ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ޖަވާބު ދޭން އަނގަ ހުޅުވައިލި ވަގުތު ޖީބުގައި އޮތް ފޯނު ރިންގުވިއެވެ. ސްކްރީނަށް އަރައިފައި އޮތް ޒައިނާގެ ނަމުން އެފޯނު ނަގަން ޒިދާނަށް މަޖުބޫރުވިއެވެ. ތާޝާ ގާތުގައި މަޑުކޮށްލާށް ބުނުމަށް ފަހު ޒިދާން ފޯނު ނަގައި 'ހަލޯ"އޭ ބުނެލިއެވެ. އެވަގުތު އެކޮޅުން ޒައިނާ ބުނި ވާހަކައިން ޒިދާންގެ މޫނު ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. މިމަންޒަރު ފެނުނު ތާޝާއަށް ވެސް ޒިދާނަށް ވީ ގޮތުން ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.

Ads by Hajj Corporation

" މިހާރު މިދަނީ..." އެހެންބުނުމަށް ފަހު ޒިދާން އަވަސް އަވަހަށް ފޯނު ބޭއްވިއެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި ހާސްކަމެވެ.

" ކިހިނެއްވީތަ..." ތާޝާ އެހިއެވެ. އެހެން ނަމަވެސް ޒިދާން ޖަވާބު ދިނުމެއް ނެތި ތާޝާގެ އަތުގައި ހިފައިގެން ގެންގޮސް ޖީނާމެން ކައިރީގައި ބެހެއްޓިއެވެ. ޒިދާންގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމުގެ ސަބަބުން ޖީނާއާއި އަނީކަށް ވެސް އިން ތަނުން ތެދުވެވުނެވެ.

" ސޮރީ ތާޝާ.. އަހަރެން ދާން ޖެހިއްޖެ... އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލު ކުރާނަން..." ޒިދާން ބުންޏެވެ.

" ޒިދާން ކިހިނެއްވީ އަނެއްކާ؟؟ ހުރިހާ ކަމެއް ރަނގަޅުތަ؟" ޖީނާ ސުވާލުކޮށްލިއެވެ.

" އިޓްސް ރާއިފް... އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ... ގޯ ހޯމް ސޭފް..." ތާޝާގެ ކޯތާފަތުގައި ފިރުމައިލުމަށް ފަހު ޒިދާން އަވަސް ހިނގުމެއްގައި ގޮސް އޭނާގެ ސައިކަލަށް އަރައި ނައްޓައިލިއެވެ. ޒިދާން ދުއްވަމުން ގޮސް ލޯ މައްޗަށް ގެއްލުމުން ތާޝާ ބަލައިލީ ޖީނާ އަށެވެ.

" ކާކު ރާއިފަކީ؟" ކަންބޮޑުވެފައި ހުރި ޖީނާއަށް ބަލައިލަމުން އަނީކް އަހައިލިއެވެ. ތާޝާ ވެސް ހުރީ އެ ސުވާލުގެ ޖަވާބު އެނގެން ބޭނުންވެފައެވެ.

" އެއީ ޒިދާންގެ އެންމެ ގާތް އެކުވެރިޔާ.... ޝާ.........." އެ ވަރަށް ބުނެފައި ޖީނާ ހުއްޓުނެވެ. އިތުރު ތަފްސީލެއް ދޭން އެ ވަގުތު މުހިންމު ކަމެއް ކަމަށް ޖީނާ ނުދެކުނެވެ.

" ހިނގާ ގެއަށް ދާން... ވަރަށް އަންއީޒީ ފީލް އެބަވޭ..." ޖީނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ލިބުނު ޚަބަރުން އޭނާގެ މުޅި ތަބީއަތު ގޯސްވެއްޖެއެވެ.

" ހޮސްޕިޓަލަށް ދާން ވާނެއްނު... ޒިދާން ނީޑްސް އަޒް.." ތާޝާ ބުންޏެވެ. ޒިދާންގެ މޫނުމަތިން އެ ވަގުތު ފެނުނު ހާސްކަމުގެ ސަބަބުން ތާޝާ ޒިދާންއަށް ޓަކައި ކަންބޮޑުވިއެވެ.

" ނޫން.. އަހަރެންނަށް ފެންނަނީ ގެއަށް ދާން.. ގެއަށް ގޮސް އިންޝާﷲ ޒިދާނަށް ގުޅާނީ..." ޖީނާ ބުންޏެވެ. ތާޝާ ހިތްހަމަނުޖެހުނު ނަމަވެސް އެކަމާ އެއްބަސްވިއެވެ.

