ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ފަހަތުގައި އެދެމީހުންގެ ވާހަކަތައް އަޑުއަހަން މީހަކު ހުރިކަމެއް އެމީހުން ނުދެނަހުއްޓެވެ. އިވުނު ވާހަކަތަކުން އެތަނުގައިހުރި މީހަކު ދެލޯބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅައިލީ ގަބޫލުކުރަން ދަތިވީވަރުންނެވެ. "އަނެއްކާ.. އާޒް.. އެބުނަނީ.. ނޫން ނޫން.. އެހެންވެދާނެތަ" އިވުނު ވާހަކަތަކާމެދު ފުންކޮށް ވިސްނައިލެވުމުން، އެމީހެއްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު އެ ދެލޯ ވިދައިގަތީ ހިތަށް އެރި އެއްޗަކުންނެވެ.

Ads by STELCO

"އޭ ތިއެއް ނޫނޭ.. ޒިމާމް ބުނި މިރަށު މީހުންގެ އެދުމަށް އަދި ހަތަރު ވަރަކަށް ދުވަސްވަންދެން ޖުމާނާގެ ޓީމް މިކޮޅުގަ މަޑުކޮށްލަން އެއްބަސްވި ވާހަކަ.. އެހެންނާ އަންނަ ޑޮކްޓަރުންގެ ޓީމްއަށްވުރެ މި ޓީމްގެ މަސައްކަތްތަކާމެދު ރައްޔިތުން މާބޮޑަށް ހިތްހަމަޖެހުނީހެން ހީވަނީ.." މައުޟޫ ބަދަލުކޮށްލަމުން ޒާމިން ބުނެލިއެވެ. ވިސްނުމަކަށް ގެއްލިފައި އިން މީހަކު ފަދައިން އާރިޒް ބޯޖަހައިލީއެވެ. "މާދަން ރޭ ނޫން އަނެއް ރޭގަ އެމީހުނަށް ކެއުމެއް ދޭން ވެސް ހަމަޖެހިފަ އޮތީ.. އަދި އެކަމުގެ ތައްޔާރީތައްވެސް ވާން ޖެހޭނު.." ޒިމާމް ދެއްކި ވާހަކަތައް ހަނދާންކޮށްލަމުން އަނެއްކާވެސް ޒާމިން ބުނެލިއެވެ. "އާން.. މާދަމާ އެކަމާ އުޅެންވާނެ.." ޒާމިންގެ ވާހަކަތަކާ ބައިވެރިވެލަމުން އާރިޒް ބުންޏެވެ.

ދެދުވަސް ފަހެވެ. ޑިއުޓީ ނިންމުމަށްފަހު އާރިޒާއި ޒާމިން ތައްޔާރުވަމުން ދިޔައީ އެރެއަށް ބާއްވަން ހަމަޖެހިފައި އޮތް ކެއުމަށެވެ. ތަނުގެ ތައްޔާރީތައް ނިމުނުއިރު އިރުއޮއްސިއްޖެއެވެ. 8 ޖަހާއިރަށް އެންމެނަށް ދައުވަތު ދެވިފައިވުމުން އާރިޒް ވެސް އަވަސްވެގަތީ ގެއަށް ގޮސް ތައްޔާރުވުމަށެވެ. ފެންވަރައިގެން ނުކުމެ ކަޅުކުލައިގެ ގަމީހަކާއި ހަމަ އެކުލައިގެ ފަޓުލޫނެއް ލުމަށްފަހު ބެގީކޮށްލިއެވެ. އަދި ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓިލަމުން ކުރުކޮށް ކޮށައިލައިފައި އޮތް އޭނާގެ ފަންއިސްތަށިގަނޑުގައި ޖެލްކޮޅެއް އުނގުޅައިލަމުން ރީތިގޮތަކަށް ސްޓައިލް ކޮށްލިއެވެ. ހިތްހަމަޖެހޭވަރު ވުމުން ގަޔަށް ސެންޓްކޮޅެއް ބުރުވައިލުމަށްފަހު ލޯގަނޑުން ފެންނަންހުރި އޭނާގެ ސޫރައަށް ބަލައިލިއެވެ. އެއާއެކު ލުއި ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ.

