ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
" މަންމ......." ޖީނާއަށް ރަނގަޅަށް އެއްޗެއް ނުބުނެވެނީސް އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ ހޫނު އެތިފަހަރެކެވެ. ޖީނާއަށް ކޯތާފަތްމަތީގައި އަތް އަޅައިލެވުނީ ވީތަދުންނެވެ. އަންފޫޒާއާ ދިމާއަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލުމާ އެކު އަނެއްކާ ވެސް އަންފޫޒާގެ އަތުގެ ހޫނުކަން ޖީނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ.
" ތަދުވޭ މަންމާ.." ޖީނާއަށް ރޮވުނީ ވީ ތަދުންނެވެ. އެހެން ނަމަވެސް މިވަގުތު އަންފޫޒާގެ މޫނުމަތިން ޖީނާއަށް ޓަކައި ކުޑަވެސް ރަހުމެއް ފެންނާކަށް ނެތެވެ.
" ކިހާ ވަރަކަށް އަހަރެން ޖީނާ ކައިރީގައި ބުނީ ތާޝާގެ މާޒީ އޭނައަށް ހަނދާންކޮށްދޭން ނޫޅޭށޭ.. ކިހާވަރަކަށް ބުނީ؟" އަންފޫޒާގެ އަޑު ބާރެވެ. ޖީނާ އަންފޫޒާއަށް ބަލައިލީ ހައިރާންވެ ހުރެއެވެ. އަންފޫޒާއަށް އެ ވާހަކަތައް ކިޔައިދިނީ ތާޝާ ހެއްޔެވެ؟ ނޫނީ އަނީކް ހެއްޔެވެ؟ ޖީނާއަށް ބޮޑަށް ބެލެވުނީ އަނީކް އެ ވާހަކަތައް އަންފޫޒާއަށް ކިޔައިދިން ކަމަށެވެ. އަނީކް އޭނާއާ އެކު އެވަރުގެ ބޮޑު ކުޅިގަނޑެއް ކުޅުނުއިރު ކިރިޔާ ވެސް އެނގުމެއް ނުވީތީ ދެރަވިއެވެ. އަންފޫޒާއަށް ހަޤީގަތް އެނގުނަސް ޖީނާ އެކަމާ ދެރައެއް ނުވެއެވެ. އޭނާ ކަންތައް ކުރީ އެންމެ ރަނގަޅަށްކަން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ. އެހެނަސް އޭނާ ދެރަ ވަނީ މީގެ ކުރިން އޭނާ ގައިގައި ދުވަހަކު ވެސް ނުރުހުމުގެ ގޮތުން އިނގިލީ ކުރި ވެސް ޖައްސައިލައިފައި ވެސް ނުވާ އޭނާގެ މަންމަ އޭނާއަށް އަތް އިސްކުރީތީއެވެ. އެންމެ ފުރަތަމަ ވެސް އަންފޫޒާ އެ ގޮތަށް ޖީނާ ގައިގައި ޖެހީ އަނީކްގެ ސަބަބުންނެވެ. މި ފަހަރު ވެސް އަނީކެވެ. އެވަގުތު ޖީނާ އަނީކް ދެކެ އިންތިހާއަށް ރުޅިއައެވެ.
" މަންމަ އެވަރުގެ ކަމަކާތަ އަހަރެންގެ ގައިގައި ތި ޖެހީ؟ މީގެ ކުރިން ދުވަހަކު ވެސް މަންމަ އަހަރެންގެ ގައިގައި ޖަހައިފައެއް ނެތް... ތީ ދަރިންގެ ގައިގައި ތަޅާ މަންމައެއް ނޫން.. އެކަމަކު މިހާރު... މަންމަ އަހަރެންގެ ގައިގައި ތިޖެހީ ދެވަނަ ފަހަރަށް... އެ ވެސް މާ ދުރު މީހަކު ބުނި ބުނުމަކަށް؟..ކީއްވެ މަންމައަށް ތިހާ ބޮޑު ބަދަލެއް އައީ..؟ މަންމައަށް އަހަރެންނަށް ވުރެ ބޮޑަށް މުހިންމީ އެހެން މީހުންތަ؟ ކީއްވެ އަހަރެން ދައްކާ ވާހަކަ އަޑު ނާހާ އެހެންމީހުން ދައްކާ ވާހަކަ އަޑު އަހަނީ؟ ކީއްވެ އަހަރެންނަށް އިތުބާރު ނުކޮށް އެހެން މީހުންނަށް އިތުބާރު ކުރަނީ؟ " އަންފޫޒާގެ ކުރިމަތީގައި ޖީނާ ޝަކުވާތައް އޮއްސައިލިއެވެ.