*****

ޒިދާނަށް ހޮސްޕިޓަލަށް ވަދެވުނު އިރު އެމަރޖެންސީ ބައިގެ ދޮރުމަތީގައި މާދިހާއި ޒައިނާ ތިއްބެވެ. ޒައިނާއަށް ހުއްޓައިނުލާ ރޮވެމުން ދިޔައެވެ. މާދިހު ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ދެ ލޯ ވެސް ވަނީ ފެންކަޅިވެފައެވެ.

" ކިހިނެއް؟ ކުއްލިއަކަށް... " ޒިދާނަށް ސުވާލު ކުރަންވީ ގޮތެއް ވެސް ނޭނގުނެވެ. ޒިދާން ފެނުމާ އެކު ޒައިނާ ޒިދާން ގައިގައި ލައްވެލިއެވެ.

" އަހަރެން ނަމާދުކުރަންވެގެން ކޮޓަރިއަށް ވަންއިރު ވެސް ރާއިފް އޮތް އެނދުމަތީގަ ފޯނާ ކުޅެން.. ދޮންތަބެ ވެސް މިސްކިތަށް ދިޔައީ.. ނަމާދުކޮށްގެން ނިކުމެ ސައިހަދާ ނިމުނުތަނާ ދޮންތަބެ އައީ... ސައިބޯން ގޮވީމަ ވެސް ރާއިފް ނައިސްގެން ދޮންތަ ދިޔައީ ރާއިފަށް ގޮވަން.. ދިޔައިރު....." ޒައިނާއަށް ރޮވޭވަރުން ވާހަކަ ދައްކަން އުނދަގޫވިއެވެ.

" ދިޔައިރު ރާއިފް އޮތީ އަމިއްލައަށް އަތުގެ މައިނާރު ބުރިކޮށްލައިގެން... މުޅި އެނދުމަތީގަ ވެސް ހުސް ލޭ... ރާއިފްގެ ހެއެއް ވެސް ނެތް..." ރޮމުން ޒައިނާ ކިޔައިދިނެވެ. އެ ހިސާބުން ކެތްތެރިވެގެން ހުރި މާދިހަށް ވެސް ރޮވިއްޖެއެވެ. ޒިދާން މާދިހާ ކައިރިވެލަމުން މާދިހު ގައިގައި ބައްދައިލިއެވެ. ހުދު ޒިދާނަށް ވެސް ހިތަށް އަސަރު ކުރަމުން ދިޔައީ އިންތިހާއަށެވެ. ރާއިފްގެ ސަލާމަތަށް އެދި ޒިދާނަށް ހިތާހިތުން ދުޢާ ކުރެވެމުން ދިޔައެވެ.

" އަހަރެން އައުމުން ރާއިފް މިއަދު ހުރީ ވަރަށް އުފަލުން.. ކުއްލިއަކަށް އެވަރުގެ ބޮޑު ފިޔަވަޅެއް ރާއިފް އަޅަންވީ ސަބަބެއް ނޭނގޭ... " މާދިހަށް ބުނެވުނެވެ.

" ކެތްތެރިވޭ ދޮންތަބޭ.. ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ... " ޒިދާން ހިތްވަރު ދިނެވެ. އެވަގުތު އެމަރޖެންސީ ތެރެއިން ރާއިފާ ހަވާލުވެ ހުރި ޑޮކްޓަރު ނިކުތެވެ. މާދިހު ކުރިއަށް ޖެހިލައިފައި ރާއިފްގެ ހާލު އަހައިލިއެވެ. ޒިދާނާއި ޒައިނާ ވެސް ކައިރިއަށް ޖެހިލާ ޑޮކްޓަރު ބުނާ އެއްޗަކާ މެދު ސަމާލުވެވުނެވެ.

"ކަޓް ވަރަށް ފުންކޮށް އިނީ.. އެކަމަކު މިހާރު ލޭ މަނާ ކުރެވިއްޖެ.. ނަމަވެސް ރާއިފް ގައިން ވަރަށް ބޮޑަށް ލޭ މަދުވެފައި ވަނީ.. ވީހާވެސް އަވަހަކަށް ލޭ އަޅައިގެން ނޫނީ ފުރާނަ ސަލާމަތް ކުރެވޭނެ ހެނެއް ހިޔެއް ނުވޭ... މިވަގުތަށް ރާއިފްގެ ހާލު ވަރަށް ކްރިޓިކަލް.." ޑޮކްޓަރު ދިން ޖަވާބާ އެކު ޒައިނާއަށް ރޮއެ ގަނެވުނެވެ. ޒިދާން ޒައިނާ ގަޔާ ކައިރިކޮށްލިއިރު އޭނާއަށް ވެސް ރޮވިއްޖެއެވެ. އޭނާއަށް ރާއިފްގެ މައާފު ނުލިބެޔޭ ހިތަށް އެރުމުން މާބޮޑަށް ޒިދާންގެ ހިތުގައި ރިއްސައިލިއެވެ. މާދިހުގެ ގައިން ވަރުދޫވާން އުޅޭހެން ހީވި ވަގުތު މާދިހުގެ ގައިގައި ހިފަހައްޓައިލީ ޑޮކްޓަރެވެ. ނަމަވެސް ދެވަނަ ހިނދުގައި މާދިހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. ހެއްދެވި ފަރާތް މަތިން ހަނދުމަކޮށްލުމަށް ފަހު ކަރުނަތައް އެތެރެއަށް ހިންދައިލިއެވެ. އޭނާ ހިތްވަރު ދެރަކޮށްފި ނަމަ ކޮއްކޮ ސަލާމަތެއް ނުކުރެވޭނެއެވެ.