"ޒާންޓެ ބުނިހެން މިހެން ލަސްކުރަން ހުއްޓަ އަހަންނަށް މެހެރް ގެއްލިދާނެ.. ކޮންމެ ގޮތެއްވިއަސް ހެޔޮކަމަށް މިރޭ އަހަރެންގެ އިހުސާސުތައް މެހެރް ކުރިމަތީގަ ބަންޑުންކޮށްލަންވީ ކަންނޭނގެ.. އާން.. ލޯބިވާ ވާހަކަ ބުނާނީ.. އޭރުން މެހެރް ބުނާ އެއްޗެއްވެސް އެނގިދާނު.. އަނެއްކާ އިޓްސް ފުލް މޫން ނައިޓް.. އަތިރިމަތި ނުލާހިކު ރީތިވާނެ.. ކެއުން ނިންމާލާފަ އަހަންނާ ބައްދަލުކޮށްލަން އެތަނަށް އައުމަށް އެދޭނީ.. އަހަރެން.. މެހެރް ގެއްލޭކަށް ނޭދެން.. އާރިޒް.. ޔޫ ކެން ޑޫ ދިސް.." ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައާ ދިމާއަށް އާރިޒް ބުނެލިއެވެ. ޒާމިން އެވާހަކަތައް ދެއްކީއްސުރެ އޭނާ ވިސްނަމުން އައީ މެހެރީންގެ ކުރިމަތީގައި އެހިތުގެ ލޯތްބަށް އިއުތިރާފުވާނެ ގޮތެކެވެ. އެކަމަށް މިރެއަށްވުރެ ރަނގަޅު އެހެން ވަގުތެއްނެތްކަން އޭނާގެ ޟަމީރު ވިސްނައިދިނެވެ. ދެދުވަސްފަހުން މެހެރީންމެން ފުރަން ހަމަޖެހިފައި އޮތްއިރު އިތުރަށް ލަސްކުރަން ވެއްޖެނަމަ ފުރުސަތު ގެއްލިދާނޭ އާރިޒްއަށް ހީވަނީއެވެ. ޑްރެސިންގް ޓޭބަލްގެ އެއްފަރާތުގައި ބާއްވައިފައިއޮތް ރަތްކުލައިގެ ބޮޑު ފިނިފެންމަލަށް އާރިޒްގެ ނަޒަރު ހުއްޓުނެވެ. އެއާއެކު އޭނާގެ ތުންފަތުގައިވި ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. ލޯބިވެތި ގޮތަކަށް އެއަށް ބަލަން ހުރުމަށްފަހު އަތުކުރީގައި ގަޑި އަޅައިލަމުން އޭނާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

ކެއުން ހަމަޖެހިފައި އޮތީ ރަށު ސްކޫލްގެ ގޯތިތެރޭގައެވެ. އާރިޒް އައިސް ސައިކަލުގައި މަޑުކޮށްލިއިރު އެތަނުގައި ޒާމިން ހަރަކާތްތެރިވާތީ ފެނުނެވެ. އޭގެ އިރުކޮޅެއްފަހުން ޖުމާނާއާ އެކުގައި އެޓީމްގައި ދެންވެސް މަސައްކަތްކުރާ ހުރިހައި ޑޮކްޓަރުންތައް އައިސް ސްކޫލް ގޭޓުން ވަނެވެ. މެހެރީން ފިޔަވައެވެ. ގޭޓާ ދިމާއަށް ކެތްތެރިކަމެއްނެތި ނަޒަރު ހުއްޓައިލައިގެން އާރިޒްއަށް ހުރެވުނީ މެހެރީންގެ އިންތިޒާރުގައެވެ. އެހެނަސް އެތައްއިރެއް ފާއިތުވެ ދިޔައިރުވެސް މެހެރީންގެ ޚަބަރެއް ނުވުމުން އާރިޒްގެ ހިތަށް ލިބުނީ ނުތަނަވަސްކަމެވެ. ވަށައިގެން ހޯދައިލުމާއެކު އޭނާއަށް އިސްޖަހައިލެވުނެވެ. އަނެއްކާ މެހެރީންއަށް ކަމެއް ދިމާވީ ބާއެވެ. މެހެރީން ބަލިވީހެއްޔެވެ. ވިސްނާނެ އެއްޗެއް ނޭނގި އެކި ޚިޔާލުތަކުން އާރިޒްގެ ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ.