" އަހަރެން މިގޮތަށް ކަންތައް މިކުރަނީ އަހަރެންގެ ދެ ދަރިންނަށް ޓަކައި.. އަހަރެންގެ ފިރިމީހާ މި ދުނިޔެއާ ވަކިވީ ކަލޭމެން ނުލާހިކު ކުޑައިރު.. އެކަމަކު އެ ދުވަހުން ފެށިގެން އަހަރެމެންނަށް ހާލެއް ޖެހުނަ ނުދީ ކަލޭމެންނަށް ހަރަދުކޮށް އަންނައުނު ދީ، ބޯހިޔާވަހިކަމެއް ދިނީ އަންސޫދާއާއި ދާނިޔާލް.. އޭގެ އިތުރުން ކަލޭމެން ދުލުން ބުނި ކޮންމެ އެއްޗެއް ކަލޭމެންނަށް ހޯދައިދިނީ އެ ދެ މަފިރިން... އެމީހުން އަހަރެންނަށް ކޮށްދިން ކަންތައްތަކުގެ އަގު އަދާ ކޮށްދޭނެ ގޮތެއް ވެސް އަހަރެންނަކަށް ނޭނގެ.. އަހަރެންނަށް އެމީހުންނަށް ކޮށްދެވޭނެ ކަމެއް ނެތްކަން އެނގޭއިރު ވެސް ދުވަހަކު ވެސް އެމީހުން އަހަރެންނަށް އެކަން އިހުސާސްވިޔަކަ ނުދޭ.. އެމީހުންގެ ހިތުގައި އަހަރެންނަށް ޓަކައި ވަނީ މަތިވެރި އިއްޒަތަކާ ޤަދަރެއް.. އެކަމަކު މިއަދު އެކަން މުޅިން ބަދަލުވެއްޖެ.. އެމީހުން އަހަރެންނަށް ކުރަމުން އައި އިހުތިރާމާއި ދިން އިއްޒަތް ކަލޭގެ ސަބަބުން ވެއްޔާ މޮޑެވިއްޖެ.. އެމީހުންގެ ކުރިމަތީ އަހަރެން ލަދުން ހަލާކުވެއްޖެ... ހަމަ ކަލޭގެ ސަބަބުން..." ޖީނާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އަންފޫޒާ ބުންޏެވެ. ޖީނާ ވަކި އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. އެ ވަގުތު ވެސް ހުއްޓުމެއް ނެތި ޖީނާގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
" އަހަރެން ހީކުރީ ތީ އަހަރެންގެ އެންމެ ވިސްނޭ ކުއްޖާ ކަމަށް.. ޝާނާއަށް ވުރެ ވެސް ބޮޑަށް އަހަރެން އިތުބާރުކުރީ ކަލެއަށް.. އެކަމަކު މިއަދު ކަލޭތީ އަހަރެންގެ ބަރުބާދީގެ އަސްލަކަށް ވެއްޖެ.. ޝުކުރު ކުރޭ އެމީހުން އަހަރެމެން މިގެއިން ނެރެނުލީތީ.. ނެރެލައިފި ނަމަ އަހަރެމެން ގޮސް ވަންނާނީ ކޮންތާކަށް... " އަންފޫޒާގެ އަޑު މަޑެއް ނުވިއެވެ.
" މަންމާ! ﷲ ތަޢާލާ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. އަބަދު ވެސް ކަންކަމުގަ ވަކީލު ކުރަން ޖެހޭނެ ފަރާތަކީ އެއީ.. ޤަބޫލުކުރަން ކުޑަބައްޕަމެން އަހަރުމެންނަށް އެތައް ކަމެއް ކޮށްދިންކަން.. އެކަމަކު އެމީހުން ކިތަންމެ ގޯސްކަމެއް ކުރިއަސް އެކަމާ އެއްޗެއް ނުބުނެ، އެމީހުންނަށް ވިސްނައިނުދީ ހުރުމަކީ އަހަރުމެންނަށް ހެދޭ ބޮޑު ގޯހެއް... އަދި އެއީ އެމީހުން އަހަރުމެންނާ މެދު ބޭނުން ގޮތަކަށް ކަންތައް ކުރެވޭނެ ސަބަބެއް ވެސް ނޫން.. އަދި އެމީހުން އެޅިހާ ބަތަކަށް ރިހަ ވެގެން ހުރުމަކީ އަހަރުމެންގެ ފިނޑިކަން... ތާޝާއަށް ހަޤީގަތް އެނގެން ޖެހޭ.. އެއީ އޭނާގެ ހައްޤެއް... އަހަރެން ކަންތައް ކުރީ އަހަރެންނަަށް ފެންނަ އެންމެ ރަނގަޅަކަށް.. ތެދަށް ބުނަންޏާ އަހަރެންނަށް ކުރެވުނު ކަންތަކާ އަހަރެން ދެރައެއް ނުވޭ.. ދެރަ ވަނީ އަހަރެންގެ މަންމަގެ ވިސްނުން ހުރި ގޮތުން..." ޖީނާ ޖުމްލަތައް ވީ އަންފޫޒާ އިތުރަށް ރުޅިގަދަކުރުވި ކަމަކަށެވެ. އެހިނދު އަނެއްކާ ވެސް ޖީނާއާ ދިމާލަށް އަތް މަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޖީނާ ސިއްސައިގެން ދިޔުމާ އެކު ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.
