ޚަބަރު

ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ޝައްކެއްގެ މަތީގައި ހުރެ ދޮރު ލައްޕަން ދިޔަ ވަގުތު ކޮޓަރީގައި އެހެން މީހަކު ހުރި ކަމުގެ އިހުސާސް ކުރެވުނެވެ. ފިޔަވަޅުތައް މަޑުޖައްސައިލި ވަގުތު މީހެއްގެ ނޭވާގެ އަޑު އިވިފައި ތާޝާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތްތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. މަޑުމަޑުން ފަހަތަށް ބަލައިލި ވަގުތު ފެނުނު މަންޒަރުން ތާޝާއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނެވެ. ކުރިމަތީގައި ހުރި ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި ހުރި މީހެކެވެ. އެމީހެއްގެ މޫނު ވަނީ ކަޅުކުލައިގެ މާސްކަކުން ފޮރުވިފައެވެ. ފެންނަނީ ހަމަ އެކަނި ދެލޮލެވެ. އަތުގައި އޮތް ތޫނު ވަޅި ފެނި ތާޝާއަށް ދެވަނަ ފަހަރަށް ހަޅޭއްލަވައިގަނެވުނެވެ. ހަމަ އެހިނދު ބޮލަށް އެނބުރުން އަރައި ތިރިއަށް ވެއްޓުނެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާ އެކު އެމީހާ ކުޑަދޮރު ހުޅުވައިލައިފައި ތިރިއަށް ފުންމައިލިއެވެ.

Ads by Hajj Corporation

ދޮރުން އެތެރެއަށް އެންމެ ފުރަތަމަ ވެސް ވަދެވުނީ ޖީނާއަށެވެ. އެމީހާ ފުންމައިލި މަންޒަރު ޖީނާއަށް ރަނގަޅަށް ފެނުނެވެ. އެހެނަސް އެއީ ކާކުތޯ ބަލަން ދިއުމަށް ވުރެ ބޮޑަށް އަވަސްވެގަނެވުނީ ހަބަރު ހުސްވެފައި އޮތް ތާޝާ ކައިރިއަށް ދިއުމަށެވެ. އޭރު ޖީނާގެ ފަހަތުން އަންފޫޒާއާއި އަނީކް ވެސް ވަދެއްޖެއެވެ. ވެއްޓިފައި އޮތް ތާޝާ ފެނި އަނީކް ވެސް ތާޝާ ގާތުގައި އިށީނދެ ތާޝާއަށް ގޮވަން ފެށިއެވެ. އަންފޫޒާ ވެސް އަނގަމަތީގައި އަތްއަޅައިލީ ކަންބޮޑުވީ ވަރުންނެވެ. އެމީހާ ތާޝާއަށް ކަމެއް ކުރީ ކަމަށް ހީކޮށް ތާޝާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ހުރިތޯ ޖީނާއަށް ޗެކް ކޮށްލެވުނެވެ.

އަނީކްގެ އަތްމައްޗަށް ތާޝާ އުފުލައިލުމަށް ފަހު ގޮސް އެނދުގައި ބޭއްވިއެވެ. ތާޝާއަށް ހޭވެރިކަމެއް ނުވާތީ އެއްފަރާތުގައި އޭނާގެ އަތްތިލައިގައި ހިފަހައްޓައިގެން އިން ޖީނާއަށް އިނީ ރޮވެން ކައިރިވެފައެވެ. އަނެއް ފަރާތުގައި އަނީކް ތާޝާގެ މޫނުގެ ދެފަރާތުގައި މަޑުމަޑުން ތަޅަމުން ތާޝާއަށް ގޮވަމުން ދިޔައިރު އަންފޫޒާ އަތްގޮއްޓަކަށް ފެންއަޅާ ތާޝާގެ މޫނަށް ބުރުވަމުން ދިޔައެވެ. ޖީނާ އިރުއިރުކޮޅާ ވިންދު ޗެކް ކުރަމުން ދިޔައީ ތާޝާއަށް ކުޑަވެސް ގެއްލުމެއް ލިބެން ނޭދޭތީއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.

އަންފޫޒާ އާއިލީ ޑޮކްޓަރަށް ގުޅީ އެތައް މަސައްކަތެއް ކޮށްގެން ވެސް ތާޝާއަށް ހޭވެރިކަމެއް ނުވުމުންނެވެ. ހަމަ އެވަގުތު ނިދާ ހެދުމުގައި ހުރި ޝާނާ ވެސް އެތަނަށް ވަދެއްޖެއެވެ. ތާޝާ ފެނުމުން އޭނާއަށް ވެސް ހައިރާން ކަމެއް ލިބި ކިހިނެއްވީތޯ ސުވާލުކޮށްލެވުނެވެ. ޝާނާ ކޮރެއް ޖަހަމުން އައިކަން ފާހަގަވުމުން ވީކިހނެއްތޯ އަންފޫޒާއަށް ސުވާލުކޮށްލެވުނެވެ.