" ޒިދާން ދާންވީނު ޒައި ގެއަށް ލާން... އަހަރެން މިދަނީ ލޭގެ ކަންތައް ހަމަޖައްސަން..." ލޯ ފޮހެލަމުން މާދިހު ބުންޏެވެ.

" ނޫން.. އަހަރެން ބޭނުން މިތާ ހުންނަން" ގިސްލެވޭ ހާލު ޒައިނާ ބުންޏެވެ. އެއްބަނޑު އެއްބަފާ ނޫނަސް ރާއިފް ދެކެ އޭނާ ލޯބި ވަނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ.

" ކެތްތެރިވޭ ޒައި.. މާޒްއަށް ޓަކައި މިވަގުތު ގެއަށް ދާން އެބަޖެހޭ.. އާތިފައްތައަށް ވެސް އުނދަގޫ ވާނެއްނު.. މާޒްއަކީ ނުލާހިކު ސިޔާސަ ކުއްޖެއް.." މާދިހު އެ ދެއްކީ އެމީހުންގެ ހިތްހެޔޮ އަވަށްޓެރިއެއް ކަމަށްވާ އާތިފާގެ ވާހަކައެވެ. އެމީހުން އައީ މާޒް އާތިފާ ގާތުގައި ބަހައްޓައިފައެވެ.

" ތެދެއް ދޮންތާ... ހިނގާ ދާން.." ޒައިނާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޒިދާން ވެސް ބުންޏެވެ. އެންމެ ފަހުން ޒިދާނާއި މާދިހު ކުރުނުކުރުމުން ޒައިނާއަށް ޖެހުނީ އެއްބަސްވާށެވެ.

*****

" ޖީން އަޅެ ޒިދާނަށް ގުޅާބަލަ.." އެނދުމަތީގައި ބާލީސް އުނގުމައްޗަށް ލައިގެން އިން ތާޝާ ވާހަކަ ދެއްކީ ހަތިމު ހިފައިގެން ޤުރުއާން ކިޔަވަން އިން ޖީނާ އާއެވެ.

" ތާޝާ... ކެތްތެރިވެބަލަ. މިވަގުތު ޒިދާނަށް ގުޅުން އެހާ ރަނގަޅެއް ނުވާނެ... އެހެން ނޫނަސް އަހަރެން މެސެޖެއް ކޮށްލައިފިން ވަގުތެއް ވީމަ ޚަބަރެއް ވާށޭ ބުނެފަ... ޒިދާން ގުޅަންދެން އިނދެބަލަ..." ކިޔެވުން ހުއްޓައިލުމަށް ފަހު ތާޝާއަށް ޖަވާބު ދޭން ޖީނާއަށް މަޖުބޫރުވީ ތާޝާ ކިޔާވަރުންނެވެ.

" ތާޝާ ވެސް ނަމާދު ނުކުރެވުނަސް ފޯނުން ޤުރުއާން ކިޔެވޭނެއްނު...ޤުރުއާން ކިޔެވީމަ ހިތަށް ހަމަޖެހުން ވެސް ލިބޭނެ...  ޖީނާ ބުންޏެވެ. ތާޝާ ވެސް ހަމަޖެހެން މަސައްކަތް ކުރަމުން ފޯނުން ޤުރުއާން އެޕް ހުޅުވައިލައި ކިޔަވަން ފެށިއެވެ. ޖީނާ އިޝާ ނަމާދުކޮށް ނިމެންދެން ވެސް ތާޝާއަށް އިނދެވުނީ ޤުރުއާން ކިޔަވާށެވެ.

" ޖީން.. އަހަރެންގެ ހިތަށް އަރަނީ ޒިދާން ވަރަށް ލޯބިވާ ރަހުމަތްތެރިއަކަށޭ ރާއިފް ވާނީ... އެވަގުތު ޒިދާންގެ މޫނުމަތިން އަހަރެންނަށް ފެންނަމުން ދިޔައީ ވަރަށް ތަފާތު އިހުސާސްތަކެއް... ކިރިޔާ ނުރޮވި ހުރީ... " ޒިދާނަށް އެޙަބަރު ލިބުނު ވަގުތުކޮޅު ހަނދާންކޮށްލަމުން ތާޝާ ބުންޏެވެ.