" މިހާރު އަހަރެންގެ ކުރިމަތީގަ ޖަދަލު ވެސް ކުރަން ފެށީތަ؟ ޒިދާން ކަލެއަށް ކޯއްޗެއް ކިޔަވައިދީގެންތަ ތި އުޅެނީ؟ " އަތްތިރިކޮށްލަމުން އަންފޫޒާ އަހައިލީ ރުޅިގަނޑު މައިތިރިކުރަން މަސައްކަތް ކުރަމުންނެވެ.
" ކޮންމެ މީހަކު ކީއްވެތަ ޒިދާން ކުށްވެރި ކުރަނީ؟ އޭނަ އަހަރުމެންނަށް ކޮން ގެއްލުމެއްތަ ދިނީ؟ ކޮންމެ މީހަކު އޭނާ ދެކެ ތިހާ ރުޅިއަންނަން އޭނަ ކުރީ ކޮށްކުށެއްތަ؟ އޭނާއަށް ކުރެވުނު ކުށަކީ ތާޝާ ދެކެ އިންތިހާއަށް ލޯބިވުންތަ؟ ޒިދާން ތާޝާ ދެކެ ލޯބިވާނެ ވަރަށް ވާނެ އެކަކުވެސް މިތާނގަ ނޫޅޭނެކަން އަހަރެންނަށް ޔަގީން.. މަންމަ ކީއްވެތަ އަނީކްގެ ކޮޅަށް ހުންނަނީ؟ އޭނާ ވެސް މުއްސަނދި ކަމުންތަ؟ " ޖީނާ ވެސް ނުރުހޭ ގޮތްވިއެވެ.
" ޚަބަރުދާރު އަނީކޭ ކިޔާފަ އެންމެ ބަހެއް ވެސް އިތުރަށް ބުނެގެން ނުވާނެ... އަހަރެން މި ހުންނަނީ ތި ވާހަކަ ނުދައްކަން... އަނީކް އެއީ ކިހާވަރެއްގެ މީހެއްކަން އެނގޭތީއެއްނު އޭނަ އަތުއަޅުވާލަން އުޅުނީ؟" އަންފޫޒާގެ ފަހު ޖުމްލައާ އެކު ޖީނާއަށް ބަލައިލެވުނީ ލިބުނު ސިހުމަކުންނެވެ.
" ކަލޭ އަނީކާ އެކު ކުޅުނު ކުޅިގަނޑު އަހަރެންނަށް ނޭނގޭނެ ކަމަށްތަ ހީކުރަނީ... ކަލޭގެ ލަދު ހަޔާތް ކުޑަކަމުން ނޫންތަ ތާޝާގެ ހައްޤަކަށް އަރައިގަންނަން އުޅޭނީ... އަހަރެންނަށް އެކަންޏެއް ނޫން ދާނިޔާލްއަށް ވެސް އެކަން އެނގޭ.. އަހަރެން އެންމެ ލަދުގަތް ކަމަކީ އެއީ...ހަނދާންކުރާތި މީގެ ފަހުން އަނީކާ ދިމާލަށް ބަލައިލިކަން އެނގުނަސް އަހަރެންނަށް ވުރެ ނުބައި މީހަކު ނެތްކަން އަންގާލަ ދޭނަން.. ކަލެއަށް އޮތް އަދަބަކީ ތާޝާއާއި އަނީކްގެ ކައިވެނީގެ ހުރިހާކަމެއް ކަލޭގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުން... އަދި އުޅެފިއެއްނު ނުވާވަރުގެ ކަންތައްތައް ކުރަން. މިހާރު އެނގޭނެ ތިމާގެ ފެންވަރުން އުޅެން... " އަންފޫޒާގެ އަޑުގައިވީ މަލާމާތެވެ. އެބުނާ ކޮންމެ ލަފްޒަކުން ޖީނާގެ ހިތް ކުދިކުދިވަމުން ދިޔަކަން އަންފޫޒާއަށް އިހުސާސް ނުވަނީ ހެއްޔެވެ؟ އަންފޫޒާ ނިކުމެގެން ދިޔައިރު ވެސް ޖީނާއަށް ހުރި ތާނގައި ހުރެވުނީއެވެ. އަންފޫޒާއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ހެއްޔޭ ޖީނާގެ ހިތަށް އެރިއެވެ. އޭނާގެ ހިތާމަތައް ފިލުވައިދިނުމުގެ ބަދަލުގައި އޭނާގެ މަންމަ އެ ދިޔައީ އެހިތާމަތައް އިތުރުކޮށްދީފައެވެ. އޭނާ އިތުރަށް