" ފާހާނައިގައި އުޅެނިކޮށް ހަޅޭއްލަވައިގަތް އަޑުއިވި އަވަހަށް ނިކުންނަށް ހަދައިގެން ކައްސާލީ.." ޝާނާ ޖަވާބުދިނެވެ. އެއަށްފަހު އަނެއްކާ ވެސް ތާޝާއަށް ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. އަންފޫޒާ ވެގެން އުޅޭގޮތް ޝާނާއަށް ކިޔައިދިނެވެ. ނަމަވެސް ޝާނާގެ މޫނުމަތިން މާބޮޑު ކަންބޮޑުވުމެއް ނުފެނުނެވެ.

" އެމީހާ ތާޝާއަށް ކަމެއް ކުރީ ކަންނޭނގެ!!" ރޮވިފައި އިން ޖީނާ ބުނެލި އަޑުއިވިފައި އެތާ ތިބި އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

" ކާކު؟ ތާޝާއަށް ކާކު ކީއްކުރީ؟؟" އަނީކް އަވަސްއަވަހަށް ސުވާލުކޮށްލިއެވެ. އަންފޫޒާއާއި ޝާނާއަށް ވެސް ޖީނާއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ އޭނާގެ ޖަވާބަކަށް އިންތިޒާރުކުރާ ފަދައަކުންނެވެ.

" ތާޝާ ހަޅޭއްލަވާ އަޑަށް އަހަރެންނަށް ކޮޓަރިއަށް ވަދެވުނު ވަގުތު މީހަކު ކުޑަދޮރުން ފުންމާލި ތަން އަހަރެންނަށް ފެނުނު... " އެނދާ ދިމާލުން ވާތް ފަރާތުގައި ހުރި ކުޑަދޮރަށް ބަލައިލަމުން ޖީނާ ބުންޏެވެ. އެންމެނަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަނީކް އަވަސްއަވަހަށް ގޮސް ކުޑަދޮރުން ތިރި ބަލައިލިއެވެ. އަނދިރިކަމުން މާރިތިކޮށް ފެންނަގޮތެއް ނުވިއެވެ.

" މަތިން ފުންމައިލި މީހަކަށް ގެއްލުމެއް ނުވެ ހުރެދާނެތަ؟" އަންފޫޒާއަށް ސުވާލުކޮށްލެވުނެވެ.

" ތިޔެއް ނޭނގެ... މީ ދެން އެހާ ވެސް މައްޗެއް ނޫނެއްނު... އަހަރެންނަށް އެނގެނީ އެމީހަކު ތިރިއަށް ފުންމާލިތަން އަހަރެންގެ ދެލޮލުން ދުށިން ކަން..." ޖީނާ ބުންޏެވެ.

" މިފަރާތް ކީއްވެ ނުދިއްލާ އެ ހުންނަނީ.. ؟ އެހެން ނޫން ނަމަ ކެމެރާއަށް އެރީހެއްނު.." އަނީކަށް ބުނެވުނެވެ. އެއަޑުގައި ވަނީ ކަންބޮޑުވުމެވެ.

" ތި ތަން އަބަދުވެސް ހުންނާނީ ދިއްލާފަ.. މިރޭ ނޭނގެ ނިވިފަ ތިހިރީ ކީއްވެކަމެއް...؟" އަންފޫޒާއަށް ވެސް އަނީކް ބުނި އެއްޗަކާ މެދު ވިސްނައިލެވުނެވެ.

" ކޮބާ ޝާމިން؟ އޭނަ ފޮނުވަބަލަ ބަލައިލަން... ވަގެއް ކަމަށް ވެސް ވެދާނެއްނު" ޝާނާއަށް ބަލައިލަމުން އަންފޫޒާ ބުންޏެވެ. ޝާނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. ޝާމިން ވީ ތަނެއް އޭނާއަކަށް ނޭނގެއެވެ. އެނގެނީ ޝާމިނަކީ އެއްވެސް އިރެއްގައި އޭނާ ދާ ތަންތަން ޝާނާ ކައިރީގައި ބުނެފައި ދާ މީހެއް ނޫން ކަމެވެ.

" ފްރެންޑަކާއެކު ކޮފީއަކަށް ދިޔައީ..." ޝާނާ ދޮގެއް ހަދައިލިއެވެ.

" ވެދާނެއްނު ލައިޓް އެނދީކަމަށް ވެސް... އެހެންވެގެން ކަންނޭނގެ ވަގަކަށް އެ ވަދެވުނީ ވެސް. ކުޑަދޮރު ހުޅުވައިފައި ހުރީމަ ވަދެވުނީ ކަމަށް ވާނީ" ޝާނާ އޭނާއަށް ހީވާގޮތް ފާޅުކުރިއެވެ.

ހަމަ އެވަގުތު ޑޮކްޓަރު ގޮވައިގެން ރާމިޔާ އައިސް އެކޮޓަރިއަށް ވަނެވެ. ޑޮކްޓަރު ތާޝާ ބަލަން ފެށުމުން އަންފޫޒާ ކުރިއަށް ޖެހިލައި ވީގޮތް ޑޮކްޓަރަށް ކިޔައިދިނެވެ. ތާޝާގެ ވައިޓަލްސް ޗެކް ކުރުމަށް ފަހު ހުރިހާ ކަމެއް ރަނގަޅު ކަމުގައި ޑޮކްޓަރު ބުނެލިއެވެ. ޝޮކްގެ ސަބަބުން ހޭނެތުނީ ކަމަށާއި އިރުކޮޅެއްގެ ތެރޭގައި ހޭއަރާނެކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ. އަދި ދެގަޑިއިރު ތެރޭގައި ހޭ ނާރައިފި ނަމަ ހޮސްޕިޓަލަށް ގެންދަން ވެސް އިރުޝާދު ދިނެވެ.