"އާޒް.. ކިހިނެއްވެފަ ތިހުރީ.. ކޮބާ ފޯނު.. އާޒް ފޯނު ނުނަގާގެން ދެންމެ ޒިމާމް އަހަންނަށް ގުޅި.. ބުނި އޭނައަށް އާދެވޭލެއް ތަންކޮޅެއް ލަސްވެދާނޭ.. ކުއްލިއަކަށް ފެމެލީ ކަމެއް ޖެހިގެން މެހެރީންއަށް ފުރަން ޖެހިއްޖެއޭ.. އޭނަ މިކޮޅަށް އަންނާނީ މެހެރީން ފުރުވާފަޔޯ.." ޒާމިންގެ ވާހަކަތަކުން ލިބުނު ސިހުމުގައި އާރިޒްއަށް ދެލޯބޮޑުކޮށްލަމުން ބަލައިލެވުނެވެ. ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟ އޭނާގެ ލޯތްބަށް އިއުތިރާފުވެސް ނުވެވެނީސް މެހެރީން އެދެލޯކުރިމަތިން އަބަދަށް ގެއްލެނީހެއްޔެވެ؟ ނޫނެކެވެ. އެހެންވާކަށް އާރިޒް ނޭދެއެވެ. އެންމެ ކުޑަމިނުން މެހެރީންގާތު އޭނާގެ ހިތުގެ ހާލު ބުނެދޭން އާރިޒް ބޭނުންވެއެވެ. ފަހުފަހަރަށް ނަމަވެސް އެ ސޫރަ ދެކިލަން ބޭނުންވެއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ހާސްވެފައި އޭނާ ޒާމިންގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