" ރަނގަޅަށް ތިބުނީ.. ޒިދާނާއި ރާއިފް އެއީ ކުޑައިރުއްސުރެ ފެށިގެން ރަޙުމަތްތެރިން.. ވަކި ނުކެރެވޭނެ ފަދަ އެކަކު އަނެކަކު ދެކެ ލޯބިވާ ދެ ރަހުމަތްތެރިން... އެކަމަކު...." އެ ހިސާބަށް ބުނުމަށް ފަހު ޖީނާ މަޑުޖެހުނެވެ. ބުނެވެން އުޅުނީ ތާޝާގެ ގާތުގައި ބުނަން ބޭނުން ނުވާ ވާހަކައެކެވެ. ނަސީބު ދިމާކުރި ގޮތުން ތާޝާ ވެސް އިތުރަށް އެ ވާހަކައެއް ނޭހިއެވެ. ތާޝާ ހީކުރީ ޖީނާ ބުނަން އުޅުނީ ރާއިފް އަމިއްލައަށް މަރުވަން އުޅުނު ވާހަކަ ކަމަށެވެ.

" އެހެންވިއްޔާ ރާއިފް އަހަންނަށް ވެސް އެނގޭނެ ދޯ.. " ތާޝާ ވަރަށް ވިސްނަން އިނދެފައި ސުވާލުކޮށްލިއެވެ. ޖީނާ ބޯޖަހައިލިއެވެ. އެވަގުތު ޖީނާގެ ހިތަށް އައިސް ވަނީ ޝާނާގެ ނަމެވެ. ޝާނާ މިހާރު ވެސް ރާއިފް މަތިން ހަނދާން ހުންނާނެބާއޭ ހިތަށް އެރިއެވެ. ހިމޭން ކަމުގެ ވަގުތު ކޮޅަކަށް ފަހު އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ ތާޝާއެވެ.

" މިއަދު ޝާމިންބެ އައި ޖީން ހޯދަން..." ކުއްލިއަކަށް ހަނދާންވެގެން ބުނާ ފަދަ ގޮތަކަށް ތާޝާ ބުންޏެވެ.

" އެހެންތަ.. ކީއްކުރަން؟ އެހެންޏާ ވަރަށް ނާންނާނެ ހޯދަން.. ފޯނަށް ގުޅާނީ ކަމަކު ކިޔަންވިޔަސް..." ޖީނާ ބުންޏެވެ.

" ޖީން... އަހަރެން ވާހަކައެއް ބުނަންތަ.... " ތާޝާ އަހައިލިއެވެ.

" އަހަރެންނަށް ޝާމިންބެ ވަރަށް ވިއަރޑް... " ތާޝާ ބުންޏެވެ.

" އެއީ ކީއްވެ؟ " ނިތަށް ރޫ އަރުވައިލަމުން ޖީނާ އަހައިލިއެވެ.

" ނޭނގެ.. އެކަމަކު އަހަރެންނަށް ވަރަށް އުނދަގު ޝާމިންބެއާ ވާހަކަ ދައްކަން... ޖީން ބުނީމެއްނު ޝާނާ ދޮންތަ ވަރަށް ކެއަރލެސްއޭ ޝާމިންބެއާ ދޭތެރޭގަ... އެކަމަކު އަހަރެންނަށް އެކަހަލަ ގޮތެއް ހީނުވަނީ ކީއްވެ؟" ތާޝާ ބުނަން ބޭނުންވި ގޮތަށް ޖީނާއަށް ކިޔައެއް ނުދެވުނެވެ.

" ތާޝާ ތި ދައްކަނީ ކޮން ވާހަކައެއް.. ތިބުނަން އުޅޭ އެއްޗެއް ރީތިކޮށް ބުނެބަލަ.. ޝާމިންބެ ތާޝާއަށް އުނދަގުލެއް ކުރީތަ.." ޖީނާ އޭނާއަށް ހީވާ ހީވުމަށް އަހައިލިއެވެ. ތާޝާ އޭނާއާއި ޝާމިންއާ މެދު ހިނގާފައިވާ ކަންތައްތައް ޖީނާއަށް ކިޔައިދިނެވެ.

" ވެދާނެ ތީ ތާޝާއަށް ހީވާގޮތް ކަމަށް ވެސް... ހީނުވޭ ޝާމިންބެގެ ނުބައި ނިޔަތެއް އޮންނާނެހެން..." ޖީނާ އޭނާއަށް ހީވާގޮތް ހާމަކުރިއެވެ. އެހެނަސް އެހިތުގައި ޝާމިންއާ މެދުގައި ކޮންމެވެސް ވަރަކަށް ޝައްކުތަކެއް އުފެދިއްޖެއެވެ.