ޑޮކްޓަރު ނިކުމެގެން ދިއުމުން އަނީކް ތާޝާއާ ގާތްވެލިއެވެ. ތާޝާގެ ބަނޑުމަތީގައި އޮތް އޭނާގެ އަތުގައި ހިފައިލަން އުޅުނު ވަގުތު ޖީނާ އޭނާގެ އަނެއް އަތް ތާޝާގެ އަތްމަތީގައި ބޭއްވިއެވެ. އަނީކް ޖީނާގެ މޫނަށް ބަލައިލިއެވެ. އެހިނދު ޖީނާގެ މޫނުމަތިން އޭނާއަށް ފެނުނީ އިންޒާރީ ކުލަވަރެކެވެ. ތާޝާ ގައިގައި އަތް ނުލާށޭ ބުނި ކަހަލައެވެ.

" ދެން އެންމެން ދާންވީނު ނިދަން... އަހަރެން މިރޭ ތާޝާ ކައިރީގައި މަޑުކުރާނީ... ގޯސްވަންޏާ ބުނާނަން.." އެންމެންނަށް ވަކި ވަކިން ބަލައިލަމުން ޖީނާ ބުންޏެވެ.

" އަހަރެން ވެސް ބޭނުން ތާޝާ ކައިރީގައި މަޑުކުރަން.." އަނީކް ބުނެލިއެވެ. ތާޝާ އެ ހާލަށް ދޫކޮށްލައިފައި އެ ތަނުން ދާން އަނީކް ނުރުހުނެވެ.

" ފިރިހެނަކަށް ވުރެ މިތާ އަންހެނަކު އިނުން ބުއްދިވެރި... އެހެން ނޫނަސް ކަމެއް ގޯސްވަންޏާ އަހަރެން ގޮވާނަން..." ޖީނާ ބުންޏެވެ.

" ތިކަން އެނގޭ... އެކަމަކު ވެސް އަހަރެން މި ތަނުން ދާނީ ތާޝާއަށް ވާގޮތެއް ބަލައިފައި ދެގަޑިއިރު ވަންދެން އަހަރެން ބޭނުން މިތާ އިންނަން..." އަނީކް ބުނެލިއެވެ. ޖީނާގެ މޫނުމަތިން ނުރުހުން ފާޅުވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ. އެހެން ނޫނަސް އަނީކް ބުނާ ކޮންމެ އެއްޗަކަށް ރައްދުދީގެން ތަނުގައި ތިބި އެންމެންގެ ސަމާލުކަން ހޯދަން އެވަގުތު ޖީނާ ބޭނުމެއް ނުވިއެވެ.

" ދެކުދިން ވެސް ތިބެބަލަ މިތާ! ގޯހެއް ވާނަމަ މަންމައަށް ގޮވާތި..." އެތަނުން ނިކުންނަން ދަމުން އަންފޫޒާ ބުންޏެވެ. އަންފޫޒާގެ ފަހަތުން ޝާނާ ވެސް ނިކުތެވެ. ޑުރްސިންގް ޓޭބަލްގެ ގޮނޑި ހިފައިގެން އައިސް އެނދު ކައިރީގައި ބެހެއްޓުމަށް ފަހު އަނީކް އިށީނދެލިއެވެ. ޖީނާ އެއްއަތުން ތާޝާގެ އަތްތިލައިގައި ހިފަހައްޓައިގެން އަނެއް އަތުން ތާޝާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

ފަނަރަ މިނެޓް ފާއިތުވެގެން ދިޔައީއެވެ. ތަނަށް ވެރިވެފައިވީ މަރު ފަދަ ހިމޭންކަމެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައި ވެސް ނުލައެވެ. މިއަދު ހިނގާދިޔަ ކަންތަކާ މެދު ވާހަކަ ދައްކަން އަނީކް ބޭނުންވިއެވެ. ޖީނާ ކައިރިން މައާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އެކަމަށް ފަސްޖެހެވުނެވެ.

" ވަރަށް ބޮޑަށް ސޮރީ.." އެންމެ ފަހުން ހިތްވަރުކޮށްލާފައި އަނީކް ބުންޏެވެ. ދެބުމަ ކައިރިވެގެން ދިއުމާ އެކު ޖީނާ އަނީކަށް ބަލައިލިއެވެ.