"އަހަރެން ވަރަށް އަވަހަށް ތަނަކަށް ގޮއްސަ އެބަ އަންނަން.. ޕްލީޒް އަހަރެން އަންނަންދެން ޒާންޓެއަށް މިތަން މެނޭޖްކުރެވޭނެތަ؟" އާރިޒްގެ އަޑުގައިވި ހާސްކަމުން ޒާމިން ވެސް ކަންބޮޑުވާގޮތްވިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އޭނާއަށް އެކަން ވާނެކަމުގެ ޔަގީންކަން ޒާމިން ދިނެވެ. އިތުރަށް އެންމެ ސުކުންތެއްވެސް މަޑުކުރުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި އާރިޒް މިސްރާބުޖެހީ ސްކޫލުން ނުކުތުމަށެވެ. އަދި އެއްފަރާތުގައި ޕާރކްކޮށްފައިހުރި ސައިކަލަށް އަރަމުން އޭނާ އަވަހަށް ދުއްވައިލިއެވެ. ސައިކަލުގެ ސްޕީޑް ބާރުވަމުންދިޔަވަރަކަށް އާރިޒްގެ ހިތުގެ ހިނގުންވެސް އައީ އަވަސް ވަމުންނެވެ. ދުއްވުނު އެންމެ ބާރަކަށް ގޮސް ބަނދަރުމަތީގައި އޭނާ އާންމުކޮށް މަޑުކުރާ ގަސްދޮށަށް ސައިކަލު މަޑުކޮށްލިއެވެ. އެހެނަސް... އޭރު މާބޮޑަށް ލަސްވެއްޖެއެވެ. މެހެރީން ފުރުވައިލުމަށްފަހު ޒިމާމް އޭނާގެ ސައިކަލާ ދިމާއަށް ދާތީ އާރިޒް ދުއްޓެވެ. ލަސްލަހުން ރަށުގެ ނެރާ ދިމާއަށް އޭނާގެ ދެލޯ ދަތުރުކޮށްލިއެވެ. އޭރު ނެރުން ނުކުމެ މާދުރަށް ގޮސްފައިއޮތް ލާންޗް އޭނާގެ ލޮލުގައި އަޅައިގަތެވެ. ގަހާއި ނިވައިވެލުމާއެކު ހިތްދަތިގޮތަކަށް އެ ލާންޗާ ދިމާއަށް ބަލަހައްޓައިގެން އާރިޒްއަށް ހުރެވުނީއެވެ. ދެލޯ ފުސްވެގެން އައީ އޭނާއަށް އެނގުމަކާނުލައެވެ. އެފުސްކަމުގެ ތެރެއިން ލާންޗް އިތުރަށް އެރަށާ ދުރައްދާތަން ބަލަން އޭނާ ހުއްޓެވެ. ޖެހިބުދެއްހެން ހުއްޓުން އަރައިފައި އޭނާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ހަގީގަތުގައިވެސް މެހެރީން އޭނާއަށް އަންގައިލުމެއްވެސްނެތި ފުރައިގެން ދިޔައީހެއްޔެވެ؟ ފާއިތުވެދިޔަ މަދު ދުވަސްކޮޅު އެދެމެދުގައިވި ގާތްކަން ނުބައި ގޮތަކަށް މާނަކުރެވުނީ އޭނާއަށް ހެއްޔެވެ؟ އެންމެ ފަހު ފަހަރަށް ނަމަވެސް މެހެރީން އޭނާއާ ބައްދަލުކޮށްލަން ބޭނުންނުވީ ހަމަޔަގީނުންވެސް މެހެރީންގެ ހިތުގައި އޭނާއަށް އެއްވެސް ޚާއްސަކަމެއް ދެވިފައިނެތީމައެވެ. ރަށަށް ކުޑަ ދުވަސްކޮޅަކަށް އައިސްހުރި މެހެމާނެއްގެ ކިބައިން ދާއިމީ ގުޅުމަކަށް އޭނާއަށް އެދެވުނީ ކީއްވެހެއްޔެވެ؟ މޮޔައަކުފަދައިން މެހެރީންގެ ލޯބީގައި ދީވާނާވީ ކީއްވެހެއްޔެވެ؟ މިދުވަސް މާކުރިންވެސް އަންނާނެކަން ވިސްނުނުއިރުވެސް ހިތަށް މިހައި ތަދުވަނީ ކީއްވެހެއްޔެވެ؟ މެހެރީންއާ އެކުގައި އެހިތުގެ ހަމަޖެހުމާއި އުފައުވެރިކަން ގޮސްފިއެވެ. ކުޑަމިނުން ލޯބިވެއޭ ބުނެލާނެ ފުރުސަތުވެސް އޭނާގެ ބަދުނަސީބު ހިތަކަށް ނުލިބުނެވެ. ލޯތްބަކީ އުފައުވެރިކަމާ ހިތްހަމަޖެހުން އިންސާނާއަށް ގެނުވައިދޭ އިހުސާސެކޭ މީހުން ބުނާއިރު ހަމަ އެ ޖަޒުބާތުގައިވި ވޭނާއި ކެކުޅުމުގެ ވާހަކަ ނުބުނަނީ ކީއްވެހެއްޔެވެ؟ ލޯބި ވެވުމުން ދިރިއުޅުމުގެ ހުރިހައި ކަމެއް ފުރިހަމަވެއްޖެ ކަމުގައި އާރިޒްއަށް ހީވިއެވެ. އެހެނަސް މިއަދު އޭނާއަށްވުރެ ވަކި ނަސީބުދެރަ އިތުރުމީހަކު ނެތްކަން ޔަގީނެވެ. ހުއްޓުން އަރައިފައިހުރި އާރިޒްގެ ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދަނީކަންވެސް އޭނާއަށް ރެއަކާނުލައެވެ. ދުނިޔޭގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިފައިވީހެން އޭނާއަށް ހީވިއެވެ. ހިތުގައި އަޅަމުންދިޔަ ވޭން ގަދަވަމުންދިޔަ ވަރަކަށް މުށްކެވިފައިވި އަތްތިލައަށް، އާރިޒްއަށް ބާރުކުރެވެމުންދިޔައީ ބޭއިޚުތިޔާރުގައެވެ. ކުއްލިއަކަށް މުށް ހުޅުވައިލުމާއެކު އާރިޒްއަށް ތެޅިގަނެވުނީ އިހުސާސުކުރެވުނު ދިލައަކުންނެވެ. ހަމަބިމަށް އާދެވުނު މީހަކުފަދައިން އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ހަގީގަތާ ކުރިމަތިލާން ބޭނުންނުވެފައިހުރެއެވެ.