" ވެދާނެ... އެކަމަކު ބުނަންތަ.. ވެދާނެއްނު ޝާނާ ދޮންތަ ޝާމިންބެއާ މެދު އެހާ ފަރުވާ ކުޑަ ވަނީ ސަބަބެއް އޮވެގެން ކަމަށް ވެސް... ޖީނާ އެކަމާ ގުޅޭގޮތުން ޝާނާ ދޮންތައާ ވާހަކަ ދައްކަން މަސައްކަތް ކުރިންތަ؟" ތާޝާ އަހައިލިއެވެ.

" ޝާނާ ދޮންތައާ ވާހަކަ ދެއްކުމަކީ ފަސޭހަކަމެއް ނޫން.. ބިލީވް މީ... ކިރިޔާ ބަހެއް ބުންޏަސް ރުޅިއައިސް ރަތްވެފަ އަބަދު ހުންނާނީ" ޖީނާ ބުންޏެވެ.

" އަޅެ އަހަރެން ބުނީތީ ވެސް ޝާނާ ދޮންތައާ ވާހަކަދައްކަން މަސައްކަތް ކޮށްބަލަ.. ޝާނާ ދޮންތަ ކިތަންމެ ރުޅިގަދަ ނަމަވެސް އަހަރެންނަށް ޝާނާދޮންތަގެ ދެލޮލުން ފެންނަނީ އެކަނިވެރިކަން... އަހަރެންނަށް ފެންނަނީ ޖީން ޝާނާދޮންތައާ ވާހަކަ ދައްކައިލަން... " ތާޝާ ބުންޏެވެ. ތާޝާ ދެއްކި ވާހަކަ ޖީނާ ޤަބޫލުކުރިއެވެ. އެބަ އަންނަމޭ ބުނުމަށް ފަހު އޭނާ ހިނގައިގަތީ ޝާނާގެ ކޮޓަރިއަށް ދިއުމަށެވެ.

ދެފަހަރަކު ޓަކި ޖަހައިލުމަށް ފަހު ދޮރު ހުޅުވައިލިއެވެ. ކޮޓަރީގެ އޭސީގެ ފިނިގަދަ ކަމުން ޖީނާގެ ގައިން ހީބިހަ ނަގައިގެން ދިޔައެވެ. ރަޖާ ވެސް ނަގައިގެން އެނދުމަތީގައި ޓީވީ ބަލަން އޮތް ޝާނާއަށް މާބޮޑު ފިންޏެއް ވާހެން ހިޔެއް ނުވެއެވެ. ކޮޓަރިއަށް ވަދެގެން އަންނަ ޖީނާ ފެނުމުން ޝާނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ. މަދުން ނޫނީ ނުފެންނަ މަންޒަރަކަށް ވީމައެވެ. ޖީނާ ޝާނާގެ އެނދުގެ މަގަތުގައި އިށީނެވެ.

" ކޮންކަމަކު ކިޔަންވެގެން ތިއައީ؟" ޝާނާގެ އަޑުގައިވަނީ ރުންކުރު ކަމެވެ.

" ދޮންތަގެ ހާލު ކިހިނެއް މިހާރު... ބޯ އަނބުރާތަ އަދިވެސް" ޖީނާ ހިތްހެޔޮކަމާ އެކު އަހައިލިއެވެ.

" އައްދޭ!! މިއަދު ކޮންކޮޅަކުން އިރުއަރައިގެން އުޅޭ ދުވަހެއްތަ... ނޫނީ ހުވަފެނެއްތަ މި ފެންނަނީ.." މަލާމާތުގެ ރާގެއްގައި ޝާނާ ބުންޏެވެ.

" ދޮންތާ، ﷲއަށް ޓަކައި... ރީއްޗަށް ވާހަކަ ދައްކަފާނަންތަ.." ޖީނާއަށް އުނދަގޫވެގެން ބުންޏެވެ. ޝާނާއާ ވާހަކަ ދައްކަން އުނދަގޫވަނީ ވެސް ޝާނާގެ ފަރާތުން އެކަހަލަ ނުސީދާ މަލާމާތުގެ ބަސްތައް އަމާޒުވާތީއެވެ.

" އަހަރެން ފެންނާނީ އަބަދުވެސް ކަމަކު ޖެހުނީމަ.. އަހަރެން ރަނގަޅު... ދެން ބުނެބަލަ ކީއްކުރަންތަ ތިއައީ؟" ޝާނާ އަނެއްކާ ވެސް އަހައިލިއެވެ.