" އަސްލު ތި ހީކުރާ ކަހަލަ ގޯސް މީހެއް ނޫން އަހަންނަކީ.. ހަޤީގަތުގައި ވެސް އަހަރެން ތާޝާ ދެކެ ވަރަށް ލޯބިވޭ... އަހަރެން ތާޝާއަށް ކިޔައިދިނީ އަހަރެންނަށް ޑެނީ އަންކަލް ކިޔައިދިން ގޮތަށް... އަންފޫޒައްތަ ކައިރީގައި ޖީނާގެ ވާހަކަދައްކަން އަހަރެންނަށް މަޖުބޫރުވީ... ޒިދާންގެ ސަބަނުން ތާޝާއަށް ގެއްލުމެއް ވާން ނޭދޭތީ... އަހަރެން ހިޔެއް ނުކުރަން އަންފޫޒާއްތަ އެ ފަދަ ގޮތަކަށް ކަންތައްކޮށްފާނެ ކަމަކަށް.. އަހަރެން ހަމަ އެކަނި ބޭނުންވީ ޖީނާއަށް ވިސްނައިދޭން..." އަނީކް ބުންޏެވެ. ޖީނާ އަނީކަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އަނީކް ދެއްކި ވާހަކަތައް އަޑުއަހައިފައި ފުރަތަމަ ފަހަރަށް އަނީކާ ދޭތެރޭގައި ޖީނާ ދެކޭ ގޮތް ބަދަލުވިއެވެ. އޭނާއަށް އެނގިފައި ވަނީ މީހަކު އޭނައަށް ކިޔައިދިން އެއްޗެކެވެ. އަނީކްގެ މަޤްސަދަކީ ތާޝާ ރައްކާތެރިކުރުންކަން ވިސްނުނެވެ. ނަމަވެސް ހަޤީގަތް އަނީކަށް އެބަ އެނގެންޖެހެއެވެ. ކަންތައްވީ އަނީކަށް އެނގިފައި އޮތްގޮތަށް ނޫންކަން އޭނާއަށް ބުނެދޭން އެބަޖެހެއެވެ.

"އެބަ އަންނަން" ޖީނާ އެނދުން ފައިބައިގެން ހިނގައިގަތެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ކޮޓަރިއަށް އައިސް ވަނީ އޭނާގެ ފޯނު ހިފައިގެންނެވެ.

" ހަޤީގަތް އެނގެން ބޭނުމިއްޔާ ނިކަން މީތި ބަލައިލަބަލަ... " އަނީކް އަތަށް ފޯނު ދިއްކޮށްލަމުން ޖީނާ ބުންޏެވެ. ހައިރާންކަމާ އެކު އަނީކް ޖީނާ ދިއްކޮށްލި ފޯނުގައި ހިފިއެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓިގެން ދިޔަ ވަގުތު އަނީކްގެ މޫނުމަތީގެ ކުލަ އޮއްސިގެން ދިޔައެވެ. ފެންނަމުން ދިޔައީ ޒިދާނާ އެކު ތާޝާ ނަގައިފައިވާ ފޮޓޯއެކެވެ. ޒިދާންގެ އަތުގައި ހިފައިގެން އޭނާގެ މޫނަށް ބަލަން ހުރި ތާޝާގެ ތުންފަތްމަތީގައި ވަނީ މީގެ ކުރިން އަނީކަށް ނުފެންނަ އާދަޔާހިލާފު އުފާވެރި ހިނިތުންވުމެކެވެ. ފޮޓޯއިން ފެންނަން ހުރި ޒިދާން ތާޝާއަށް ބަލަހައްޓައިގެން ހުރި ގޮތުން އޭނާ ތާޝާދެކެ ލޯބިވާވަރު ހާމަވެގެން ދެއެވެ. އެންމެ ހައިރާންކަމެއް ލިބުނީ އެ ފޮޓޯގައި ތާޝާ ޝޯލް އަޅައިގެން ހުރުމުންނެވެ. އޮރެންޖް ކުލައިގެ ޝޯލްގެ ތެރެއިން ފެންނަމުން ދިޔަ ތާޝާގެ ދޮން މޫނުމަތީގައި ވަނީ އާދަޔާހިލާފު ވިދުވަރެކެވެ. އިތުރަށް ބަލަން ކެތްނުވުމުން ޖީނާގެ އަތަށް ފޯނު ދިއްކޮށްލެވުނެވެ.

" ތި ފޮޓޯ ބަލާފަ ހީވޭތަ ޒިދާން ތާޝާގެ ފަހަތުން އުޅުނީ އޭނާގެ ނުރުހުމުގަހެން... ؟؟"ޖީނާ ސުވާލުކޮށްލިއެވެ. އަނީކަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ މެޔަށް ތޫނު ތަދެއް އިހުސާސް ކުރެވެމުން ދިޔައެވެ. ހިތަށް ކުރަމުން ދިޔަ އަސަރު ލޮލުން ފާޅުވެދާނޭހެން ހީވުމުން އިން ތަނުން ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޖީނާ އަނީކް ހުއްޓުވާކަށް ނޫޅުނެވެ. އަނީކްގެ މޫނުމަތި މިލާފައިވާވަރު ޖީނާއަށް ރަނގަޅަށް ފެނުނެވެ. ފުރަތަމަ ފަހަރަށް އަނީކާމެދު ޙަމްދަރުދީ ވެވުނެވެ. އެހެނަސް އޭނާއަށް އަނީކަށް ކޮށްދެވޭނެ ކަމެއް ނެތެވެ. ކޮންމެހެން ވެސް އަނީކަށް ހަގީގަތް އެނގެން އެބަޖެހެއެވެ.