* * * * *

ދާމިންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލަމުން ޚާލިދު ގޮވައިލިއެވެ. ވަގުތުން ދޮރު ހުޅުވައިލަމުން ތައްޔާރުކަމުގައި ދާމިން ބުނެލިއެވެ. އަތުން އައުމަށް އިޝާރާތް ކޮށްލުމާއެކު ޚާލިދު ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. "ބައްޕަ އަދިވެސް ނުބުނަމެއްނު ދާން މިއުޅެނީ ކޮންތަނަކަށް ކަމެއް.." ލިފްޓަށް އަރަމުން ދާމިން ބުނެލިއެވެ. އެއަޑު އިވިފައި ލުއި ގޮތަކަށް ޚާލިދު ހިނިތުންވެލީއެވެ.

"ޒުހޭލަކީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް.. އޮސްޓްރޭލިއާގަ އުޅެއުޅެފަ އެމީހުން ރާއްޖެ ބަދަލުވިތާ އަދި އެހާ ގިނަ ދުވަހެއް ނުވާނެ.. އެގެއަށް ކެއުމަކަށް ދަޢުވަތުދީފަ އޮތީ.. އެހެންވެ އެގެއަށް މިދަނީ.." މަޑުމަޑުން ދާމިންގެ ކޮނޑުގައި ޖަހައިލަމުން ޚާލިދު ބުނެލިއެވެ. އެމީހުން ބޮޑުކޮޓަރިތެރަށް ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި އިޒްރާ އިނެވެ. އެދެބަފައިން ފެނުމާއެކު އިންތަނުން ތެދުވަމުން އެމީހުންގެ ފަހަތުން އޭނާ ވެސް ހިނގައިގަތީ ގޭގެ ދޮރުން ނުކުންނާށެވެ.

ޚާލިދުގެ ދެމަފިރިން ގޭތެރަށް ވަދެގެން އައިތަން ފެނުމުން އެމީހުންގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި އިން ޒުހޭލް ހިނިއައިސްފައި އިންތަނުން ތެދުވިއެވެ. އަދި އަވަސް ހިނގުމެއްގައި އައިސް ޚާލިދާ ސަލާމް ކޮށްލަމުން ކުޑަކޮށް ބައްދައިލިއެވެ. އެތައް ދުވަހެއް ފަހުން އެކުވެރިޔާ ފެނުމުން އޭނާއަށް ލިބިފައިވީ ބަޔާންކުރަންދަތި އުފަލެކެވެ. ސޯފާއަށް އިޝާރާތްކޮށްލަމުން އެތަނުގައި އިނށީނުމަށް އޭނާ ބުންޏެވެ.