" މިއައީ ދޮންތަގެ ހާލު ބަލައިލަންވެގެން ހަމަ.. ކޮބާ ޝާމިންބެ؟ " ޖީނާ ސުވާލުކޮށްލިއެވެ. އެވަގުތު ޖީނާ ވަރަށް ފަރުވާތެރިކަމާ އެކު ޝާނާގެ މޫނަށް ބަލަހައްޓައިގެން އިނީ އެ މޫނުމަތިން ކަމެއް ދެނެގެންނާން މަސައްކަތް ކުރާ ފަދައަކުންނެވެ.

" ނޭނގެ މަށަކަށް.. މަގޭ ކައިރީ ބުނެފައެއްނޫން ދިޔަ ތާކަށް ދިޔައީ.." ޝާމިންގެ ވާހަކަ އެހުންވީ ޝާނާ އިތުރަށް ހިތްހަމަނުޖެހުނު ކަމަކަށެވެ.

" ދޮންތާ... ޝާމިންބެ އާ ދޮންތަގެ ގުޅުން ރަނގަޅުތަ؟" ޖީނާ ކޮށްލި ސުވާލުން ޝާނާއަށް ޓީވީން ނަޒަރު ވަކިކޮށް ޖީނާއާ ދިމާލަށް ބަލައިލެވުނެވެ. ޖީނާގެ މޫނުމަތިން ޝާނާއަށް ފެނުނީ އޯގާތެރިކަމެވެ. ޝާމިންގެ ވާހަކަ ޖީނާއަށް ކިޔައިދޭންވީއޭ ހިނދުކޮޅަކަށް ޝާނާގެ ހިތަށް އެރި ނަމަވެސް ފަހުން އެ ޚިޔާލު ދޫކޮށްލިއެވެ.

" ކީއްވެ ތިހެން ތި އެހީ.. ޝާމިން ވަރުގެ ލޯބިވާ ފިރިއަކު މީހަކަށް ލިބޭނީ.." އަނެއްކާ ވެސް ޓީވިއަށް ނަޒަރު ހުއްޓައިލަމުން ޝާނާ ބުންޏެވެ. އެހެން ބުނި ވަގުތު ޝާނާގެ ހިތަށް އިންތިހާއަށް އަސަރު ކުރި ނަމަވެސް މޫނުމަތިން އެކަން ނުދައްކައިވޭތޯ މަސައްކަތް ކުރިއެވެ.

" ހަމަ ތެދަށްތަ ތިބުނީ.. ދޮންތަގެ މޫނުމަތިން ހީވަނީ މުޅިން އެހެން ގޮތެއްހެން..." ޖީނާ ބުންޏެވެ. ވަގުތުން ޝާނާގެ މޫނަށް ވެރިވީ ރުޅީގެ އަސަރުތަކެވެ.

" ޖީނާ ކީކޭ ކިޔަންވެގެންތަ ތިއުޅެނީ.. ޒުވާބު ކުރާކަށް މި ވަގުތު އަހަރެންގެ މޫޑެއް ނެތް.... މި ތަނުން ދޭބަލަ ޕްލީޒް..." ޝާނާ ރުޅި އައިސްފައި ބުންޏެވެ. ޖީނާ ދެ ފަރާތަކަށް ބޯ ހޫރައިލީ ޝާނާގެ ބޯހަރުކަމާ މެދު ވިސްނައިލައިފައެވެ. އިން ތަނުން ތެދުވެގެން ހިނގައިގަނެފައި ވެސް ޖީނާ ހުއްޓުނެވެ.

" ދޮންތަ ރާއިފް މަތިން ހަނދާން އެބަހުރިތަ؟" ކުއްލިއަކަށް އެނބުރިލައިފައި ޖީނާ ކޮށްލި ސުވާލާ އެކު ޝާނާއަށް ލިބުނީ ސިހުމެކެވެ. ޖީނާ ކުއްލިއަކަށް ރާއިފްގެ ވާހަކަ އެހީ ކީއްވެގެންބާއޭ ހިތަށް އެރިއެވެ.

" ރާއިފް މިއަދު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގަ އޮތީ.. އައި ނޯ ޔޫ ޑޯންޓް ކެއަރ.. އެކަމަކު ހަމަ ބުނެލީ..." ޖީނާ ބުނި ވާހަކައިން ޝާނާއަށް ހީވީ އޭނާގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ޖީނާ ކޮޓަރިން ނިކުމެގެން ދިޔައިރު ވެސް ޝާނާއަށް ބަހެއް ނުބުނެވުނެވެ.