އެނދުގައި އޮތް ތާޝާ ކުކުރާލި އަޑާއެކު ޖީނާ އަވަސްއަވަހަށް ފޯނު ނިއްވާލިއެވެ. ތާޝާ ކައިރީގައި އިށީނދެ ބޮލުގައި ފިރުމަމުން ތާޝާއަށް ގޮވައިލިއެވެ. އެވަގުތު ދެ ފަހަރަކު އެސްފިޔަ ތަޅުވައިލައިފައި ތާޝާ ލޯ ހުޅުވައިލިއެވެ. ރަނގަޅަށް ސިކުނޑި މަސައްކަތްކުރަން ފެށުމާ އެކު ކުއްލިއަކަށް ތެދުވެ އިށީނދެވުނެވެ. ތަންތަން ހޯދައި ބަލަން ފެށީ ބިރެއް ފެނިގެން ހޯދާފަދަ ގޮތަކަށެވެ. ގާތުގައި ޖީނާ އިންކަން އެނގުނީ ތާޝާގެ ނަމުން އެތައް ފަހަރަކު ޖީނާ ގޮވައިލި ފަހުންނެވެ.

" ޖީން....." ޖީނާ ގައިގައި ބައްދައިގަންނަމުން ތާޝާއަށް ބުނެވުނެވެ.

"މިކޮޓަރީގައި ފާޑެއްގެ މީހެއް ހުރީ.. އެމީހާ އުޅުނީ އަހަރެން މަރައިލަންވެގެން" ތާޝާގެ އަޑުން އޭނާ ބިރު ގަނެފައިވީ މިންވަރު ޖީނާއަށް އިހުސާސް ކުރެވުނެވެ.

" އިޓްސް އޯކޭ ތާޝާ ހަމަޖެހިބަލަ.. މިތާ ނެތޭ އަހަރެން ނޫނީ އެއްވެސް މީހެއް..." ތާޝާގެ ބުރަކަށީގައި ފިރުމަމުން ޖީނާ ބުންޏެވެ.

" އެއީ މިގެއަށް ވަން ވަގެއް... މިހާރު ފުލުހުންނަށް އަންގައިފި... ހާސް ނުވޭ... އިންޝާﷲ ދެން އެމީހާއަށް ނުކެރޭނެ މިތަނަށް ވަންނާކަށް.." ތާޝާއަށް ޔަގީންކަން ދޭފަދަ ގޮތަކަށް ޖީނާ ބުންޏެވެ.

" އަހަރެން ބިރުގަނޭ މިތާ އެކަނި އޮންނަން... ޖީން މަޑުކޮށްބަލަ މިތާ" ޖިނާއާ ދުރަށް ޖެހިލަމުން ތާޝާ ބުންޏެވެ.

" އަހަރެން ނުދާނަމޭ... މިތާ އޮށޯވެބަލަ..." ތާޝާ ބާއްވަން މަސައްކަތް ކުރަމުން ޖީނާ ބުންޏެވެ.

" ޖީން ވެސް އާދެބަލަ..." ތާޝާ ޖީނާގެ އަތުގައި ހިފަމުން ބުންޏެވެ. ޖީނާ ހިނިތުންވެލައިފައި އަނެއް ފަރާތުން ގޮސް ތާޝާ ގާތުގައި އޮށޯތެވެ. އެއަށް ފަހު ފޯނުން ޤުރުއާން ޖަހައިލުމަށް ފަހު ބާލީސް ކައިރީގައި ބޭއްވިއެވެ. ފޯނުން އިވެން ފެށި ބަޤަރާ ސޫރަތުގެ މޫރިތިވި އާޔަތްތަކުގެ އަޑުން، މަޑުމަޑުން ތާޝާގެ ހިތަށް ލިބިފައިވާ ބިރުވެރިކަން ފިލަން ފެށިއެވެ. މާގިނައިރެއް ނުވެ ޖީނާއަށް ނިދުނު ނަމަވެސް ތާޝާއަށް ޝައުޤުވެރިކަމާ އެކު އަޑުއަހަން އޮވެވުނީ ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. އެއާޔަތްތަކުގެ މާނަ އެނގެން ބޭނުންވިއެވެ. އޭނާގެ އަމިއްލަ ފޯނު ނެގުމަށް ފަހު ޔޫޓިއުބަށް ވަދެ އެސޫރަތުގެ މާނައާއެކު ސާޗްކޮށްލިއެވެ. ހިތަށް ލިބެމުން ދިޔަ ހިތްހަމަޖެހުމާ އެކު ނިދުނީ ވެސް އެ މާތް އާޔަތްތަކާއި އޭގެ މާނަ އަޑުއަހަން އޮއްވައެވެ.

*****

ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަން ޝާމިން ފެނުމާ އެކު މި ހުރިހާއިރު ނުނިދިފައި އޮތް ޝާނާ ފުންމައިގެން ތެދުވިއެވެ. ޝާނާއަށް މާބޮޑު ސަމާލުކަމެއް ނުދީ ޓީޝާޓު ބާލައިފައި އެނދުމައްޗަށް އެއްލުމަށް ފަހު ތުވާލި ހިފައިގެން ޝާމިން ހިނގައިގަތީ ފާހާނާ އާ ދިމާލަށެވެ. ޝާނާ އަވަސް ހަރަކާތަކާ އެކު ގޮސް ޝާމިންގެ ކުރިބެއްދިއެވެ.