ރޮއްވައިލައިފައެވެ. އަންފޫޒާއަށް ހުރިހާ ވެސް އެއްޗަކީ ފައިސާކަން މިއަދު އެނގިއްޖެއެވެ. ދާނިޔާލް ބުނާހާ ގޮތަކަށް އަންފޫޒާ ކަންތައް ކުރަނީ އެމީހުންގެ ފަރާތުން ލިބޭ އެންމެ ފައިސާ ފޮއްޗެއް ވެސް މަދުވެދާނެތީއެވެ. ރިޒްޤު ދެއްވާ ފަރާތެއްވާކަން ހަނދާން ނެތް ކަހަލައެވެ. އަންފޫޒާ ކޮންމެ އިންޒާރެއް ދިނަސް ޖީނާ އޭނާގެ އުސޫލުތަކާ ހިލާފެއް ނުވާނެއެވެ. އަދިވެސް ތާޝާއަށް ވިސްނައިދެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. ތާޝާ ހަނދާންވީ މާޒީގެ އެއްބައެވެ. ބާކީ އޮތްބައި ވެސް ހަނދާންކޮށްދެވޭތޯ އޭނާއަށް ކުރެވުނުހާ މަސައްކަތެއް ޖީނާ ކުރާނެއެވެ.
*****
ފަތިސް ނަމާދުކޮށް ނިންމައިލައި އަނެއްކާވެސް ތާޝާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. ޒިދާން އަދިވެސް އެ ހުރި ތަނުގައި ހުއްޓެވެ. މުޅި ރޭ ތާޝާ ހޭދަކުރީ އެ ފަދަ ގޮތަކަށެވެ. އިރުއިރުކޮޅާ ގޮސް ކުޑަ ދޮރުން ބޭރު ބަލައިލެވެއެވެ. ޒިދާން ކައިރިއަށް ގޮސް އޭނާއާ ވާހަކަ ދެއްކުމަށް ތާޝާ ހިތް ބުނި ނަމަވެސް އެކަން ކުރާކަށް އޭނާ ބޭނުމެއް ނޫނެެވެ. ޒިދާން ކޮށްފައި ވަނީ އޭނާއަށް މާފު ދެވޭވަރުގެ ކަމެއް ނޫނެވެ.
*****
ހެނދުނުގެ ސަޔަށް އިންސާފުކުރަން މޭޒު ދޮށުގައި ޒައިނާއާއި މާދިހުގެ އިތުރުން ރާއިފް އިނެވެ. ތަނަށް ވެރިވެފައިވީ ހިމޭންކަމެވެ. ރާއިފް އިރުއިރުކޮޅާ މާދިހާއި ޒައިނާއާ ދިމާލަށް ބަލައިލައެވެެ. އެއްފަހަރު މާދިހަށް ބަލައިލައިފިއްޔާ އަނެއްފަހަރު ޒައިނާއަށެވެ. ކުރެވުނު ކަންތަކާ ރާއިފް ދެރައެއް ނުވެއެވެ. އޭނާ ދެކޭ ގޮތުން ތާޝާއަށް ހަޤީގަތް ކިޔައިދީގެން އޭނާއަށް ކުރެވުނީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު ރާއިފް ދެރަ ވަނީ އެކަމުގެ ސަބަބުން ޒައިނާ ދެރަވެފައި އިނުމުންނެވެ. މާދިހު ވެސް އޭގެ ފަހުން ރާއިފާ ހަތަރުކަޅި ހަމަކޮށް ވާހަކައެއް ނުދައްކައެވެ.
" ދޮންބޭ! ދޮންތާ!" އެންމެފަހުން ނީނދެވިގެން ރާއިފް ގޮވައިލިއެވެ.
" ކިހިނެއްވީ ރާއިފް؟؟ މިހާރު ކީކޭ ކިޔަން ބާކީ އޮތީ؟ " ޒައިނާ އެއްޗެއް ބުނުމުގެ ކުރިން ވާހަކަ ދެއްކީ މާދިހެވެ. ރާއިފް ކަންތައް ކުރި ގޮތުން މާދިހު އިނީ ހިތްހަމަނުޖެހިފައެވެ. މި ވީހާއިރު އެކަމާ ބެހޭ ގޮތުން މާދިހު ބަހެއް ނުބުނަން އިނީ ޒައިނާގެ އެދުމުގެ މަތީންނެވެ. އެހެން ނަމަވެސް މިހާރު މާދިހުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.