ސޯފާގައި އިނށީދެ ހަމަޖެހިލި ދާމިންއަށް ކުއްލި ހައިރާންކަމެއް ލިބުނީ ބަދިގެތެރެއިން ނުކުތް މެދުއުމުރުގެ އަންހެނެއްގެ ފަހަތުން ތަބަކެއްގައި ޖޫސްތަށިތަކެއް އަތުރައިގެންހުރެ ނުކުތް އަންހެންކުއްޖާ ފެނިފައެވެ. ލިބުނު ސިހުމުގައި އިންތަނުން އޭނާއަށް ނުތެދުވެވުނީ ކިރިޔާއެވެ. ޖޫސްތަބަށްގެނެސް އެމީހުންގެ މެދުގައި ހުރި ބިއްލޫރި މޭޒުމަތީގައި ބަހައްޓައިލަމުން ހިންދެމިލުމަށްފަހު އެއަންހެންކުއްޖާވެސް ކުރިއަށް ބަލައިލިއެވެ. އެވަގުތު ސީދާ އޭނާއާ ދިމާއަށް ބަލަން އިން ދާމިން ފެނިފައި އޭނާ ތެޅިގަތީ ބިރެއް ފެނުނު މީހަކުފަދައިންނެވެ. ޒުހޭލް އިންތަނުން ތެދުވަމުން އެކުއްޖާގެ އަތުގައި ހިފައިލުމަށްފަހު އޭނާއާ ގާތަށް ދަމައިލިއެވެ. އަދި ނިކަން ހިނިއައިސްފައި ޚާލިދާ ދިމާއަށް ބަލައިލިއެވެ.

"މީ އަހަރެންގެ ލޯބިވާ އަނބިމީހާ.. ލީމް.." ލީމްގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ އިތުރަށް ކައިރިކޮށްލަމުން ޒުހޭލް ބުނެލިއެވެ. އިވުނު ބަސްތަކުން ދާމިންއަށް ހީވީ އޭނާގެ ދެފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ލިބުނު ޝޮކުން ހިނދުކޮޅަކަށް ނޭވާލާންވެސް އޭނާ ހަނދާން ނެތުނު ފަދައެވެ. ލީމް.. ލީމްއަކީ ހަގީގަތުގައިވެސް އެހެން މީހެއްގެ ހައްގަކީހެއްޔެވެ؟ އޭނާއަށް ލޯބި މިވެވުނީ މީހެއްގެ އަނތްބެއްދެކެ ހެއްޔެވެ؟

* * * * *

ލަސްހިނގުމެއްގައި ސްކޫލްގެ ގޯތިތެރަށް ވަދެގެން އައި އާރިޒް ފެނިފައި ޒާމިން އަވަސްވެގަތީ އެދިމާއަށެވެ. އާރިޒްއަށް ވީ ގޮތެއް ނޭނގި އޭނާ ހުރީ ނުހަނު ހާސްވެފައެވެ. ޒިމާމް އާރިޒްގެ ވާހަކަ އެހުމުން ކޮންމެވެސް އެއްޗެކޭ ކިޔައި އޭނާ އެކަން ހަމަޖައްސައިލީއެވެ. އެހެނަސް އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް އޭނާއަށް ބެލުނީ އާރިޒްގެ ޚަބަރެއްނުވެ ލަސްވުމުންނެވެ.

"އާޒް.. ކޮންތާކުން ތިއައީ.. ނޭނގޭތަ އަހަރެން ކަންބޮޑުވާނެ ވަރެއް.. ކިހައި ވަރަކަށް އަހަރެންނަށް ގުޅިއްޖެ.. ކިހިނެއްތަ ވީ.. ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން އަހަންނަށް ޔަގީން.. ނުބުނެ ހުއްޓަކަސް ނޭނގޭނު.." ޒާމިންގެ އަޑު ކަންފަތުގައި ޖެހުމުން އާރިޒްގެ ހިނގުން މަޑުޖެހިލިއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅަކު ހުރުމަށްފަހު އިސްއުފުލައިލަމުން ޒާމިންގެ މޫނަށް އޭނާ ބަލައިލިއެވެ. އެއާއެކު ދެލޯބޮޑުކޮށްލަމުން އިހުނަށްވުރެ އާރިޒްއާ ގާތަށް ޒާމިން ޖެހިލީ ކަންބޮޑުވީވަރުންނެވެ.

"އާޒް.. ރޮއެފަތަ.. ލޮލަށް ކިހިނެއްވެފަ ތިހުރީ.. ހާދަ ބޮޑަކަށް ދުޅަވެފަ.."

"ޝީޒް ގޯން.. އޭނަ.. އޭނަ ގޮއްސި.." އާރިޒްގެ އަޑުގައިވެސް ހުރީ މަޑު ތުރުތުރެއް އުފެދިފައެވެ.