" ކޮންތާކުން ތިއައީ..؟ ޔަގީނޭ ކޮންމެ ވެސް އަންހެނެއް ގާތުގަ އޮވެފަކަން އެ އައީ...ތިހެން އުޅެނިކޮށް މަންމަމެންނަށް އެނގިއްޖިއްޔާ މާރަނގަޅެއް ނުވާނެ..." ޝާނާގެ އަޑުގައި ވަނީ ނުރުހުމެވެ. އެއަޑުގައި އެކުލެވިގެންވި ހިތްދަތިކަން ދުރުން އަޑުއެހި ކޮންމެ މީހަކަށް ފާހަގަވާނެއެވެ. އެހެން ނަމަވެސް އެކަމުން ޝާމިނަށް މާބޮޑު އަސަރެއް ނުކުރިއެވެ.

" އާނ މިއައީ އަންހެނެއް ގާތުގަ އޮވެފަ... ކީއް ކުރެވޭނީ.... ކަލޭގެ ކުޑަބައްޕައަށް ވެސް މަންމައަށް ވެސް އެއްވެސް ކަމެއް ނުކުރެވޭނެ.. އެމީހުން ދެކެ އަހަރެން ބިރެއް ނުގަނޭ.." ޝާމިން ބުންޏެވެ.

" އެމީހުންނަށް ކަމެއް ނުކުރެވުނަސް ޝާމިންގެ ބައްޕައަށް ކުރެވޭނެ ކަންތައް އެބަހުއްޓެއްނު... އަހަރެންގެ ކެތްތެރިކަން ޓެސްޓް ނުކުރޭ... ޝާމިންގެ ބައްޕައާ ހަމައަށް އެއްވެސް ވާހަކައެއް ނުގެންދަން މިހުންނަނީ ޝާމިން ދެކެ ލޯބިވާވަރުން.. ޝާމިންގެ ބައްޕައަށް އެނގިޖިއްޔާ ވާނެގޮތް އެނގެއެއްނު.. ބައްޕަ ދެކެ ބިރުގަނެއެއްނު..." އިންޒާރެއް ދޭ ފަދަ ގޮތަކަށް ޝާނާ ބުނެލިއެވެ. އެ ތުންފަތުން ހިނިތުންވުމެއް ފާޅުވީ ޝާމިންގެ މޫނުމަތިން ޖެހިލުންވުން ފެނުމުންނެވެ. އޭނާގެ މަޤްސަދު ހާސިލްވުމުންނެވެ. ޝާމިން ވަކި އެއްޗެއް ނުބުނެ ޝާނާ އެއް ފަރާތަކަށް ކޮއްޕައިލުމަށް ފަހު ގޮސް ފާހާނާއަށް ވަދެ ބަންލާފައި ދޮރު ލެއްޕިއެވެ.

ހިތާހިތުން ހެމުން ގޮސް ޝާނާ އެނދުމަތީގައި އިށީނެވެ. ޝާމިންގެ އަމަލުތަކުން އޭނާ ޖެހިލުންވެއްޖެކަން ޔަގީން ވެއްޖެއެވެ. ޝާމިންގެ ބައްޕަ ނެތް ނަމަ އޭނާ ޝާނާ ވަރިކޮށްފައި ދިޔަތާ ކިތަންމެ ދުވަހެކެވެ. ލިބުނު ކާމިޔާބަށް ފަޚުރުވެރިވެ ހިނިތުންވެލައިގެން އެނދުގައި އިންދާ ފެނުނީ ފާހާނާއިން ޝާމިން ނިކުތް ތަނެވެ.

" މާދަން މިގެއަށް ފުލުހުން އަންނާނެ... " ޝާނާ ބުންޏެވެ. ޝާމިންގެ ދެ ބުމަ ގޮށް ޖެހިގެން ދިޔައެވެ. ހަރަކާތްތަކެއް ލަސްކަމެއް އައެވެ. އެކަމަކު ވެސް ކިހިނެއްވީތޯ ޝާނާއާ ސުވާލު ނުކުރިއެވެ.

" ތާޝާގެ ކޮޓަރިއަށް މީހަކު ވަނިއްޔޯ.. ވަގެއްކަމަށް ބެލެވެނީ... " ޝާމިން ނޭހިޔަސް ޝާނާ އިތުރަށް ކިޔައިދިނެވެ. ދެން ވެސް ޝާމިން އެއްޗެއް ނުބުންޏެވެ. ތެތް ތުވާލި ހަރުގަނޑު މައްޗަށް އެއްލުމަށް ފަހު އެނދުމައްޗަށް އަރާ އޮށޯވެ އަނެއް ފަރާތަށް އެނބުރުނެވެ. ޝާނާ ދަތްކުޑިވިކާލީ ޝާމިންގެ އަޅައިލުން ކުޑަކަން ފެނިފައެވެ.އެހެން ނަމަވެސް އޭނާ ހަމަޖެހިގެން އެނދުގައި އޮށޯތެވެ.