" ރާއިފް އަމިއްލައަށް މަސައްކަތް ކުރަންވީ ކީއްވެ؟ އަހަރެންގެ ސަބަބުންތަ؟ ޖީނާއަށް އެނގުނީ ކިހިނެއް؟ ރާއިފް.. ރާއިފް... އޭނާގެ ހާލު ރަނގަޅުވާނެތަ؟ ޕްލީޒް ގޯޑް ނޯ... އިރާދަކުރެއްވިއްޔާ ރާއިފަށް ދެރަ ގޮތެއް ނުވާނެ... އަހަރެން ބޭނުން ރާއިފްގެ ގާތުން މައާފަށް އެދެން.. އަހަރެން ބޭނުން ރާއިފަށް ހަޤީގަތް ކިޔައިދޭން..." ޝާނާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު ލޮލުން ކަރުނަ ފައިބާން ފެށީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ޓީވީ ބަލާ ހިތްކެނޑި ވަގުތުން ޓީވީ ވެސް ނިއްވައިލެވުނެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ ރާއިފްގެ ރައްކާތެރިކަމަށް އެދިއެވެ.

*****

ހޮސްޕިޓަލުން ރާއިފްގެ ބުލަޑް ގުރޫޕްގެ ލޭ ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ރާއިފް ގައިގައި ހުންނަނީ އޯ ނެގެޓިވް ލެއަށް ވެފައި އެ ގުރޫޕްގެ ލެއަކީ ހޯދަން އުނދަގޫ ލެއަކަށް ވުމުން އެތައް އިރެއް ފާއިތުވެގެން ދިޔައިރު ވެސް ލޭ ލިބޭގޮތެއް ނުވިއެވެ. މާދިހުއާއި ޒިދާން ގޮތް ހުސްވެފައި ތިއްބައި ޑޮކްޓަރުން ދިން ޚަބަރަކުން މާދިހުގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މާދިހު ގައިގައި ހިފަހައްޓައިލި ޒިދާންގެ ލޮލުން ވެސް ކަރުނަތައް ފައިބަން ފެށީ ހިފެހެއްޓުމެއް ނެތިއެވެ.

" މާބޮޑަށް ހާލު ދަށްވެ ލޭލިބުން ލަސްވުމުގެ ސަބަބުން ރާއިފް ކޯމާއަކަށް ގޮސްފި... " ޑޮކްޓަރު އެހެން ބުނިއިރު ޚުދު ޑޮކްޓަރުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނާއުއްމީދެވެ. ޑޮކްޓަރު ދިއުމުން ޒިދާން މާދިހު ގޮނޑިއެއްގައި ބޭންދިއެވެ.

" ހިތްވަރުކުރޭ ދޮންތަބޭ... ﷲ އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ... ދުޢާއަކީ މުއުމިނުންގެ އެންމެ ބޮޑު ހަތިޔާރު.. ހިނގާ ދާން އަހަންނާ އެކު މިސްކިތަށް... " ޒިދާން ނަސޭހަތްތެރިވިއެވެ. މާދިހު ވެސް ހިތްވަރުކޮށްލައިފައި އިންތަނުން ތެދުވިއެވެ. އަޅުތަކުންގެ ހާލު އެންމެ ބޮޑަށް ދެނެވޮޑިގެން ވާނީ ގަދަ ކީރިތިވަންތަ މާތް ﷲއެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ބަލިތަކަށް ޝިފާދެއްވާ އެއްކައުވަންތަ އިލާހެވެ. ޒިދާން ޒައިނާއަށް ގުޅައިފައި އެ ޚަބަރު ދިނުމުން ޒައިނާ ވަރަށް ރުޔެވެ. އެހެން ނަމަވެސް ﷲ ގެ ރަހުމަތުން އުއްމީދު ކަނޑައިނުލާން ޒައިނާ ނަސޭހަތްތެރިވިއެވެ. ޒައިނާގެ އެދުމުގެ މަތިން ޑޮކްޓަރުންގެ ގާތުން ހުއްދަ ހޯދުމަށް ފަހު ޒިދާންގެ ފޯނުން ޤުރުއާން ޖެހުމަށް ފަހު ރާއިފް އޮތް އެނދުގައި ބޭއްވިއެވެ. އެއަށްފަހު މާދިހު ގޮވައިގެން މިސްރާބު ޖެހީ މިސްކިތަށް ދިއުމަށެވެ.

*****

" ޒިދާންގެ ފޯނު ނިއްވައިލާފަ އޮތީ.. " ކަންފަތާ ފޯނު ދުރުކޮށްލަމުން ޖީނާ ބުންޏެވެ. ތާޝާގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެވެ.