" މާދިހު ޕްލީޒް! ވެދިޔަ ކަންތައް ހަނދާން ނައްތާލާށޭ އަހަރެން ބުނީމެއްނު.." ޒައިނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުއެވެ.
" ދޮންބެއަށް ވެސް ހީވަނީ އަހަރެން ކަންތައްކުރީ ގޯސްކޮށްހެން ދޯ.." އަތުގައި އޮތް ރޮށިކޮޅު ތަށިތެރެއަށް ވައްޓައިލަމުން ރާއިފް އަހައިލިއެވެ. ރުޅި މަޑުކުރެވޭތޯ ބަލަމުން މާދިހު ފުން ނޭވައެއް ދޫކޮށްލިއެވެ. ރުޅީގެ ބަދަލުގައި ރުޅި އިސްކޮށްފި ނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ. މައްސަލަ ހައްލު ވާނީ ރުޅިމަޑުކޮށް ކެތްތެރިކަމާ އެކު ވާހަކަ ދައްކައިގެންނެވެ.
" ރާއިފް!! ދޮންބެ ބުނަންތަ ވާހަކައެއް؟ ރާއިފެކޭ އެއްގޮތަށް ޒިދާން ވެސް އުޅެ ބޮޑުވީ އަހަރެންގެ ކުރިމަތީގައި. އަހަރެން ޒައިނާއާ ނީންނައިރު ވެސް ޒިދާނަކީ އަހަރުމެންގެ ގެއަށް އައިސް އުޅޭ ކުއްޖެއް.. އެހެންކަމުން ރާއިފްގެ ގޮތް އަހަރެން ދަންނަ ފަދައިން ޒިދާންގެ ގޮތް ވެސް އަހަރެންނަށް ރަނގަޅަށް އެނގޭ.. އަދި ދޮންބެ ހީކުރީ ދޮންބެމެންނަށް ވުރެ ބޮޑަށް ޒިދާންގެ ގޮތް އެނގޭނީ ރާއިފަށް ކަމަށް.. ދެ ބަނޑުން އުފަންވި ނަމަވެސް ތިއީ ކޮއްކޮއާ ބޭބެ ފަދައިން އުޅުނު ދެ މީހުން...އެކަމަކު ވެސް ރާއިފަށް ޒިދާންގެ ގޮތެއް ނޭނގުނު.. ހަމަ ގައިމު ވެސް އަހަރެންނަށް ޔަގީން ޒިދާން އެ ފަދަ ކަމެއް ނުކުރާނެކަން.. އެއްކޮޅުން އެއީ ތާޝާގެ ދައްތަ އަޅެއްކޮޅުން ރާއިފްގެ ލޯބިވެރިޔާ.. ހަމަޔަގީން ކޮށްފަ ބުނަން އެނގޭ ޒިދާން ރާއިފާއި ތާޝާއަށް އެފަދަ ލަނޑެއް ނުދޭނެކަން. އެކަމަކު މިއަދު އޭނާއަށް އެންމެ އިތުބާރުކުރަންވީ ދެމީހުން އޭނާއަށް ޝައްކުކޮށް ގުޅުން ކަނޑައިލީ.." މާދިހު ބުންޏެވެ. ޒައިނާ އިސްޖަހައިގެން އިންއިރު އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ދުނިޔެމަތީގައި އޭނާގެ ކޮއްކޮއަށް ކުރިމަތިލާން ޖެހިފައި މިވަނީ ވަރުގަދަ އިމްތިހާނަކާއެވެ.
" ޝައްކެއް ނޫނޭ ދޮންބޭ.. އަހަރެންގެ މި ދެ ލޮލުންނޭ އެ މަންޒަރު ދުށީ.. " ރާއިފް ބުންޏެވެ.