" ފުލުހުން އައިސް ސުވާލު ކުރާނެ... ވަކިވަކި މީހުން އެ ވަގުތު ތިބީ ކޮންތާކުތޯ ސުވާލުކުރާނެ.. އެހެންވީމަ ޝާމިން ދިޔަ ތަނަކާ ބެހޭގޮތުން ރަނގަޅު ޖަވާބެއް ތައްޔާރުކޮށްފައި ބާއްވާތި.." މަލާމާތްކުރާ ކަހަލަ ގޮތަކަށް ޝާނާ ބުންޏެވެ. ޝާމިންގެ ޖަވާބެއް ނުލިބުމުން ތުން އަނބުރާލަމުން ޝާމިނަށް ފުރަގަސް ދިނުމަށް ފަހު ދެލޯ މަރައިލިއެވެ.

*****

ފަތިސް ނަމާދުކޮށްގެން ޒިދާން ގެއަށް އައިސް ވަންއިރު ޒައިނާ ބަދިގޭގައި އުޅުނެވެ. މާޒް ގޮވައިގެން ކާމޭޒު ކައިރީގައި އޭނާއަށް ބުއްތަށި ދެވޭތޯ ރާއިފް އުޅުނެވެ. މިމަންޒަރު ފެނި ޒިދާނަށް ހީލެވުނެވެ. ދަރިއެއް ލިބުމުން ތިހެން އުޅޭނަންހޭ ބުނެ ރަހުމަތްތެރިޔާއާ ސަމާސާކޮށްލަން ބޭނުންވިއެވެ. އެހެން ނަމަވެސް އެ ނަސީބުން ޒިދާން ވަނީ މަހްރޫމްވެފައެވެ. ޒައިނާ ގާތުގައި ކޮފީއަކަށް އެދެމުން ޒިދާން ގޮސް ސޯފާގައި އިށީނެވެ. ފޯނު ނަގައިފައި ފޭސްބުކަށް ލޮގިންވެލިއެވެ. ސްކްރޯލް ކުރަމުން ދަނިކޮށް ފެނުނު ޕޯސްޓަކަށް ޒިދާންގެ ނަޒަރު ހުއްޓުނެވެ. އޭގައިވާ ލިޔުންކޮޅު ކިޔާލެވުނު ހިނދު މޭގައި ރިހުމެއް އުފެދުނެވެ.

' އައި ސްޓިލް ލަވް ޔޫ، ބަޓް ޔޫ ޑޯންޓް ކެއަރ' ލިޔުންކޮޅު ކިޔައިލުމަށް ފަހު ޒިދާނަށް ހިންދިރުވައިލެވުނެވެ. ހަނދާންވެގެން ދިޔައީ ތާޝާއާ ބައްދަލުވީ ރޭ ކަންތައް ހިނގާދިޔަގޮތެވެ. ޒިދާންގެ ކޯތާފަތް މަތީގައި ޖެހި ބާރު އެތި ފަހަރެވެ. ޒިދާނާ ދިމާލަށް ގޮވާލި ފަތިވަރެވެ. އޭނާގެ ކުރިމަތީގައި އެހެން ފިރިހެނެއްގެ އަތްތިލައިގައި ހިފުމަށްފަހު އެއީ ވާން އުޅޭ ފިރިމީހާ އޭ ބުނެލިގޮތެވެ. ހިޔާލީ ފުންކަނޑެއްގެ ތެރެއަށް ޣަރަގުވެފައިން ޒިދާނަށް ހޭވެރިކަމެއްވީ ކުޑަކުޑަ މާޒް އައިސް ދޮންބޭއޭ ކިޔާ އަތުގައި ހިފައި ތަޅުވައިގަތުމުންނެވެ.

" ކިހިނެއްވީ ދޫނީ..." މާޒް ކޮލުގައި ކޮއްޓައިލަމުން ލޯތްބާ އެކު ޒިދާން އަހައިލިއެވެ.

" މާޒް ބޭނުން ގޭމް ކުޅެން.. ތިއްތި ފޯނުގަ ނެތް ގޭމެއް..." އޭނާގެ ޅަ އަޑުން މާޒް ބުންޏެވެ.

" އެހެންތަ...! އަވަހަށް އާދޭ ގޭމްކުޅެން.. ދޮންބެ ފޯނުގަ ހުންނާނެ ބައިވަރު ގޭމްސް.." މާޒް ނަގައި އޭނާގެ އުނގުގައި ބައިންދަމުން ޒިދާން ބުންޏެވެ. ފޯނުން ގޭމެއް އަޅުވައިފައި މާޒްގެ އަތަށް ދިނެވެ. މާޒާއެކު ގޭމުގައި ބައިވެރިވަމުން ދިޔައީ އެހިޔާލުތަކާ ދުރަށްދާން ބޭނުންވެފައި އިންވަރުންނެވެ. ބަދިގޭގައި ކޮފީ ގިރަން ހުރި ޒައިނާއަށް މި މަންޒަރު ފެނުމުން ހިނިތުންވެލިއެވެ. ޒިދާނަށް އަންނަމުން ދާ ހެޔޮ ބަދަލު ފެނި ހެއްދެވިފަރާތަށް ހަމްދު ކުރެވުނެވެ.