"ކާކު.. ކާކު ގޮސްގެންތަ އާޒް..." އެހިސާބަށް ބުނުމަށްފަހު އެއްޗެއް ވިސްނުނު މީހަކުފަދައިން ދެފަރާތަށް ބޯހޫރައިލަމުން ޒާމިން ހިންދިރުވައިލިއެވެ. އާރިޒް ބުނަން އުޅުނު އެއްޗެއް އޭނާ އަށް ވިސްނުނީއެވެ. ގަބޫލުނުކުރެވިފައި އޭނާއަށް އާރިޒްގެ މޫނަށް ބަލަން ހުރެވުނީއެވެ.

"އާޒް.. ލޯބިވާ ކުއްޖަކީ.. މެހެރީންތަ.." ޔަގީންކުރަން ބޭނުންވެފައި ހުރެ ޒާމިން އަހައިލިއެވެ. އިސްޖަހައިލި އާރިޒް މަޑުމަޑުން ބޯޖަހައިލީ ވާހަކަދައްކާނެހައިވަރު އޭނާ ގައިގައި ނެތުމުންނެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ޒާމިންއަށް ހުރެވުނީ ފައުޅުވި ހަގީގަތް ގަބޫލުކުރަން ދަތިވީވަރުންނެވެ. ފަހަރެއްގައިވެސް އާރިޒްއަށް ލޯބިވެވިގެން އުޅުނީ މެހެރީންދެކެ ކަމަށް އޭނާ ހިއެއްނުކުރެއެވެ. އެހައި ކުޑަ ދުވަސްކޮޅެއް ތެރޭގައި ރަނގަޅަށް ނުވެސް ދަންނަ ކުއްޖަކު އާރިޒްގެ ހިތާ ހަމައަށް ވާސިލް ވެދާނޭ ހީކުރާނީ ކާކު ހެއްޔެވެ. މިއަދު އާރިޒް ބުނި ބަސްތަކުގެ ފަހަތުގައި ފޮރުވިފައިވި މާނަ އޭނާއަށް ވިސްނިއްޖެއެވެ. އެހެނަސް ދެން ކުރާނެ ކަމެއް ނެތެވެ. ހަމްދަރުދީގެ ނަޒަރަކުން އާރިޒްއަށް ބަލަން ހުރުމަށްފަހު އޭނާގެ ކޮނޑުގައި ހިފައި ޒާމިން ފިތައިލީ ހިތްވަރުކުރާށޭ ބުނެލާފަދަ ގޮތަކަށެވެ. އެކުވެރިޔާއަށްޓަކައި ކޮށްދެވޭނެ ކަމެއް މިވަގުތު އޭނާގެ ސިކުނޑިއަކަށް ނައެވެ. ހިތަށް އުނދަގޫވެފައިވީ އެހެންވެއެވެ.

ރޭގަނޑުގެ އެއްދަން ދިޔަފަހުން ގެއަށް އައިސް ވަތް އާރިޒްގެ ކިބައިގައި އެއްވެސް ދިރުމެއް ނެތެވެ. އޭނާގެ ފަހަތުންކަހަލަ ގޮތަކަށް ވަތް ޒާމިން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ބަހެއްވެސް ނުބުނެ އާރިޒް ގޮސް ކޮޓަރިއަށް ވަނުމުން އިރުކޮޅަކު އެތަނުގައި ހުއްޓިގެން ހުރުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން ޒާމިން ވެސް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އާރިޒްއަށް ދިމާވިގޮތުން ޒާމިންއަށްވެސްވީ ނުހަނު އަސަރުކޮށްފައެވެ.