" ރާއިފް ކޮއްކޯ!! ބައެއް ފަހަރު މީހާގެ ދެ ލޮލަށް ފެންނަ މަންޒަރަކީ ވެސް ހަޤީގަތަށް ނުވެ ހިނގައިދާނެ.. ބައެއް ފަހަރު އިންސާނާއަށް އެންމެ ކެހިދޭ އެކައްޗަކީ އޭނާގެ ދެ ލޯ.. އެންމެ ފަހަރަކު ވެސް ރާއިފް މަސައްކަތް ކުރިންތަ ޒިދާނާ ވާހަކަ ދައްކަން.. އެންމެ ފަހަރަކު ވެސް ޒިދާން ކައިރީގައި އަހަން ،މަސައްކަތް ކުރިންތަ އޭނާ އެ ގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ.. ނުކުރަމެއްނު... ޒިދާނަކީ ކުޑައިރުއްސުރެން ފެށިގެން ވެސް ރާއިފްގެ އެންމެ ގާތް އެކުވެރިޔާ.. އެހެންވީމާ އޭރުގައި އޮތް ރަހުމަތްތެރިކަމުގެ ހައްޤުގައި ވެސް އެންމެ ފަހަރަކު ޒިދާނާ ވާހަކަ ދައްކާލަބަލަ.." މާދިހު ބުންޏެވެ. އެ ދެއްކި ވާހަކަތަކާ މެދު ރާއިފް ވަރަށް ފުންކޮށް ވިސްނައިލިއެވެ. މާދިހު އެ ބުނީ ތެދެކެވެ. ވީކަންތަކަށް ފަހު ރާއިފް ޒިދާނާ ވާހަކަ ދައްކާކަށް މަސަައްކަތެއް ނުކުރެއެވެ.
އެ ވަގުތު ދޮރުން ވަދެގެން އައި ޒިދާނަށް ޒައިނާ ގޮވައިލިއެވެ. ޒައިނާއަށް ޒިދާން ބަލައިލިއިރު އެ މޫނުމަތި ހުދު ކަފަކޮޅެކޭ އެއްފަދައެވެ. އެ ދެ ލޮލުން ފެންނަމުން ދިޔަ ހިތްދަތިކަން ވަރަށް ރަނގަޅަށް ސާފުވާން ހުއްޓެވެ. މާދިހު ވެސް ޒިދާނާ ދިމާލަށް ބަލަހައްޓައިގެން އިނީ ހަމްދަރުދީގެ ބެލުމަކުންނެވެ.
" ކޮއްކޯ އާދޭ ސައިބޯން.. އިއްޔެ މެންދުރު ކޭއެއްޗަކާ އެއްކޮށެއްނު ތިހުރީ.." ޒައިނާ ބުންޏެވެ.
" މިވަގުތު ނިދާލަން ބޭނުން ވަނީ ދޮންތާ... " ޒިދާން އެހެން ބުނިއިރު އޭނާގެ އަޑުގައިވީ ރިހުން އެތާ ތިބި ކޮންމެ މީހަކަށް ވެސް އިހުސާސް ވާނެއެވެ، ރާއިފަށް ވެސް ރަނގަޅަށް އެކަން އިހުސާސް ކުރެވުނެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ގޯހެއް ހެދިއްޖެކަން އޭނާއަށް އިހުސާސް ކުރެވެން ފެށުނެވެ. އެތާނގައި އިތުރަށް މަޑުކުރަން ނުހަދާ ޒިދާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޒައިނާއަށް އިތުރަށް އެންމެ އެތިކޮޅެއް ވެސް ދިރޭ ގޮތެއް ނުވިއެވެ. ތަށި ހިފައިގެން އޭނާ ހިނގައިގަތީ ޒިންކާ ދިމާލަށެވެ.
*****
މާލޭގައި ހުރި ދާނިޔަލްގެ ހުރިހާ ރެސްޓޯރެންޓްތަކަށް ގޮސް އެތަނުގެ ކަންތައްތައް ހުރި ގޮތް އޭނާ ބަލައިލިއެވެ. ވިޔަފާރީގެ ކަންކަން ދާ ގޮތާ މެދު އޭނާ ހުރީ ހިތްހަމަޖެހިފައެވެ. އެންމެ ފަހުން ވަން ރެސްޓޯރެންޓްގެ ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދީފައި ގެއަށް ފޮނުވައިލުމަށް ފަހު ބަންދު ބޯޑު އަޅުވައިލީ އެވަގުތު ވަރަށް މުހިންމު ކަމެއްގައި މީހަކާ ބައްދަލުކުރަން ޖެހިފައި އޮތުމުންނެވެ. އެމީހަކާ ބައްދަލުކޮށް ވާހަކަދައްކަން އޭނާ ބޭނުންވީ ކިރިޔާ ވެސް މީހަކަށް އެނގުމެއް ނުވާހެން ސިއްރުންނެވެ. ކޮފީ މެޝިނުން އަމިއްލައަށް ކޮފީއެއް ހަދައިގެން އައިސް އެ ތަނުން މޭޒެއް ކައިރީގައި އޭނާ އިށީނެވެ. އެއަށް ފަހު ފޯނު ނެގުމަށް ފަހު ނަމްބަރަކަށް ގުޅައިލައި އެ ތަނަށް ވަނުމަށް ބުންޏެވެ.
