއަށެވެ. ސައިޓާ މެދު ހިތްހަމަޖެހުނު ވަރުން އެވާހަކަ ޝަޖާހާ ހިއްސާ ކުރުމަށެވެ. ކޮޓަރިއަށް ވަންއިރު ސޯފާގައި ޝަޖާހު ކާން އިނެވެ. ކޮޓަރީގައި ހިފާލާފައި ހުރި ފަރުމަސް ވަސް ވަހުން އުނދަގޫވެ ރޫވިންއަށް ނޭފަތް ކައިރީގައި އަތް ހުރަސްކޮށްލެވުނެވެ.

" ތިއައީ ދޯ.. އާދެބަލަ ބައްޕައާއެކު ކާން.. ހާދަ މީރޭ.. " ޝަޖާހު ބުންޏެވެ.

" އައްޗި.. ބައްޕައަށް އެނގެއެއްނު މުގުރިހަ އެއީ އަހަރެން އެހާ ގަޔާވާ އެއްޗެއް ނޫންކަން.. މިތަނުން މިދުވާ ވަހަކުންވެސް މޭބޮޑުވެއްޖެ.. " ރޫވިން ވާހަކަ ދައްކަމުން ގޮސް އެނދުގައި އިށީނެވެ.

" ހާދަ މީރޭ.. ސަނަމް ހަމަ މޮޅީ ކައްކަން.. މިހާ މީރު ކެއުމެއް ކެވުނު ހަނދާނެއް ނުވޭ.. "

" ސަނަމްއޭ.. ކޮން ސަނަމްއެއް.. " މޫނު މައްޗަށް ވެރިވި ހައިރާންކަމާއެކު ރޫވިން އަހައިލިއެވެ. މިއަދު ހިނގައި ދިޔަ ކަންތައް ރޫވިންއަށް ޝަޖާހު ކިޔައިދިނެވެ. ރޫވިންގެ މޫނުމަތިން ކަންބޮޑުވުމުގެ ބަދަލުގައި ފެނުނީ ހިތްހަމަނުޖެހުމެވެ.

" ބައްޕަ ކައިރީގައި ބުނީމެއްނު އަހަރެން އަންނަންދެން ނުކައި ނުހުންނައްޗޭ.. އެހެންނޫނަސް ތަނަކުން މީހަކު ދޭހާ އެއްޗެއް ކާން ވެދާނެތަ؟ ރަށް ރަށު މީހުން އެހާ ސާފުތާޙިރެއްވެސް ނުވާނެ.. ކައްކާ ބަދިގެ ތެރޭގައިވެސް އުޅޭނީ ހުސް މެހި.. ކައްކާއިރު އަތަށް އަންގިއެއް ވެސް ނުލައްވާނެ.. " ރޫވިންގެ ވާހަކަ އިވިފައި ޝަޖާހު ހޭންފެށިއެވެ.

" ކާކު ވިނީ ކައިރީގައި ދެއްކި ވާހަކައެއް ތީ.. ދުނިޔޭގައި އުޅޭނެ ސާފުތާހިރު މީހުންނާ ނޫން މީހުން.. ބައްޕަވެސް އެވަރު ބަލާނެއްނު.. އެހެންނޫނަސް ކައްކަން އަންގި ލެއްވުން މުހިންމެއް ނޫން.. މުހިންމީ އަތުގެ ސާފުތާހިރުކަން.. ކެއްކުމުގެ ކުރިން ރަނގަޅަށް އަތްދޮވުނީމަ އެވީ.. ސަނަމްގެ ގެއިން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަން ހުރީ ތަރުތީބުކަމާއި ސާފުތާހިރުކަން.. ނުލާހިކު ހިތްހެޔޮ ކުއްޖެއް.. އެތެރޭގެ ރީތިކަމާ އެއްވަރަށް ބޭރުން ފެންނަ ސިފަވެސް އެހާމެ ރީތި.. ދަރިފުޅާ ވިނީ ބުނަން ބައްޕަ ވާހަކައެއް!! އެހާ އަވަހަށް މީހުންނާ ދޭތެރޭގައި ގޮތް ނިންމުމަކީ ރަނގަޅުކަމެއް ނޫން.. " ޝަޖާހު ބުންޏެވެ.

" ހުމް ދެން އޯކޭއޭ.. އެކަމަކު ބައްޕަވެސް ކޮންމެ ކޮންމެ މީހަކު ދޭ އެއްޗެއް ނުކާތި.. " ރޫވިން އިންތަނުން ތެދުވަމުން ބުންޏެވެ. އެހާ ދިގު ލެކްޗަރުތައް އަޑުއެހުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ. " މިއައީ އެތަން ބަލާފަ.. ވަރަށް ހިތްގައިމު.. މޫދު ކައިރީގައި ވީމަ ގިނަ ބަޔަކު އެޓްރެކްޓްވެސް ވާނެ. ހީވަނީ ފައިދާ ވާނެހެން.. "

" އެހެންތަ؟ ތިވީއެއްނު.. ދެން ޖެހޭނީ ހަމައެކަނި ކޮންޓްރެކްޓް ކިޔާލާފަ ސޮއި ކޮށްލާކަށްނު.. ވިނީ މަންމައަށް ގުޅިންތަ؟" ތަށިތައް ހިފައިގެން ތެދުވަމުން ޝަޖާހު އަހައިލިއެވެ.