ކޮޓަރީގެ ދޮރު ލައްޕައިލަމުން ބޮކިތައް ދިއްލައިލިއެވެ. އެއާއެކު އަލިވެގެންދިޔަ ކޮޓަރީތެރަށް އާރިޒް ނަޒަރުހިންގައިލިއެވެ. އެއްފަރާތުގައިހުރި ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފިނިފެންމާ އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް އެ މާ އޮތްތަނުން ނަގަމުން ފުން ނަޒަރަކުން އޭގެއަށް އޭނާ ބަލައިލިއެވެ. އެބެލުގައިވީ ހިތްދަތިކަމެވެ. މާޔޫސްކަމެވެ. ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާރިޒްގެ ދެލޯ ފުރިގެންއައީ ހޫނު ކަރުނުންނެވެ. އަދިވެސް މެހެރީން ދިޔައީކަމަށް ގަބޫލުކުރަން އޭނާއަށް ދަތިވަނީއެވެ. މަޑުމަޑުން މާ ގެނެސް ތުންފަތުގައި ޖައްސައިލުމާއެކު އާރިޒްގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވިއެވެ. ހިތުގައި ލޯބީގެ ހުޅުކޮޅު ރޮއެކޮށްލުމަށްފަހު އެނގުމަކާވެސް ނުލާ ލޯބިވާ ދިޔާއީއެވެ. ކުޑަމިނުން އެންމެ ފަހު ފަހަރަށް ލޯބިވާގެ ސޫރަ ދުށުމުގެ ނަސީބުވެސް އޭނާއަށް ނުލިބުނެވެ. ދެލޯމަރައި ބާރުކޮށްލުމާއެކު ފިނިފެންމާ ތުންފަތާ ދުރުކޮށްލަމުން އޭގެއަށް އަނެއްކާވެސް އާރިޒްގެ ދެލޯ އަމާޒުކޮށްލިއެވެ. އެހިނދު އެމަލުގެ އެއްވެސް ބޭނުމެއް މިހާރު ނެތޭ އޭނާގެ ޟަމީރު ބުނެލިއެވެ. އެމަލަކީ އޭނާ މެހެރީންއަށް ދިނުމަށް ނުހަނު ލޯބިން ހޯދި އެއްޗެކެވެ. އެހެނަސް ދެކުނު އެ ހުވަފެންވެސް ބިލާހަކަށްވެ ނިމިދިޔައީއެވެ. މަޑުމަޑުން މުށުތެރޭގައި އޮތް މަލުގެ ފިޔަތަކަށް އާރިޒްއަށް ބާރުކޮށްލެވުނެވެ. އެއާއެކު އެނާޒުކު މަލުގެ ފިޔަތައް ފުނޑުފުނޑުވެގެން ތަށިމުށިތައް މައްޗަށް ފައިބަގަތެވެ. "ކީއްވެ މެހެރް.. ކީއްވެ އަހަންނަށް މިހެން މިވީ.. އަލަތު ލޯބީގެ ފޮނިމީރުކަން ރަނގަޅަށް އަރުގަނުލަނީސް އެލޯބި ގެއްލިއްޖެ.. އަހަންނަށް.. އަހަންނަށް ލޯބިވަމޭ ބުނުމުގެ ހައްގުވެސް ނެތީތަ.. މިހާ ލޯބިވާ އިރުވެސް މެހެރްއަށް ނޭނގުނީތަ.. ނޫނީ އަހަރެން މެހެރްއާ އެކަށީގެން ނުވަނީތަ.. އަންގާވެސްނުލާ ދިޔައީ ކީއްވެ.. ކުރިން މިހެންވާނެކަން އެނގުނުނަމަ.. އަހަރެން އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރީސް.. އަހަރެންގެ ހިތުގެ ހާލު މެހެރްއަށް ބުނެދިނީސް.." ފައިކައިރިއަށް ވެރުނު ފިޔަތަކަށް ބަލައިލި އާރިޒްގެ ހިތް ފުރިފައިވީ ޝަކުވާއިންނެވެ. ގޮތްހުސްވެފައިހުރި މީހަކުފަދައިން ހުރިދިމާލުގައި އޭނާއަށް އިނށީދެވުނީ އިތުރަށް ކޮޅަށް ހުންނާނެހައި ވަރު އެހަށީގައި ނެތުމުންނެވެ.

(ނުނިމޭ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!