އިރުކޮޅެއް ފަހުން އެ ތަނަށް ވަދެގެން އައި ފިރިހެން މީހާއަށް ދާނިޔާލް ބަލައިލިއެެވެ. އެ ބަލައިލުމުގައި އެއްވެސް ގާތްކަމެއް ނެތެވެ. ބަދަލުގައި ދާނިޔާލްގެ ދެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އެ މީހަކު އައިސް ދާނިޔާލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
" ދެން ތި ދައްކާ ވާހަކައެއް ދައްކަބަލަ.. އަހަރެންނަކީ ވަރަށް ބިޒީ މީހެއް.. ކުރަން މިއަށް ވުރެ މުހިންމު ކަންތައްތައް އެބަހުރި" ދާނިޔާލް ބުންޏެވެ. އެވަގުތު އެމީހެއްގެ ދެ ލޮލުން ވެސް ފާޅުވީ ރުޅީ އަސަރުތަކެވެ.
" އަހަރެން ކަލޭ ބުނި ހުރިހާ ކަމެއް ކޮށްދިނީ ބަދަލުގަ އަހަރެންނަށް ވެސް އެއްޗެއް ދޭން ބުނީމަކަން ހަނދާން ނެތުނީތަ؟ " އެމީހަކު ބުނީ ހިތްހަމަނުޖެހިފައެވެ.
" އަހަރެން ބުނި ކަންތައް ކަލެއަށް ކުރެވިފަ ކޮބާ؟ އެންމެ ފަހުން އަހަރެން މި ޖެހުނީ މި ކޮޅަށް އަންނާކަށްނު.. އެހެން ނޫނަސް ބޮޑެތި މީހުންނާ ދިމާލަށް ކަލޭ ކިޔާފަ ވާހަކަ ދައްކާކަށް ނުވާނެއްނު.. އަހަރެންމީ ހުރިހާ ކުދިންގެ ކުޑަބައްޕަ.. ނޫންތަ ޝާމިން؟ " ދާނިޔާލް އެހެން ބުނީ ވަރަށް ހަމަޖެހިލައިފައެވެ.
" ކުޑަބައްޕަ މައި ފުޓް... އަހަރެންގެ މުޅި ޒިންދަގީ ހަރާބުކުރި މީހަކީ ތީ.. އަހަރެންގެ ބައްޕަ ގަނެލައިގެން ގަދަކަމުން އަހަރެންގެ ކައިވެނި ޝާނާއާ ކުރުވީ ކަލޭ.. އަހަރެން ޝާނާއާ އިންނަން ޖެހުނީ ކަލެއާ ހެދި.. ލޯބިނުވާ މީހަކާ އެކު އުޅެން ޖެހިފައި މި ވަނީ ހަމަ ކަލެއާ ހެދި.. " ޝާމިން ބުންޏެވެ.
" ހުރިހާ ކަމެއް އަހަރެންގެ ބޮލަށް ނުޖަހާ.. ޝާނާއާ ކައިވެނި ކުރިއަސް ކަލޭ އުޅެނީ ކަލޭ ބޭނުން ގޮތަކަށްނު.. އެހެންވީމަ ދެން ކޮބާ މައްސަލައަކީ.. " ކޮފީތަށިން ކޯވަރެއްް ބޯލަމުން ދާނިޔާލް ބުންޏެވެ.
" މައްސަލައަކީ ކަލޭ.. ކިހާ ދެރަކަމެއް... މިކައިވެނީން އަހަރެން ސަލާމަތްކޮށްދޭނެ ކަމަށް ކަލޭ އެއްބަސް ވީމަ އަހަރެން ކަލޭގެ ދަރި ބިރު ގަންނަވަން ފެށީ.. ނުވީތާކަށް ބަރާބަރަށް ޖީނާއާއި ތާޝާގެ އިތުރުން އަނީކަށް ފާރަލަމުން ކަލެއަށް ހުރިހާ އަޕްޑޭޓެއް ދެމުން ގެންދިޔައީ.. ތާޝާއާއި ޒިދާންގެ ވީޑިއޯ ކަލެއަށް ނުފޮނުވި ނަމަ އަދިވެސް ކަލެއަކަށް ނޭނގޭނެ އެ ދެ މީހުންގެ ގުޅުމެއް... ކަލޭ ބުނެގެން އަހަރެން އަހަރެން އަނީކަށް ޖީނާއާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ކިޔައިދިނީ.. ޖީނާގެ ޑައިރީގައި ދޮގު ވާހަކަތަކެއް ލިޔެ، ޖީނާއާއި ޒިދާންގެ ފޮޓޯޝޮޕްކޮށްފައި ހުރި ފޮޓޯތަކެއް އަނީކަށް ދެއްކީ... މިހުރިހާ ކަމަކީ ކުރަން ފަސޭހަ ކަމެއް ނޫން.. " ޝާމިން ބުންޏެވެ.