*****

ޖެހިލުންވެފައި ހުރި ތާޝާ ކުރިމަތީގައި ހުރި ފުލުހުންގެ އޮފިސަރަށް ބަލައިލިއެވެ. ތާޝާ ޖެހިލުންވެ ހުރެ އޭނައަށް ފެނުނު މަންޒަރު ފުލުހުންނަށް ކިޔައިދިނެވެ. ޖީނާ ވެސް އޭނާއަށް އެކޮޓަރިއަށް ވަދެވުނު ހިސާބުން ފެނުނު ކަންތައްތައް ކިޔައިދިނެވެ. އަނީކް އެދުނީ ވީހާ ވެސް އަވަހަކަށް އެއީ ކާކުކަން ހޯދައިދީ އެމީހަކާ ދޭތެރޭގައި ފިޔަވަޅު އެޅުމަށެވެ. އަދިވެސް އެއްވެސް މީޑިއާއަކަށް ހަބަރު ނުދިނުމަށް އެދުނެވެ. އެއްވެސް ހާލެއްގައި މިކަންތައް ދާނިޔާލްއާ ހަމައަށް ދާން އަނީކް ބޭނުން ނުވީއެވެ. ތާޝާ ވެސް ބޭނުން ވަނީ އެ ގޮތްކަމުގައި ވާތީއެވެ. އަންފޫޒާ ގާތުގައި ވެސް އެކަން ސިއްރު ކޮށްދިނުމަށް އެދުނެވެ.

ޖީނާ އެ ދުވަހު ސްކޫލަށް ނުގޮސް ގޭގައި މަޑުކުރިއެވެ. މިއަދަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މޭޒު ދޮށުގައި އިނެވެ. ދޮރުގައި ޓަކި ދިނުމުން އެތެރެއަށް ވަނުމަށް ބުނެލީ ކާކުތޯ ވިސްނައިލުމެއް ނެތިއެވެ. އެކޮޓަރިއަށް އަންނަނީ އަންފޫޒާއާއި ރާމިޔާގެ އިތުރުން ތާޝާކަން ޖީނާއަށް އެނގެއެވެ. ދޮރު ހުޅުވެމުން ދިޔަ ވަގުތު ޖީނާ ދޮރާދިމާލަށް ބަލައިލިއެވެ. އެތެރެއަށް ބޯދިއްކޮށްލި އަނީކް ފެނިފައި ޖީނާއަށް ލިބުނީ ސިހުމެކެވެ. އިނދެވުނީ ބުރުގާ ނާޅައިކަން ހަނދާންވެފައި ދޮރު ލައްޕާށޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަނީކަށް ވެސް ލިބުނީ ސިހުމެކެވެ. ޖީނާ ބުރުގާ ނާޅާ އިނދެދާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ. އަވަސްއަވަހަށް ދޮރުލައްޕައިލިއިރު އެ މޫނުމަތިން ހިސާބަކަށް ލަދުވެތިކަން ފެންނަން ހުއްޓެވެ.

ގަތް ލަދާއެކު ކަރުބުޑުން އަޑެއް ލައްވައިލަމުން އަމިއްލަ މޫނުގައި ޖީނާއަށް ތަޅައިގަނެވުނެވެ. އޭނާ ކޮޓަރިއަށް އަނީކް އަންނަން ޖެހުނީ ކީއްވެހޭ ހިތަށް އެރިއެވެ. އަވަސްއަވަހަށް ބުރުގާ އަޅައިގެން ކޮޓަރީގެ ދޮރު ހުޅުވިއިރު ދޮރުމަތީގައި ފުރަގަސްދީގެން އަނީކް ހުއްޓެވެ.

" ކިހިނެއްވީ ކަމަކުތަ...؟" ޖީނާ އެހިއެވެ.

" ބުރުގާ އަޅައިފިންތަ؟" އަނީކް ކޮށްލީ ސުވާލެކެވެ. ޖީނާ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން އެހެން އަހަން ނޭނގުނީހޭ ހިތަށް އެރިއެވެ.ޖީނާ އާނއެކޭ ބުނުމުން އަނީކް ޖީނާއާ ދިމާލަށް އެނބުރުނެވެ.

" ސޮރީ ވަރަށް ބޮޑަށް... އަހަރެން ހިޔެއް ނުކުރަން...." އަނީކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

" ހުމްމްމް ދެން އޯކޭއޭ... ބުނެބަލަ މިތަނަށް އައި ސަބަބެއް.." ޖީނާ އަވަސްއަވަހަށް ބުނެލީ އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ލަދުވެތިކަމެއް އިހުސާސްވާތީއެވެ.

"ރުންކުރުކޮށް ނޫނީ ބަހެއް ނުކިޔޭބާއޭ ހިތަށް އަރާ" އަމިއްލަ ހިތަށް އިވޭވަރަށް އަނީކް ބުނެލިއެވެ.

" އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.... އޯކޭތަ ތިކޮޓަރިއަށް ވަނަސް.." ނުކެރި ހުރެފައި އަނީކް އެހިއެވެ. ޖީނާގެ މޫނަށް ބަލަމުން ދިޔައީ އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!