" ވެދާނެ ޒިދާންގެ ފޯނު ނިވުނީ ކަމަށް ވެސް.. ދެން އެކަމާ އެ ވަރަށް ނުވިސްނާ ހިނގާބަލަ ނިދަން.." އެނދުގައި އޮށޯންނަމުން ޖީނާ ބުންޏެވެ. ތާޝާ ވެސް ދެ ބަހެއް ނެތި އޮށޯވެ ގައިމަތީގައި ރަޖާ އަޅައިލިއެވެ. މާގިނައިރުތަކެއް ނުވެ ޖީނާއަށް ނިދިއްޖެއެވެ. އެހެން ނަމަވެސް އޮވެއޮވެ ވެސް ތާޝާއަށް ނިދޭގޮތެއް ނުވިއެވެ. އޭނާއަށް އުނދަގޫ ކުރަމުން ދިޔައީ ޒިދާންގެ ހަނދާންތަކެވެ.

ތާޝާ އޮތް ތަނުން ތެދުވީ ފާޑުފާޑުގެ ނުބައި ޚިޔާލުތައް އޭނާއަށް އުނދަގޫކުރާވަރުންނެވެ. ބޭނުންވީ ތާޒާ ވައިކޮޅެއް ލިބުމަށެވެ. ޖީނާއަށް ގޮވަން ހިތަށް އަރައިފައި ވެސް އެ ޚިޔާލު ދޫކޮށްލީ ޖީނާ ހެނދުނު ސުކޫލަށް ދާން ޖެހޭކަން ހަނދާންވެފައެވެ. އޮތް ތަނުން ތެދުވެގެން ތާޝާ ހިނގައިގަތެވެ. ކޮޓަރިން ނިކުމެގެން ގޮސް ގޭގެ ބޮޑު ދޮރު ހުޅުވައިލުމާ އެކު އެންމެ ފުރަތަމަ ވެސް މޫނުގައި ބީހިލީ ތާޒާ ވައިރޯޅިއެކެވެ. ހަށިފުރާ ނޭވައެއް ލެވުނީ ބަގީޗާގައި އިންދައިފައިވާ އެކި ވައްތަރުގެ މާތަކުގެ މީރުވަހުންނެވެ. އެވަގުތު ތާޝާގެ ޚިޔާލުތަކުގައި ރަސްކަން ކުރަން ފެށީ ޒިދާނެވެ. ޒިދާންގެ އެކިއެކި ޚިޔާލުތަކުގައި ބަގީޗާގައި ދެފަރާތް ދެފަރާތަށް ހިނގަމުން ދިޔައިރު އެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. މިއަދު ޒިދާން އޭނާއާ ދިމާލަށް ބަލަން ހުރިގޮތް ހިތަށް އައިސް ވަނުމާ އެކު ލަދުވެތިކަމެއް އިހުސާސްކުރެވުނެވެ. ހަނދާން ނުވިޔަސް އޭނާއަށް ޒިދާނާ އެކު ހޭދަކުރެވިފައި ވާނީ އުފާވެރި ދުވަސްތަކެއް ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ފަހަތުން އިވުނު އަޑުން ތާޝާ ހުއްޓުން އެރިއެވެ. މުޅިން ގައިން ހީބިހި ނަގައިގެން ގޮސް ، މޫނު ހުދު ކަފަކޮޅަކަށް ވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފިރިހެން ބަރު އަޑަކުން އޭނާގެ ނަމުން ގޮވައިލުން އެއީ އޭނާއަށް ހީވިހީވުމެއް ނޫންކަން ޔަގީނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ތާޝާ މަޑުމަޑުން ފަހަތް ބަލައިލިއެވެ. އެ ވަގުތު ސިހުނު ވަރުން ތާޝާގެ ދެލޯ ބޮޑުވެ މީހާ ގައިގައި ރޫރު އަޅައިގަތެވެ. ކުރިމަތީގައި ފެންނަން އެހެރީ އޭނާއާށް ފެންނަ ބިރުވެރި މީހާއެވެ. ހުރިތަނުން ގުޑިލާން ވެސް ނުކެރިފައި ހުއްޓާ އެމީހާ ތާޝާއާ ދިމާލަށް އަންނަން ފެށިއެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން ދުއްވައިގަންނަން އުޅުނު ވަގުތު ހުޝިޔާރުކަމާ އެކު އެމީހަކު އައިސް ފުރަގަހުން ތާޝާގެ މެދުހަށީގައި ބެއްދިއެވެ. ތާޝާ ހަޅޭއްލަވައިގަންނަން އަނގަހުޅުވާލުމާ އެކު ފޮތިގަނޑަކުން ތާޝާގެ އަނގަ ބަންދުކޮށްލިއެވެ. އެހިނދު ތާޝާގެ ޚަބަރުހުސްވެ އެމީހާގެ އަތްމައްޗަށް ދެމުނެވެ.

Ads by Ooredoo
  1. ގާހަކަ

    ނަވާރަ ވަނަ ބައި އަވަހަށް އަޕު ކޮއްދީ ޕުލީޒް