" ހެހެހެ.... އަހަރެން ބުނީ ތާޝާ އެނބުރި މެލޭޝިޔާއަށް އަންނަވަރު ކުރާށޭ.. އެ ކަމެއް ކަލެއަކަށް ނުވިއެއްނު.. ދެން ކޮން މޮޅެތި ވާހަކަތަކެއް ތި ދައްކަނީ.." ދާނިޔާލް ބުންޏެވެ.
" އެންމެ ފުރަތަމަ ކަމަކަށް ކަލޭތީ އެހާ ރަނގަޅު މީހެއް ނަމަ އަމިއްލަ ދަރިއާ ދޭތެރޭ އެގޮތަކަށް ކަންތަކެއް ނުކުރާނެ.. ކަލެއަށް އެނގޭތަ އަހަރެންގެ ސަބަބުން ބިރުން ތާޝާ އުޅުނު ގޮތް... ތީ ވަރަށް އަމިއްލަ އެދުން ބޮޑު މަކަރުވެރި އިންސާނެއް.." ޝާމިން ބުންޏެވެ.
" އަހަރެން މީ ކޮންކަހަލަ އިންސާނެއްކަން ބުނެދޭން ކަލެއަކާ ނުޖެހޭނެ.. އަހަރެން މިއަދު މިތަނަށް އަންނަން މިޖެހުނީ ކަލެއާ ހަވާލުކުރި މަސައްކަތް ކަލެއަށް ނުކުރެވުނީމަ.. އެހެން ނޫނަސް އަހަރެންގެ ބޮލަށް ހުރިހާ ކަމެއް ތި ޖަހަނީ ޝާނާއާ އެކު އުޅެން ބޭނުން ނެތިއްޔާ ވަރިކުރީމަ ވީނު.. އޯވްހ ސޮރީ ވެއިޓް.. ޝާނާ ވަރިކޮށްފިއްޔާ ބައްޕަ މުދަލުން އެކައްޗެއް ވެސް ނުލިބޭނެ ދޯ.. ހަހަހަ.." ދާނިޔާލްގެ ތުންފަތްމަތީގައިވީ މަލާމާތުގެ ހިނތުންވުމެކެވެ. އެކަންވީ ޝާމިން އިތުރަށް ރުޅިގަދަ ކުރުވި ކަމަކަށެވެ.
" ކަލޭ ޖެހޭނީ އަހަރެންގެ ބައްޕައާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވަން.. އެހެން ނޫނީ އަހަރެންނަށް ވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ.." ޝާމިން އައި ރުޅީގައި ދާނިޔާލްއަށް ދިނީ އިންޒާރެކެވެ. ދާނިޔާލްގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
" ކީއްކުރާނީ؟... ކަލެއަށް ކުރެވޭނީ ކީއްހޭ؟" މޭޒުމަތީގައި އަތުން ޖަހަމުން ދާނިޔާލް ބުންޏެވެ. އެ ވަގުތު އޭނާގެ އަޑަށް ވެސް ބާރުވެގެން ދިޔައެވެ.
" އަހަރެންނާ ދެކޮޅަށް ކަލޭ ފިޔަވަޅެއް އެޅުމުގެ ކުރިން ހަނދާން ކުރާތި ކަލެއާ ދެކޮޅަށް އެތައް ހެއްކެއް އަހަރެން އަތުގަ ހުރިކަން.. ކަލެއަށް ދާން ޖެހޭނީ ޖަލަށް... އަނެއްކޮޅުން ބައްޕަގެ މުދަލުން ވެސް ކަލޭ ވާނީ ބާކީ.. އެހެންވީމަ އަހަރެންނާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ ކުރިން ވިސްނާތި" ދާނިޔާލް ބުންޏެވެ. ޝާމިން އަނގަ ބަންދުވިއެވެ. ބުނާނެ ކިތަންމެ އެއްޗެއް ހުއްޓަސް ދާނިޔާލް އެ ދިން އިންޒާރަށް ފަހު އަންގަ ބަންދުކުރަން އޭނާއަށް މަޖުބޫރެވެ.
" ނައު ލީވް.... ލީވް!!!" ދާނިޔާލްގެ އަޑު ކުރިއަށް ވުރެ ވެސް ބާރުވެގެން ދިޔައެވެ. ޝާމިނަށް ބުނެވޭނެ އިތުރު ބަހެއް ނެތުމުން އޭނާއަށް ޖެހުނީ އެތަނުން ނިކުންނާށެވެ. އެހެން ނަމަވެސް އޭނާ ވަނީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭނާގެ ހަށިގަނޑުގައި ރޯވަމުން ދިޔައީ ބަދަލު ހިފުމުގެ ރޫހެވެ.