" އަހަރެން ނުގުޅަނިސް މަންމަ ގުޅައިފި.. އެހި ބައްޕަ ފޯނަށް ނުގުޅެނީ ކީއްވެހޭ.. ؟ ބުނީ ރަންކޮވެސް ކުއްލިއަކަށް ރާއްޖެތެރެއަށް ފުރަން ޖެހިގެން މެންދުރު ފުރައިފިޔޯ.."

" ރަންކޮ ފުރީޔޭ.. ހާދަ ކުއްލި ދަތުރެއް.. " ފާހާނައިގައި ހުރެ ޝަޖާހު ވާހަކަދެއްކިއެވެ.

" އެ އުޅޭ ދާއިރާގެ ގޮތުން އެހެންވެސް ވާނެ.. އަހަރެން މިދަނީ ކޮޓަރިއަށް ބައްޕާ.. އެބައަންނަން މީޓިންގްއަށް ދާން ރެޑީވެގެން.. " މިހެން ބުނުމަށްފަހު ރޫވިން އެތަނުން ނިކުތެވެ.

*************

ފިލްމް ބަލަން އިނުމަށްފަހު މާއިފާ ގެއަށް ދިޔައީ ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. އެހާ އަވަހަށް ނުނިދޭނެތީ ކޮޓަރިއަށް ވަންނަން ނޫޅެ ގޯތި ތެރެއަށް ސަނަމް ނިކުތެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ ކަނު އަނދިރިކަމާއި މަރުފަދަ ހިމޭންކަމެވެ. އެންމެ ކުޑަމިނުން ގަހުގެ ފަތެއްވެސް ހެލިލާ އަޑުނީވެއެވެ. އުޑުމަތިންވެސް ފެންނަމުން ދިޔައީ މަދު ތަރިއެކެވެ. ބޮޑު ބަނބުކެޔޮ ގަހުގައި އެލުވާފައިވާ ޖޯލީގައި ސަނަމް އޮށޯވެލިއެވެ. އަތު ތެރޭގައި އޮތް ފޯނު ނަގާ ހުޅުވައިލުމާއެކު ފޯނުގެ އަލި ސަނަމްގެ މޫނަށް އެޅުނެވެ. މެސެންޖާއަށް ވަނުމަށްފަހު އެލްގެ މަސެޖެއް އައިސްފައި އޮތްތޯ ބަލައިލެވުނެވެ. ހީކުރެވުނުގޮތާ އެއްގޮތަށް އެލްގެ މެސެޖެއް އައިސްފައިވާތަން ފެނި ސަނަމްއަށް ހީނލެވުނެވެ.

" ފިލްމް ބަލާ ނުނިމޭތަ..؟" އެމެސެޖްގައި އޮތެވެ.

" ނޫން.. ނިމިއްޖެ.. އަހަރެން ހީކުރީ އެލް ނިދީ ކަމަށް.." ސަނަމް ލިޔެލާފައި ފޮނުވައިލިއެވެ.

" އެނގެއެއްނު ސަނަމްއާ ވާހަކަ ނުދައްކާ ނުނިދާނެ ކަން.. ވާހަކައެއް އަހައިލަންތަ.؟ " އެލް ފޮނުވި މެސެޖްގައި އޮތެވެ. ސަނަމް އާއެކޭ ބުނެ ރައްދު ފޮނުވިއެވެ.

" ހަމަ ޔަގީންތަ އަހަރެން މީ ކާކުކަން އެނގެން ބޭނުންނުވާކަން.. މިބުނީ އެންމެ ކުޑަމިނުން އަންހެނެއްތޯ ނޫނީ ފިރިހެނެއްތޯވެސް ބަލަން ބޭނުންނުވާކަން.. "

" އާނ.. ބަލާކަށް ބޭނުމެއްނޫން.. އެހެންނޫނަސް އެލްވެސް ކާކުކަން ނޭނގޭގޮތަށް އުޅޭނީ ކޮންމެވެސް ކަމެއްވީމައެއްނު.. އަހަރެންނަށް މައްސަލައެއްނޫން.. ކުރިންވެސް މިހެން ބުނީމެއްނު.." ސަނަމް ޖަވާބުގައި ފޮނުވައިލިއެވެ.

" ހަމަ ޔަގީންކޮށްލަން އަހާލީ.. " ޖަވާބުގައި އައެވެ.

" އެނގޭތަ.. އެއްކަލަ މައުޒް އޭނަ އުޅޭ ރިސޯޓުން ވަޒީފައިން ވަކިކޮށްފި.. މީހަކަށް ދެރައެއް ލިބުނީމަ އުފާވާން ނުވާނެކަން އެނގޭ.. އެކަމަކު މައުޒްއަށް އެހެންވީމަ ވަރަށް އުފާވެއްޖެ.. " މެސެޖްގެ ފަހަތުގައި ހިނިތުންވެފައިވާ މޫނެއް ޖަހައިލުމަށްފަހު ސަނަމް މެސެޖް ފޮނުވައިލިއެވެ.

" އެކަހަލަ މީހުންނާ މެދު ކަންތައްތައްވާނީ އެކަހަލަ ގޮތަކަށް.. ސަނަމް އުފާވީމަ އަހަރެންވެސް މިހިރީ އުފަލުން.."

" އެހެންތަ.. ހެހެ.. އެލް ކޮންއިރަކުން ނިދަނީ.. " ސަނަމް އެހިއެވެ.

" ކިހިނެއްވީ.. ނިދަންވީތަ؟ ސަނަމް ނިދިއައީތަ؟" އެލް އަހައިލިއެވެ.

" ނޫން.. އެއްވެސް ވަރަކަށް ނިންޖެއް ނާދެ.. އެލް ކައިރިއަށް ނިދިއައިމަ އޯކޭ އޮފްލައިން ވިޔަސް.."

" އަހަރެން ކައިރިއަށްވެސް ނިންޖެއް ނާދޭ.. ކޮފީއެއް ބޯލަން އައިސް ބަދިގޭގަ މިހުރި.. ސަނަމް ކީއްކުރަނީ..؟" އެލް އަހައިލިއެވެ.

****************

އެނދުގައި އުއްޑުން އޮތް ރޫވިންގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. މެސެޖެއް އައި ހިނދު އަވަސް އަވަހަށް މެސެޖް ހުޅުވައިލިއެވެ. އެމެސެޖަށް ޖަވާބު ދެމުން ދިޔައިރު ރޫވިންގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ. އެގޮތުގައި އެތައް އިރަކު މެސެޖް ކުރަން އޮތުމަށްފަހު ރޫވިންއަށް ނިދުނުއިރު ފަތިސްވެއްޖެއެވެ. ޝަޖާހު ފަތިސް ނަމާދަށް ގޮވުމުންވެސް ރޫވިންއަށް ހޭވެރިކަމެއް ނުވިއެވެ.

***********

ތަށިބަރި ހިފައިގެން ދިޔަ ޝަޖާހުގެ މިސްރާބު ހުރީ ސަނަމްގެ ގެއަށް ދިއުމަށެވެ. އެގޯޅި އެޅުމާއެކު ފެނުނު މަންޒަރުން ޝަޖާހުގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ކުރިމަތިން ފެންނަމުން ދިޔައީ މުރާލިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ގޭ ކައިރީގައި ކުނިކަހަން އޮތް ސަނަމް ފެނި ޝަޖާހު ގޮވައިލިއެވެ. ތެދުވެ ހިންދެމިލަމުން ސަނަމް ހިނިތުންވެލިއެވެ.

" ތަށިބަރި ހިފައިގެން ދޯ.. ބޭބެ ރަނގަޅުތަ މިހާރު..؟ " ޝަޖާހު ދިއްކޮށްލި ތަށިބަރީގައި ހިފަމުން ސަނަމް އަހައިލިއެވެ.

" އަލްޙަމްދުލިﷲ....ރަނގަޅު... ވަރަށް ބޮޑަށް ޝުކުރިއްޔާ.. ސަނަމްގެ ކެއްކުން ވަރަށް ފުރިހަމަ.. ވަރަށް މީރު ހުރިހާ އެއްޗެއްވެސް.." ޝަޖާހު ބުންޏެވެ.

" އެހެންތަ.. ބޭބެ ސައިބޮއެފިންތަ.. އަޅުގަނޑު ހުންނާނެ ބަރަބޯ މަސްހުނި ހަދާފަ.. ވަރަށް އުފާވާނެ ހެނދުނު ސައިގަ ބޭބެ ބައިވެރިވިއްޔާ.." ސަނަމް ދަޢުވަތު ދިނެވެ.

" އާނ ޔަގީނެއްނު.. ހިނގާ އަވަހަށް.. " ޝަޖާހު އާއެކޭ ބުނަން ތައްޔާރަށް ހުރި ފަދައެވެ. ސަނަމްގެ ފަހަތުން ޝަޖާހު ގޮސް އެގެއަށް ވަނެވެ.

 

 

Ads by HDC
  1. އެލް އަކީ ރޫވިން ބާ ؟ ވެރީ އިންޓްރެސްޓިންގް. ކީޕް އަޕް ދި ގުޑް ވޯރކް 🙂